Roadha Mihaaru

ހުޅުމާލެ ޗެނަލް ޕާކުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ ކޮށްފި

ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކު މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން އެޗްޑީސީން މަނާކޮށްފި އެވެ.

ހުޅުމާލެ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

15 ސެޕްޓެމްބަރ 2025

ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކު މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން އެޗްޑީސީން މަނާކޮށްފި އެވެ.

ހުޅުމާލެ 1 ގައި މޫދު ކުޅިވަރު ކުޅޭ ސަރަހައްދާ ކައިރީ އޮންނަ އެ ތަނުގައި މޫދު ކުޅިވަރު ކުޅުމަށް ގެންގުޅޭ، ޖެޓްސްކީ އާއި އެހެން ވެސް މޫދުގައި ދުއްވާ އުޅަނދުތައް ބޭނުންކުރެ އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޗެނަލް ޕާކު ބްރިޖަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މީހުން މޫދަށް އެރުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށާއި އެ ތަނުގައި އެ ކުންފުނީގެ ފަރާތުން މުރަކަ އާލާކުރުމުގެ މަސައްކަތް ވެސް ކުރާ ކަމަށެވެ.

އެހެންވެ، އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މޫދަށް އެރި އުޅޭ މީހުންނަށް ރައްކާތެރި ކަމެއް ނޫން ކަމަށާއި މުރަކަ އާލާ ކުރުމަށް ވެސް ހުރަސް އެޅޭނެ ކަމަށްވާތީ އަންނަ ހުކުރު ދުވަހުން ފެށިގެން މަނާ ކޮށްފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އާ ގުޅިގެން "ކޮރަލް ގާޑެން ޕްރޮޖެކްޓް"ގެ މަސައްކަތް ފެށީ މިދިޔަ ޖުލައި 22 ގަ އެވެ. އެ ދުވަހު ވަނީ ގިނަ އަދަދެއްގެ މުރަކަ އާލާ ކުރުމަށް އިންދައިފަ އެވެ.