Roadha Mihaaru
އަންހެނުން ހިތާނުކުރާ މައްސަލާގައި ބެލީ މަސްލަހަތަށް

އަންހެނުން ހިތާނުކުރުމާ ގުޅޭ ދިރާސާއެއް އެބައޮތް، ފަތުވާއެއް ނެރެން ގައުމީ މަސްލަހަތެއް ނެތް: ޝައިހް ރަޝީދު

07 ޖުލައި 2021

އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުން ދިރާސާއެއް ހަދާފައިވާ ކަމަށާއި އެކަމަކު ގައުމުގެ އާންމު މަސްލަހަތު ހަމަޖެހޭނީ އެ މައްސަލައިގައި ފަތުވާއެއް ނުނެރުމުން ކަމަށް އެ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުން ދިރާސާއެއް ހަދާފައިވާ ކަމަށާއި އެކަމަކު ގައުމުގެ އާންމު މަސްލަހަތު ހަމަޖެހޭނީ އެ މައްސަލައިގައި ފަތުވާއެއް ނުނެރުމުން ކަމަށް އެ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން އާންމުންގެ ތެރޭ އިލްމުވެރިން އެކި ގޮތްގޮތަށް ވާހަކަ ދައްކާތީ، އެކަމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން ފޮނުވުމުން އެ މަޖިލީހުގެ ނިންމުމަކީ މިހާރުގެ މަސްލަހަތަށް ބަލައި ފަތުވާ ނުނެރުމެވެ.

"އާންމު މަސްލަހަތަށް ރައްކާތެރިވުމުގެ ގޮތުން މި ތަންވަޅަށް އެންމެ ރަނގަޅުވާނީ [އެ މައްސަލައިގައި] ފަތުވާ ނުނެރުން ކަމަށް އަޅުގަނޑުމެންނަށް ނިންމުނީ. ފަތުވާ މަޖިލީހުގައި ތިއްބަވާނީ ފަސް މެމްބަރުން. ފަސް މެމްބަރުންގެ މެދުގައި ވާހަކަ ދައްކާފައި އެ ގޮތަށް ނިންމީ،" އުއްތަމަ ފަނޑިޔާރުކަމާއި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝައިހް ރަޝީދު ވިދާޅުވި އެވެ.

އަންހެނުން ހިތާނުކުރުމާ ގުޅޭ މައްސަލައިގައި އިލްމުވެރިންގެ ދިރާސާއެއް ހަދާފައިވާއިރު، އެ ދިރާސާގެ އަލީގައި އެއްޗެއް ވިދާޅުވާން ނުވަތަ ހޯދުންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެއާ ބެހޭ ގޮތުން ވާހަކަ ދައްކަވަން ޝައިހް ރަޝީދު ބޭނުމެއް ނުވި އެވެ.

އަންހެނުން ހިތާނުކުރުމާ ގުޅޭ މައްސަލަ ރާއްޖޭގައި އަނެއްކާވެސް ފެންމަތިވެފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ އިސްލާމްދީނުގައި ހިތާނުކުރުން ޝަރުއު ކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެން ކުދިން ހިތާނުކުރުމެއް ނޯންނަ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ހިތާނުކުރުމުގެ ނަމުގައި އަންހެންކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިންސާނީ އަދި އަދި ނާތަހުޒީބު ކަމަށެވެ.

މައުމޫން ވިދާޅުވެފައި ވަނީ އަންހެންކުދިން ހިތާނުކުރުމަކީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް ވިދާޅުވަނީ އެ މަނިކުފާނުގެ އަމިއްލަފުޅު ރައުޔަކަށް ބުރަވެ ނޫން ކަމަށާއި މިސްރުގެ ފަތުވާ އިދާރާ އިން ވެސް ބުނެފައި ވަނީ އެއީ ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައި ކަމެއް ކަމަށެވެ.

ސަރުކާރުން ހަދާފައިވާ ޑާމޮގްރަފިކް ސާވޭއަކާ ހަވާލާދީ ޔުނިސެފުން މިދިޔަ އަހަރު ބުނެފައި ވަނީ ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނު ކޮށްފައިވާ ކަމަށެވެ.