Roadha Mihaaru

ފުޓްބޯޅަ ސްކޫލްގެ ބިމާއި ގުދަންބަރި ބިމުގައި އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓާލަން އަންގައިފި

ރާއްޖޭގެ ފުޓުބޯޅައާ ގުޅޭ އެކިއެކި ހަރަކާތްތަކަށް ހާއްސަ ކޮށްފައިވާ ދެ ބިމެއް އެ އިދާރާގެ ކުރީގެ ވެރިން އަމިއްލަ ބަޔަކަށް ވިޔަފާރީގެ އުސޫލުން ދޫކޮށްފައިވާ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އެ ބިންތަކުގައި އިތުރު އެއްވެސް މަސައްކަތެއް ނުކުރަން އެފްއޭއެމުން އަންގައިފި އެވެ.

އެފްއޭއެމްގެ ދެބިމުގައި މަސައްކަތް ނުކުރަން އަންގައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

10 އޯގަސްޓް 2025

ރާއްޖޭގެ ފުޓުބޯޅައާ ގުޅޭ އެކިއެކި ހަރަކާތްތަކަށް ހާއްސަ ކޮށްފައިވާ ދެ ބިމެއް އެ އިދާރާގެ ކުރީގެ ވެރިން އަމިއްލަ ބަޔަކަށް ވިޔަފާރީގެ އުސޫލުން ދޫކޮށްފައިވާ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އެ ބިންތަކުގައި އިތުރު އެއްވެސް މަސައްކަތެއް ނުކުރަން އެފްއޭއެމުން އަންގައިފި އެވެ.

އެފްއޭއެމުން މިއަދު ނެރެނު ދެ އިއުލާނެއްގައި ބުނީ، ފުޓްބޯޅަ ސްކޫލެއް ހިންގުމަށް ހުޅުމާލެ 1 އިން އެ އެސޯސިއޭޝަނަށް ދޫކޮށްފައިވާ ބިމާއި މާފަންނު ސްޓޭޑިއަމްގެ ހުޅަނގު އުތުރުން މިހާރު ގުދަންބަރި ހަދާފައިވާ ބިމުގައި އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރަން އަންގާ ކަމަށެވެ.

"[މި ދެ ބިން] ބޭނުންކުރާ ފަރާތްތަކުން [މި ދެ ބިމުގައި] މިހާރު ހުރި އެއްވެސް އިމާރާތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އަދި އިމާރާތް ހުރި [ދެ ބިމާއި] އަދި ވަށައިގެންވާ ބިންތަކުގައި އެއްވެސް އިތުރު އިމާރާތް ކުރުމުގެ މަސައްކަތެއް ނުކުރުމަށް އަންގަމެވެ،" ސަރުކާރުގެ ގެޒެޓްގައި ވެސް އާންމު ކުރި އިއުލާނުގައި އެފްއޭއެމުން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެއްވެސް ކުއްޔަށް ދައްކަން ނުޖެހޭ ގޮތަށް އެފްއޭއެމަށް ހުޅުމާލެ 1 އިން ބިމެއް ދިނީ ހިލޭ ސާބަހަށް އިޖުތިމާއީ މަޝްރޫއެއް ހިންގާތީ އެވެ.

އެކަމަކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެ ބިން މެދުވެރިކޮށް ވިޔަފާރި ކުރަން އެފްއޭއެމް ބޭނުންވުމުން، ބިމުގެ ކުލި ދައްކަންޖެހޭ ގޮތަށް ވިޔަފާރި އުސޫލުން ބިން ބޭނުން ކުރުމުގެ ހުއްދަ ދީ، އެޗްޑީސީން ބިމުގެ އެއްބަސްވުން ބަދަލުކޮށް ދިނެވެ. ނަމަވެސް އެފްއޭއެމުން ކުލި ނުދައްކާތީ އެޗްޑީސީން މިދިޔަ އަހަރު އެ ބިން އަތުލީ އެވެ.

