Roadha Mihaaru
މިސްކިތް ސާފުކުރާނެ މީހުން ނުލިބުނު، އަލުން ހުޅުވާލަނީ

މިސްކިތްތައް ސާފުކުރަން ދިވެހިން ނުލިބުނު، އަލުން ހުޅުވާލަނީ

21 މާޗް 2024

މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން އިއުލާން ކުރުމުން ވެސް މީހުން ނުލިބުމުން ވަޒީފާ ދޭ މުއްދަތު އިތުރުކޮށް އަލުން ހުޅުވާލަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން އިއުލާން ކުރުމުން ވެސް މީހުން ނުލިބުމުން ވަޒީފާ ދޭ މުއްދަތު އިތުރުކޮށް އަލުން ހުޅުވާލަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިދިޔަ މަހުގެ 22ގައި ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައި ވަނީ މިސްކިތްތައް ބަލަހައްޓަން ދިވެހިން ހޯދާށެވެ. ބިދޭސީން ނަގާނީ ދިވެހިން ނުލިބިއްޖެ ހާލަތެއްގައި އެކަނި ކަމަށް ވެސް ނިންމި އެވެ.

މިދިޔަ ހަފްތާގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ މަސައްކަތަށް ދިވެހިން ނުލިބުނު ކަމަށެވެ. އާޒިމް ވިދާޅުވީ ކައުންސިލުން އެ ދުވަހު އިއުލާން ކުރީ 114 ދިވެހިން ހޯދަން ކަމަށާއި ނަމަވެސް ލިބުނީ އެންމެ 14 މީހުން ކަމަށެވެ.

އެ ދުވަހުގެ ބައްދަލުވުން ނިންމާލީ ދިވެހިން ހޯދުމާ މެދު ވަކި ގޮތެއް ނުނިމި އެވެ.

މާލޭ މޭޔަރު އާދަމް އާޒިމް، ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ މޭޔަރު އާދަމް އާޒިމް، ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މިސްކިތްތައް ސާފުކުރަން ދިވެހިން ނުލިބޭ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އިއްޔެ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު ހުށަހެޅުއްވީ ކައުންސިލްގެ އެކިއެކި ބޭނުމަށް ނަގާ ވަގުތީ މުވައްޒަފުންގެ ވަޒީފާގެ މުއްދަތު އެއް އަހަރުން ތިން އަހަރަށް އިތުރުކުރުމަށެވެ.

"ވަގުތީ މުވައްޒަފުން ނަގާ މުއްދަތު މިހާރު އިންނަނީ އެއް އަހަރަށް. ދިވެހިން ލިބުމުގައި ދަތިތައް ހުންނަނީ އެއް އަހަރު ދުވަހަށް ނަގަން ފެށި ފަހުން. މިސްކިތްތަކަށް މީހުން ނަގަން އިއުލާން ކުރުމުން ވެސް އަޅުގަނޑުމެންނަށް ފީޑްބެކް އެބަ ލިބޭ، އެއް އަހަރު ދުވަސް ޖަހައިފަ އިނުމުން ވަޒީފާ އަށް އަންނަން އުޒުރުވެރިވާ ކަމަށް،" އާޒިމް ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ކައުންސިލްގެ މެމްބަރުންތަކެއް.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ކައުންސިލްގެ މެމްބަރުންތަކެއް.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން އިއްޔެ ނިންމީ ކައުންސިލަށް ނަގާ ވަގުތީ މުވައްޒަފުންނަށް މަދުވެގެން ތިން އަހަރުގެ ކޮންޓްރެކްޓެއް ދިނުމަށެވެ. އަދި އެގޮތަށް ބަދަލުކޮށް މިސްކިތްތަކަށް ދިވެހިން ނެގުމަށް އަލުން އިއުލާން ކުރުމަށް ވެސް ކައުންސިލުން އިއްޔެ ނިންމި އެވެ.

"އޭރުން އެ މީހުންނަށް ވަޒީފާގެ ޔަގީންކަން ލިބުމާއެކު، އަޅުގަނޑުމެންނަށް ދިވެހިން ލިބޭނެ،" އާޒިމް ވިދާޅުވި އެވެ.

މާލެ މިސްކިތްތައް ކުރިން ސާފުކުރަމުން އައީ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. ނަމަވެސް އެ މަސައްކަތް ސިޓީ ކައުންސިލުން ކުރާ ގޮތަށް ބަދަލުކުރަން ކައުންސިލުން ނިންމި އެވެ. މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގައި މިހާރު ގިނައީ ބިދޭސީންނެވެ.