Roadha Mihaaru
އެފްއޭއެމަށް އެހެން ބަޔަކަށް ބިން ކުއްޔަކަށް ނުދެވޭނެ

އެފްއޭއެމަށް އެހެން ބަޔަކަށް ބިން ކުއްޔަކަށް ނުދެވޭނެ: އެޗްޑީސީ

25 ޑިސެމްބަރ 2022

ހުޅުމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުމަށް އެފްއޭއެމަށް ދޫކޮށްފައިވާ ބިމާ ގުޅޭ އެއްބަސްވުމަށް އެންމެ ފަހުން ގެނައި ބަދަލުގެ ދަށުން ވެސް އެ ބިން އެފްއޭއެމުން އެހެން ބަޔަކަށް ކުއްޔަށް ނުދެވޭނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ހުޅުމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުމަށް އެފްއޭއެމަށް ދޫކޮށްފައިވާ ބިމާ ގުޅޭ އެއްބަސްވުމަށް އެންމެ ފަހުން ގެނައި ބަދަލުގެ ދަށުން ވެސް އެ ބިން އެފްއޭއެމުން އެހެން ބަޔަކަށް ކުއްޔަށް ނުދެވޭނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

"މިހާރު" އިން ކުރި ސުވާލުތަކަކާ ގުޅިގެން އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފްއޭއެމުން ހުޅުމާލެ އިން ނަގާފައިވާ ބިން ވިޔަފާރި އުސޫލުން ބޭނުން ކުރެވޭ ގޮތަށް އެއްބަސްވުމަށް ބަދަލު ގެނައި ނަމަވެސް އެހެން ބަޔަކަށް އެ ތަނުގެ އެއްވެސް ބައެއް އަދި ކުއްޔަށް ދޫނުކުރެވޭނެ ކަމަށެވެ.

"އެއްބަސްވުމަށް ގެނައި ބަދަލުގެ ސަބަބުން އެ ބިމުގެ ވަކި ޕަސެންޓެއް ވިޔަފާރި އުސޫލުން [އެފްއޭއެމަށް] މިހާރު ބޭނުން ކުރެވިދާނެ. ކުރިން އެއްބަސްވުމުގައި އޮތް ގޮތުން އެ ބިމުގައި ކުރެވޭނީ ހަމައެކަނި ކުޅިވަރާ ގުޅޭ ކަންކަން. ވިޔަފާރީގެ ބޭނުމަށް ކުރިން އެއްވެސް ކަމެއް ނުކުރެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ވިޔަފާރި އުސޫލުން ހިންގާ ތަންތަނަށް އެޗްޑީސީގެ ވަކި ހުއްދައެއް ބޭނުންވާނެ އެވެ. އެ ގޮތަށް ދޫކުރާ ތަންތަނުން ކުލީގެ ގޮތުގައި ވަކި ޕަސެންޓެއް އެޗްޑީސީ އަށް ދައްކަން ޖެހޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެޗްޑީސީން އިން ހުއްދަ ނުކުރާ އަދި އެއްބަސްވުމާ ހިލާފު ކަމެއް ދެންނެވުނު ބިމުގައި ނުކުރެވޭނެ އެވެ. އަދި އެޕޯލޯ އަށް ދެންނެވުނު ބިން ދިނުމަށް މި ކޯޕަރޭޝަނުގެ ހުއްދަ ދޫކޮށްފައެއް ނުވާނެ އެވެ،" އެޗްޑީސީން ބޭނުންވާ ކަމެއް ކުރަން ދޫކޮށްފައިވާ ބިމެއް އެޕޯލޯ އަށް ދިނުމަކީ ރުހޭ ކަމެއްތޯ "މިހާރު" ސުވާލު ކުރުމުން ލިޔުމުން އެ ކުންފުނިން އިއްޔެ ދިން ޖަވާބުގައި ބުންޏެވެ.

އެފްއޭއެމްގެ ބިން އެޕޯލޯ އަށް ދޫކުރުމުގެ ވާހަކަތައް ފެންމަތިވީ އެ ކުންފުންޏަށް އެފްއޭއެމުން ދައްކަންޖެހޭ ބޮޑު ދަރަންޏެއްގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ބައެއް ދޭން އެފްއޭއެމުން މަސައްކަތް ކުރުމުންނެވެ.

އެޕޯލޯ ހޯލްޑިން އާއި އެފްއޭއެމާ ދެމެދު މައްސަލަތައް އުފެދުނީ މާފަންނު ސްޓޭޑިއަމްގައި ހަދާ ސްޕޯޓްސް އެރީނާގެ މަޝްރޫއަށް ކަނޑައެޅި އުސޫލާ އެއްގޮތަށް ފައިސާ ނުދިނުމުންނެވެ. އެ މައްސަލާގައި އެޕޯލޯ އިން އެފްއޭއެމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް ފަހުން އެ މައްސަލަ ވަނީ ކޯޓުން ބޭރުން ހައްލު ކޮށްފަ އެވެ. ކޯޓުން ބޭރުގައި އެއްބަސްވީ އެޕޯލޯ އަށް ލިބެންޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލެ އިން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާ ނުލައި 25 އަހަރަށް ދިނުމަށެވެ.

އެޗްޑީސީން އިން ހުއްދަ ނުކުރާ އަދި އެއްބަސްވުމާ ހިލާފު ކަމެއް ދެންނެވުނު ބިމުގައި ނުކުރެވޭނެ އެވެ. އަދި އެޕޯލޯ އަށް ދެންނެވުނު ބިން ދިނުމަށް މި ކޯޕަރޭޝަނުގެ ހުއްދަ ދޫކޮށްފައެއް ނުވާނެ އެވެ،"--- އެޗްޑީސީ

އެޗްޑީސީ އާއި އެފްއޭއެމާ ދެމެދު ވި އެއްބަސްވުމަށް އެންމެ ފަހުން ގެނައި ބަދަލާއެކު މިހާރު ވަނީ 230،000 އަކަފޫޓުގެ ބިމުގެ މުއްދަތު 25 އަހަރުން 40 އަހަރަށް ބަދަލުކޮށްފަ އެވެ. އެކަމަކު، އެ ތަނުގައި ކުރަން އެޗްޑީސީން ހަވާލުކުރި މަސައްކަތް ނިންމަން ދިން ތާރީހު ވެސް ވަނީ ފަހަނައަޅައި ގޮސްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެޗްޑީސީން އެ ބިން ތަރައްގީ ކުރުމުގެ މަސައްކަތް ވަކި ވަރަކަށް ވަނީ ނިމިފައި ކަމަށެވެ.

"މިފަދަ އިންސްޓިޓިއުޝަނަލް އަދި އިޖުތިމާއީ ކަންކަމަށް ދޫކޮށްފައިވާ ބިންތަކަކީ ވިޔަފާރި ބޭނުންތަކަށް ދޫކުރެވޭ ބިންތަކާ ހިލާފަށް ވަރަށް ގިނަ ލުއިތައް ދެވިގެން ހިންގޭ މަޝްރޫއުތަކަށް ވާތީ، މިފަދަ މަޝްރޫއުތަކުން އަންނަ ބައެއް މަޑުޖެހުންތަކަށް، އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މި ކޯޕަރޭޝަނުން ލުއި ދެމެވެ،" އެޗްޑީސީގެ ޖަވާބުގައި ބުންޏެވެ.