ފުޓްބޯޅައާ ގުޅުން ހުރި އެ ދެ ބިމުގެ ބައެއް ސަރަހައްދުތައް ވިޔާފާރީގެ ގޮތުގައި އެކި ފަރާތްތަކަށް ކުއްޔަށް ދީފައި ވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލުގެ ދައުރުގަ އެވެ.

ފުޓްބޯޅަ ސްކޫލްގެ ބިމުގައި އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ހަދާފައިވާ އެކޮމެޑޭޝަން ބްލޮކް: އެ ބިމުގައި އިމރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރަން އެފްއޭއެމުން ވަނީ އަންގާފައި

ފުޓްބޯޅަ ސްކޫލްގެ ބިމުގައި އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ހަދާފައިވާ އެކޮމެޑޭޝަން ބްލޮކް: އެ ބިމުގައި އިމރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރަން އެފްއޭއެމުން ވަނީ އަންގާފައި

މިދިޔަ އެއް އަހަރު އެފްއޭއެމް ހިންގި ނޯމަލައިޒޭޝަން ކޮމިޓީން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ ބިމުން އަމިއްލަ ކުންފުނިތަކަށާއި ވިޔާފާރިތަކަށް ކުއްޔަށް ދީފައި ވަނީ ވިޔާފާރީގެ ގޮތުގައި އެކި ފަރާތްތަކަށް ކުއްޔަށް ދީފައި ވަނީ އަކަފޫޓަކަށް ޖެހޭ ވަރަށް ވުރެ ވެސް ކުޑަ އަގަކަށް ކަމަށެވެ.

ބައެއް ކުންފުނިތަކަށް ދޫކޮށްފައިވާ ބިންތަކުން ދިގު މުއްދަތަކަށް ޖެހޭ ކުލީގެ ފައިސާ އެޑްވާންސްކޮށް ވެސް ބައްސާމްގެ ދައުރުގައި ނަގާފައިވާ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ. އެކަމަކު އެ ފައިސާ އެފްއޭއެމަށް ވަދެފައި ނުވާ ކަމަށް ވެސް އެ ކޮމިޓީން ފާހަގަކޮށްފައި ވެ އެވެ.

އެފްއޭއެމުން މިއަދު ނެރުނު އިއުލާންތަކުގައި ވަނީ އެ ދެ ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށާއި ސަބްލީސްކޮށް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ވެސް އެ އެއްބަސްވުމުގެ ކޮޕީ އެފްއޭއެމަށް ފޮނުވައި ދިނުމަށް އެދިފަ އެވެ.

އެއްބަސްވުންތަކުގެ ކޮޕީ ފޮނުވަންޖެހޭ ސުންގަޑިއަކީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު ފަހު 2:30 ގެ ކުރިންނެވެ.

އެއްބަސްވުމުގެ ކަރުދާސް ކޮޕީ ނުވަތަ ޑިޖިޓަލް ކޮޕީ ވެސް ބަލައިގަންނަ ގޮތަށް އެފްއޭއެމުން ވަނީ އިންތިޒާމު ހަމަޖައްސައިފަ އެވެ. ސޮފްޓް ކޮޕީ ފޮނުވާ ނަމަ ފޮނުވާނީ media@famaldives.com އަށެވެ. ކަރުދާސް ކޮޕީ ރަސްމީ ދުވަސްތަކުގައި އެފްއޭއެމްގެ ވަގުތީ އޮފީސް ގާއިމުކޮށްފައިވާ ގަލޮޅު ދަނޑުގެ ވީއައިޕީ ހުންނަ އިމާރާތުން ބަލައިގަންނާނެ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމުން ބުނީ އެއްބަސްވުންތަކުގެ ކޮޕީ ނުވަތަ އެއާ ގުޅިގެން ހުށަހަޅާ އެހެން ލިޔުމެއްގެ ސައްހަ ކަމާ މެދު އެއްވެސް ޝައްކެއް އުފެދޭ ނަމަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން އޭގެ ސައްހަކަން ކަށަވަރު ކުރާނެ ކަމަށެވެ.

އެ ދެ ބިން ވެސް އެފްއޭއެމާ ހަވާލު ކުރި މަގްސަދު ހާސިލުވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.