ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ އެ އަވަށުން އިތުރަށް ބިން ހިއްކުމާ އެކު، ބަނދަރުގެ ޖާގަ ކުޑަވުމުން ދިމާވާނެ ދަތިތައް ކުޑަކުރުމަށް ކަމަށް އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.
26 މެއި 2025
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ އެ އަވަށުން އިތުރަށް ބިން ހިއްކުމާ އެކު، ބަނދަރުގެ ޖާގަ ކުޑަވުމުން ދިމާވާނެ ދަތިތައް ކުޑަކުރުމަށް ކަމަށް އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ އާ މާސްޓަޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ހުޅުމާލޭގެ ފުރަތަމަ މާސްޓަޕްލޭން އެކުލަވައިލުމަށް މީގެ 24 އަހަރު ކުރިން އިސްކޮށް އުޅުއްވި މައުރޫފް ވިދާޅުވީ، ކޮންމެ މާސްޓަޕްލޭނަކީ ވެސް ޒަމާނާއި ތަރައްގީއާ އެއްގޮތަށް "ސްޓްރަކްޗާޑް" ގޮތަކަށް ބަދަލުވަމުން އަންނަން ޖެހޭނެ އެއްޗެއް ކަމަށެވެ.
މާސްޓަޕްލޭނަކީ އަބަދު އެއްގޮތަކަށް އޮންނަން ޖެހޭނެ އެއްޗެއް ނޫން ކަމަށާއި ހުޅުމާލޭގެ މާސްޓަޕްލޭން މިހާރު އޮތްގޮތަށް ބަލާއިރު، ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް އެމަނިކުފާނާ ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހުޅުމާލެ އަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމުގެ ދަށުން އެ އަވަށުގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ހަދައި ރާއްޖޭގެ ފައިނޭންޝަލް ކެޕިޓަލްއަށް ހެދުމުގެ މަސައްކަތް ފަށާފައި ވާތީ، އެ މާސްޓަޕްލޭނަށް އިސްލާހީ ބަދަލުތަކެއް ގެނައުން މުހިންމު ކަމަށް މައުރޫފު ވިދާޅުވި އެވެ.
"ހުޅުމާލޭގެ މާސްޓަޕްލޭން ރިވައިޒް ކުރަން ޖެހުނު އެއް ސަބަބަކީ ހުޅުމާލެ ބަނދަރުގެ ބޮޑު ބައެއް ހިއްކައި، ބަނދަރުގެ ސްޕޭސް ވަރަށް ބޮޑަށް ކޮމްޕްރޮމައިޒް ވުމުން. ރަށެއްގެ ބަނދަރަކީ އެ ރަށެއްގެ އެންމެ މުހިންމު އެއް ބައި. ބަނދަރެއް ނެތި އަޅުގަނޑުމެންގެ އެހެން ވަސީލްތަކެއް ރަނގަޅަށް ނުހިނގާނެ،" މައުރޫފް ވިދާޅުވި އެވެ.
ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2023 ވަނަ އަހަރު ވަނީ ހުޅުމާލޭގެ ބަނދަރު ސަރަހައްދުން ބޮޑު ބައެއް ހިއްކައި އެ ތަނުން ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ނިންމައިފަ އެވެ. އެހެންވެ، ހުޅުމާލޭގެ ބަނދަރުން ބޮޑު ބައެެއް ވަނީ ގެއްލިފަ އެވެ.
މައުރޫފް ވިދާޅުވިގޮތުގައި، އެޗްޑީސީން މިހާރު މަސައްކަތްކުރަމުން އަންނަނީ ބިންވެރިޔާ ސްކީމުން ދީފައި ހުރި އެއްވެސް ގޯއްޗެއް މަދު ނުވާނެ ގޮތަށް، ބަނދަރުގެ ޖާގަ ބޮޑުކުރެވެން އޮތް ގޮތަކަށް ބޮޑުކުރުމަށް ކަމަށެވެ. މި އާ މާސްޓަޕްލޭން އެކުލަވާލާފައި ވަނީ ބަނދަރުގެ ޖާގަ ބޮޑުވާނެ ގޮތަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވިި އެވެ.
މި މާސްޓަޕްލޭން ފައިނަލް ކުރުމުގެ ކުރިން ސްޓޭކްހޯލްޑަރުންނާއި އާންމުންގެ ހިޔާލު ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު އިފްތިތާހުކުރި އެޗްޑީސީގެ އާ ވެބްސައިޓާއެކު ވެސް އެޗްޑީސީގެ ހިންގުން ހަރުދަނާވާނެ ކަމަށް މައުރޫފު ވިދާޅުވި އެވެ.
އެޗްޑީސީގެ އާ ވެބްސައިޓުގައި ވަނީ ވިސުލްބްލޮވާސް އަށް ހާއްސަ ޕޯޓަލްއަކާއި ހުޅުމާލޭގެ ޕާޓްނާސް އަށް ހާއްސަ ބާބެއް އަދި އެ ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓް އިތުރުކޮށްފަ އެވެ. އިމާރާތްކުރުމުގެ ހުއްދަ ހޯދުމުގައި އަވަސް ލުއިތަކެއް ލިބޭނެ ނިޒާމަކާއި އާ ބިޑު ޕޯޓަލްއަކާއި އެޗްޑީސީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ވެސް ވެބްސައިޓުން ފެންނާނެ ގޮތް ވަނީ ހަދައިފަ އެވެ.
ބިން ގަތުމަށް 32 މީހަކު ފައިސާ ދައްކައިފި
ހުޅުމާލޭގެ އާ މާސްޓަޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީ
ހިޔާ 2 ގެ އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި
ހުޅުމާލެ ރަމްޒުކޮށްދޭ 100 މީޓަރު އުސް ޓަވަރެއް
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެެނެސް އާންމުކޮށްފި
ހިޔާގެ 4 ޓަވަރެއްގެ ލިފްޓުތައް ނިންމައި ޓެސްޓުކުރަނީ
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ހުޅުމާލެ 2ގެ ބަންދު ސަރަހައްދަށް ނުވަންނަން އަންގައިފި
ހުޅުމާލޭގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
އެސްޖޭއިން 15 މިލިއަނަށް ބިމެއް ގަނެފި