Roadha Mihaaru

އެޗްޑީސީގެ އެމްޑީ މައުރޫފު ރިޓަޔާ ކުރައްވަން ނިންމަވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު 22 ގައި އައްޔަން ކުރެއްވި މައުރޫފު ޖަމީލް އެ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވައި އެކަން އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު އަންގަވައިފި އެވެ.

އެޗްޑީސީގެ އެމްޑީ މައުރޫފު ރިޓަޔާ ކުރައްވަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު 22 ގައި އައްޔަން ކުރެއްވި މައުރޫފު ޖަމީލް އެ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވައި އެކަން އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު އަންގަވައިފި އެވެ.

އެނގިފައިވާ ގޮތުގައި އެޗްޑީސީގެ އެމްޑީގެ މަގާމުން ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފު އަންނަ މަހުގެ 18 ގައި ރިޓަޔާ ކުރައްވަނީ ސަރުކާރުގެ "އެޑްވައިޒަރީ" ފެންވަރުގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރައްވާ ގޮތަށެވެ.

"ސިއްހީ ބައެއް ކަންކަމާ ގުޅިގެން އެޗްޑީސީގެ އެމްޑީގެ މަގާމުން ދުރަށް ވަޑައިގަންނަވަނީ. އެއީ ކުރިން ވެސް ނިންމަވައިގެން ހުންނެވި ކަމެއް. އަންނަ މަހުގެ 18 އިން ފެށިގެން އެޗްޑީސީން ރިޓަޔާ ކުރައްވާ ވާހަކަ ވެސް ކުރިއާލައި އެންގެވީ އެހެންވެ،" އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ހުޅުމާލެ ތަރައްގީގެ މަސައްކަތުގައި 18 ވަރަކަށް އަހަރު ހޭދަކުރެއްވި މައުރޫފު އެޗްޑީސީގެ އެމްޑީއަކަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތާ އެކު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ފަޒުލް އަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި ފަޒީލަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތްކަން ފަޅާއެރުމުންނެވެ. އެކަމަކު، އެ މައްސަލަތަކުގައި އެ ދެ ބޭފުޅުންނާ މެދު އިތުރު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ފަޒީލް ހުންނެވީ މުސާރަ ލިބިވަޑައިގަންނަވާ ގޮތަސް ސަސްޕެންޝަނުގަ އެވެ.

މައުރޫފް ޖަމީލަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ވަރަށް ގިނަ ދުވަސް ވަންދެން، އެ ތަން ތަރައްގީ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. ހުޅުމާލެ ހިއްކަން ފެށިއިރު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހުންނަވައިގެން އެ މަޝްރޫއުގައި މައުރޫފް އިސްދައުރެއް އަދާކުރެއްވި އެވެ.

އޭގެ ފަހުން ރައީސް އޮފީހުގެ ދަށުން ހިންގާ ގޮތަށް ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އުފެއްދިއިރު އެ ތަނުގެ ޑިރެކްޓަ ޖެނެރަލަކަށް ނުވަތަ އެންމެ އިސްކޮށް ހުންނެވީ ވެސް މައުރޫފެވެ. އަދި އެޗްޑީސީ އުފެއްދުމާ އެކު، އެ ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވި އެވެ. މައުރޫފް އެޗްޑީސީން ވަކިވެވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން މިނިސްޓަރަކަށް އައްޔަން ކުރެއްވި ހިސާބުންނެވެ.