Roadha Mihaaru
މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ކައުންސިލުގެ ދަށަށް

މާލޭގެ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ކައުންސިލުގެ ދަށަށް

14 ފެބުރުއަރީ 2024

މާލޭގެ މިސްކިތްތައް ފޮޅާއި ސާފުކުރުމުގެ މަސައްކަތް ކުރާ މީހުން ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަމިއްލައަށް ކުރަން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގެ މިސްކިތްތައް ފޮޅާއި ސާފުކުރުމުގެ މަސައްކަތް ކުރާ މީހުން ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަމިއްލައަށް ކުރަން ނިންމައިފި އެވެ.

ކައުންސިލުގެ އާންމު ޖަލްސާގައި މިއަދު ފާސްކުރީ ކުރިން ކުންފުނިތަކާ ހަވާލުކޮށްގެން ކުރަމުން އައި އެ މަސައްކަތް ސިޓީ ކައުންސިލުން ކުރާ ގޮތަށް ބަދަލުކުރާށެވެ.

އެ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ކައުންސިލުން އެ މަސައްކަތް ކުރިޔަސް ވަކި އިތުރު ހަރަދު ނުހިނގާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުންފުނިތަކުން އެ މަސައްކަތް ކުރަނީ މަހަކު 2.2 މިލިއަނަށެވެ. ކައުންސިލުން އެ މަސައްކަތްކުރާއިރު ވެސް ހަރަދު ވަނީ 2.1 މިލިއަން ރުފިޔާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވި ގޮތުގައި، މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުން އޭގެ ނަތީޖާ އެހާ ރަނގަޅެއް ނޫނެވެ.

"މަރާމާތުކުރަން ވެސް އެގޮތަށް ހަވާލުކުރުމުން އެންމެ ރަނގަޅު ނަތީޖާއެއްގެ ގޮތުގައި އެކަން ނުވި. އެއީ އަޅުގަނޑުމެންނަށް ހަމަ ބަރާބަރަށް ޝަކުވާ ލިބެމުންދޭ ހަޑިވެފައި ހުންނަ ވާހަކަ. ފާހާނާތައް ހަޑިވެފައި ހުންނަ ވާހަކަ،" ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިސްކިތްތަކުގައި އޭރު މަސައްކަތްކުރަމުން ދިޔައީ ކައުންސިލަށް ޖަވާބުދާރީވެވޭނެ ފަދަ މުވައްޒަފުންތަކެއް ނޫން ކަމަށާއި ކުންފުނިތަކަށް އެކަން ހަވާލުކުރުމުން އެ މީހުން ނަގާފައި ހުރީ ބިދޭސީ މުވައްޒަފުން ކަަމަށެވެ.

"އެ މީހުން އައިސް އެއްޗަކަށް އެއްޗެއް ހަދާފައި ފޮޅައި ސާފުކޮށްފަައި މިދަނީ. އެހެންވީމާ ހަގީގަތުގައި މިސްކިތަށް އޮންނަ ލޯތްބާއި އިހުތިރާމާ އެކު ސާފުކުރާ ތަނެއް ނުފެނޭ،" ނަރީޝް ވިދާޅުވި އެވެ.

މައްޗަންގޮޅި މެދުދާއިރާގެ ކައުންސިލު މެމްބަރު އަހުމަދު ޒަމީރު ވަނީ މިސްކިތްތައް ސާފުކުރަން ކައުންސިލުން ބަޔަކާ ހަވާލުކުރާއިރު އެކަން އެ ދާއިރާއަކުން ނަމާދަށް އަރާ ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ. ކައުންސިލުގެ އިއްތިފާގުން ވަނީ އެކަން ކައުންސިލުން ކުރާ ގޮތަށް ފާސްކޮށްފަ އެވެ.

މިއަދުގެ ޖަލްސާގައި ވަނީ ކައުންސިލަށް ކޮންމެ އަހަރަކު ބާއްވަން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން މި މަހުގެ 29 ގައި ބާއްވަން ވެސް ފާސްކޮށްފަ އެވެ.