Roadha Mihaaru

އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް: ފަތުވާ މަޖިލިސް

އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ.

އިސްތަށިގަނޑުގައި ކަޅުކުލަ ޖެއްސުން ހުއްދަ:ފަތުވާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

09 ޖުލައި 2025

އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ.

އެ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހު ނިންމައި، އިއްޔެ އާއްމުކުރި ފަތުވާގައި ބުނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދެ ރައުޔެއް އޮންނަ ކަމަށެވެ. އެއީ ހުއްދަ ކަމެއް ކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔު އަދި ހަރާމް ކަމަށް ވިދާޅުވާ ދީނީ އިލްމުވެރިންގެ ރައުޔެވެ.

އެ ފަތުވާގައިވާ ގޮތުން ދެ ރައުޔު ވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށް ކަމަށާއި އެ މައްސަލާގައި އިލްމުވެރިން ނެރުއްވާފައިވާ ހުކުމްތައް ގުޅިފައިވަނީ އެ ބޭކަލުންގެ އިޖުތިހާދާ ކަމަށް ވެސް ފަތުވާގައިވެ އެވެ. އަދި އެއީ އިޖުތިހާދީ މައްސަލައަކަށް ވާތީ އެ ދެ ރައުޔަކީ ވެސް އިލްމުވެރިން ގަބޫލު ކުރައްވާފައިވާ ދެ ރައުޔު ކަމަށް އެ ފަތުވާގައިވެ އެވެ.

ނަމަވެސް، އެ ފަތުވާގައިވަނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުން ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެއީ ހުއްދަ ކަމެއް ކަމަށް ފަތުވާ މަޖިލީހަށް ބުރަވެވޭ ކަމަށް އެ ފަތުވާގައިވެ އެވެ.

ދީނީ ގޮތުން އަލަށް ފެންމަތިވާ ކަންކަމާއި ހިޔާލު ތަފާތުވުން އުފެދިފައި ހުންނަ ކަންކަމުގައި މީގެކުރިން ވެސް އެ މަޖިލީހުން ފަތުވާތައް ނެރެފައިވެ އެވެ.