Roadha Mihaaru
މިސްކިތްތައް މަރާމާތުކުރާ ފަންޑަށް 7 ލައްކަ ރުފިޔާ

މިސްކިތްތައް މަރާމާތު ކުރުމަށް ކައުންސިލުން ހުޅުވި ފަންޑަށް 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާ

08 ޖެނުއަރީ 2023

މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތަކުގެ މަރާމާތަށް ބޭނުންވާ ފައިސާ ހޯދަން އެ ކައުންސިލުން މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ހަރަކާތުން އާންމުން ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދީފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތަކުގެ މަރާމާތަށް ބޭނުންވާ ފައިސާ ހޯދަން އެ ކައުންސިލުން މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ހަރަކާތުން އާންމުން ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދީފި އެވެ.

"ޗާލު މިސްކިތް" ގެ ނަމުގައި ކައުންސިލުން ފަންޑެއް ހުޅުވައި ފައިސާ ހޯދަން ނިންމީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ އެއް މިލިއަން ރުފިޔާގެ ބަޖެޓުން ނުފުދޭ ކަމަށް ބުނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ހަރަކާތުގެ ފުރަތަމަ ދުވަހު 313397.90ރ. ލިބުނެވެ. އެ ހަރަކާތް ރޭ ނިންމާލިއިރު ލިބުނީ 744713.90ރ. ކަމަށް ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނިގޮތުގައި މިސްކިތްތައް ބެލެހެއްޓުން ސަރުކާރުން ކައުންސިލާ ހަވާލުކުރީ މަރާމާތު ކުރުމަށް އެކަށީގެންވާ ބަޖެޓެއް ނުދީ އެވެ.

ސިޓީ ކައުންސިލުން ބުނީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ބަޖެޓުން ހަޖައްސައި ދިނީ އެއްމިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު، އޭގެ ބޭރުން ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މިސްކިތްތަކުގެ މަރާމާތަށް ހަރަދު ކުރަން ޖެހުނު ކަމަށް ކައުންސިލުން ބުންޏެވެ.

"ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަންރުފިޔާގެ މަރާމާތް ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ނުކުރެވި ހުރި. އެ މަރާމާތްތައް ކުރުމަށް ނުވަ މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ،" މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ 2020 ވަނަ އަހަރުގެ ބަޖެޓުން މިސްކިތް މަރާމާތު ކުރުމަށް ހަމަޖެއްސި އެއް މިލިއަން ރުފިޔާ ކައުންސިލުން ބޭނުން ނުކުރާ ކަމަށެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގައި ވާ ގޮތުން ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެ ކައުންސިލުން މާލެ އާއި ވިލިމާލޭގެ 34 މިސްކިތެއް މިހާރު ބަލަހައްޓަ އެވެ.