Roadha Mihaaru
އެޕޯލޯއަށް ބިން ދޫކުރެވޭ ގޮތަށް އެއްބަސްވުމަށް ބަދަލެއް

އެފްއޭއެމްގެ މައްސަލަ: އެޕޯލޯ އަށް ބިން ދޫކުރެވޭ ގޮތަށް އެޗްޑީސީން އެއްބަސްވުން ބަދަލުކޮށްދީފި

19 ޑިސެމްބަރ 2022

މާލީ ގޮތުން ދަތި ހާލަތެއްގައި އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހުޅުމާލެ އިން ނަގާފައިވާ ބިން ވިޔަފާރި އުސޫލުން ބޭނުން ކުރެވޭ ގޮތަށް އެ އިދާރާ އިން އެޗްޑީސީއާ އެކު ހެދި އެއްބަސްވުން ބަދަލުކޮށްދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލީ ގޮތުން ދަތި ހާލަތެއްގައި އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހުޅުމާލެ އިން ނަގާފައިވާ ބިން ވިޔަފާރި އުސޫލުން ބޭނުން ކުރެވޭ ގޮތަށް އެ އިދާރާ އިން އެޗްޑީސީއާ އެކު ހެދި އެއްބަސްވުން ބަދަލުކޮށްދީފި އެވެ.

ހުޅުމާލެ ބަލަހައްޓާ ކުންފުނިން މިއަދު ބުނީ، އެ އެއްބަސްވުމަށް ބަދަލު ގެނައީ އެ ބިން ވިޔަފާރި އުސޫލުން ބޭނުން ކުރެވޭ ގޮތަށް ހަދައި ދިނުމަށް އެފްއޭއެމުން އެދުމުން ކަމަށެވެ. އެއްބަސްވުމަށް ބަދަލު ގެނެސްފައިވާ ގޮތުން، ކުރިން ހިލޭ އެފްއޭއެމާ ހަވާލުކޮށްފައިވާ އެ ބިމުން އެޗްޑީސީ އަށް ކަނޑައަޅާ ކުއްޔެއް ވެސް މިހާރު ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ. އެކަމަކު އެ ކުއްޔަކީ ކިހާވަރެއް ކަމެއް އެ ކުންފުނިން ނުބުނެ އެވެ.

އެޕޯލޯ ހޯލްޑިންސް އަށް ދައްކަންޖެހޭ ބޮޑު ދަރަންޏެއްގެ ބަދަލުގައި، އެފްއޭއެމްގެ ހުޅުމާލޭގެ ބިމުން ބައެއް ދޭން މިދިޔަ މަހު ނިންމުމާ ގުޅިގެން އެޗްޑީސީން ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެއްބަސްވުމަށް ބަދަލު ގެނައުމުން މިހާރު ވިޔަފާރި ބޭނުންތަކަށް ހުޅުމާލޭގެ އެ ބިން އެފްއޭއެމަށް ބޭނުން ކުރެވޭނެ އެވެ.

އެފްއޭއެމުން ވެސް ވަނީ އެޕޯލޯ އަށް ބިން ދިނުމުގެ ކަންކަމުގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ބުނެފަ އެވެ.

އެޕޯލޯ ހޯލްޑިން އާއި އެފްއޭއެމާ ދެމެދު މައްސަލަތައް އުފެދުނީ މާފަންނު ސްޓޭޑިއަމްގައި ހަދާ ސްޕޯޓްސް އެރީނާގެ މަޝްރޫއަށް ކަނޑައެޅި އުސޫލާ އެއްގޮތަށް ފައިސާ ނުދިނުމުންނެވެ. އެ މައްސަލައިގައި އެޕޯލޯ އިން އެފްއޭއެމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް ފަހުން އެ މައްސަލަ ވަނީ ކޯޓުން ބޭރުން ހައްލު ކޮށްފަ އެވެ. ކޯޓުން ބޭރުގައި އެއްބަސްވީ އެޕޯލޯ އަށް ލިބެންޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލެ އިން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާ ނުލައި 25 އަހަރަށް ދިނުމަށެވެ.

މާފަންނު ސްޓޭޑިއަމްގައި ސްޕޯޓްސް އެރީނާގެ މަޝްރޫއަށް ފީފާ އިން އެފްއޭއެމަށް 19 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވެ އެވެ. އެކަމަކު މިހާތަނަށް އެ މަސައްކަތަށް އެޕޯލޯ އަށް ލިބިފައިވަނީ ފަސް މިލިއަނެވެ.

އެ މަޝްރޫއުގެ ކަންކަން އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި މާފަންނު ސްޓޭޑިއަމްގައި ތިން ބުރީގެ އިމާރާތެއް ހެދުމުގެ ޕްރޮޖެކްޓަކީ ފީފާ އިން ފަންޑު ލިބިގެން، ކޮންޓްރެކްޓާ ފައިނޭންސް ކޮންސެޕްޓްގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓަށް ފީފާ އިން 1.5 މިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ދޭން ނިންމި އެވެ. އެހެންވެ މިހާރު ގާތްގަނޑަކަށް އެ ޕްރޮޖެކްޓަށް ފީފާ އިން ދޭން ޖެހޭ ފައިސާގެ 80 ޕަސެންޓު ވަނީ ދޫކޮށްފަ އެވެ.

އެ ޕްރޮޖެކްޓްގެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމްގައިވާ ގޮތުން އެޕޯލޯ އިން ޕްރޮޖެކްޓް ކުރިއަށް ގެންދަނީ 2.6 މިލިއަން ޑޮލަރު (40 މިލިއަން ރުފިޔާ) ހޭދަކޮށްގެންނެވެ. އެއްބަސްވުމުގައި ނެތް އިތުރު މަސައްކަތެއް ކުރުމުގެ އަގެއްގެ ގޮތުގައި، އެކަމަށް އިންވޮއިސް ކުރުމުން 296،000 ޑޮލަރު (4.5 މިލިއަން ރުފިޔާ) އިތުރަށް ޕްރޮޖެކްޓަށް ދައްކަން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ. އެހެންވެ އެ ޕްރޮޖެކްޓްގެ ޖުމުލަ އަގު 45 މިލިއަން ރުފިޔާ އަށް އަރަ އެވެ.