ރިޝްވަތާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ހިޔާނަތްތެރި ވުމާއި އާންމު މުދާ ގެއްލުވާލުމާއި ހިދުމަތްތަކާއި ފުރުސަތުތައް ދިނުމުގައި ތިމާގެ ކަމާއި ރައްޓެހި ކަމަށް ބަލައިގެން ދިނުން ފަދަ ފަސާދައިގެ ތެރޭ ހިމެނޭ ކަންކަމަކީ މުޖުތަމައުގެ ވަބާ އެކެވެ. މިކަމުގެ ހައްލެއްގެ ގޮތުގައި އިސްލާމް ދީން ހުށަހަޅައިދެނީ އަދުލުވެރިކަމާއި ހަމަހަމަކަމާއި ނަޒާހަތްތެރިކަން ދަމަހައްޓައި ދެފުށް ފެންނަ ގޮތުގައި ކަންކަން ކުރިއަށްދާ މުޖުތަމައެއް އުފެއްދުމަށެވެ.
04 ސެޕްޓެމްބަރ 2025
ރިޝްވަތާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ހިޔާނަތްތެރި ވުމާއި އާންމު މުދާ ގެއްލުވާލުމާއި ހިދުމަތްތަކާއި ފުރުސަތުތައް ދިނުމުގައި ތިމާގެ ކަމާއި ރައްޓެހި ކަމަށް ބަލައިގެން ދިނުން ފަދަ ފަސާދައިގެ ތެރޭ ހިމެނޭ ކަންކަމަކީ މުޖުތަމައުގެ ވަބާ އެކެވެ. މިކަމުގެ ހައްލެއްގެ ގޮތުގައި އިސްލާމް ދީން ހުށަހަޅައިދެނީ އަދުލުވެރިކަމާއި ހަމަހަމަކަމާއި ނަޒާހަތްތެރިކަން ދަމަހައްޓައި ދެފުށް ފެންނަ ގޮތުގައި ކަންކަން ކުރިއަށްދާ މުޖުތަމައެއް އުފެއްދުމަށެވެ.
މި ކަމަށް ބޭނުންވާ އެންމެހާ އިރުޝާދުތައް ދެއްވައި މީގެ އެންމެ ފުރިހަމަ ނަމޫނާ ދައްކަވައި ދެއްވީ އާލަމްތަކަށް ރަހުމަތެއް ކަމުގައި މާތް ﷲ ފޮނުއްވި ނަބިއްޔާ މުހައްމަދު ﷺ އެވެ. އެ މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މުނާސަބަތު އިހުތިފާލު ކުރަމުންދާ ހިނދު އެކަލޭގެފާނުގެ ސިޔަރަތުން ލިބޭ ފިލާވަޅުތަކަށް ނަޒަރެއް ހިންގާލުމަކީ މުހިންމު ކަމެކެވެ. ފަސާދައިން އެއްކިބާވެފައިވާ މުޖުތަމައެއް ގާއިމު ކުރުމަށް އެކަލޭގެފާނު ދެއްވި އިރުޝާދާއި ދެއްކެވި ނަމޫނާ އަށް ބަލާއިރު މުހިންމު ކަންތައްތަކެއް ފާހަގަ ވެ އެވެ.
ކީރިތި ނަބިއްޔާ ﷺ ނަބީ ކަމައިގެން ފޮނުއްވުމުގެ ކުރިން ވެސް އަމާނާތްތެރިއެއްގެ ލަގަބު ލިބިވަޑައިގެންފައި ވެ އެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމަށްޓަކައި މީސްތަކުންގެ ވަދީއާތައް އެކަލޭގެފާނާ ހަވާލު ކުރައްވަ އެވެ. އަމާނާތްތެރިކަމަކީ ﷲ އެކަމަށް މީސްތަކުންނަށް އަމުރު ކުރައްވާފައިވާ ކަމެކެވެ. (އައްނިސާއު 58). މީހެއްގެ ކިބައިން އަމާނާތްތެރިކަމުގެ ސިފަ ނެތި ހިގައްޖެ ނަމަ އެއީ މުނާފިގުންގެ އަލާމާތެއްގެ ގޮތުގައި ވެގެންދެ އެވެ (މުއްތަފަޤު ހަދީސެއް). މުޖުތަމައެއް ފަސާދަވާން ފަށާ ހިސާބަކީ އަމާނާތްތެރިކަން ގެއްލޭ ހިސާބެވެ.
އަދި ނަޒާހަތްތެރިކަން ދެމެހެއްޓޭނީ އަމާނާތް އަދާކުރެވިގެންނެވެ. އެހެންވެ ކަންކަމަށް މީހުން އައްޔަން ކުރުމުގައި ގާބިލުކަމުގެ ޝަރުތުގެ އިތުރުން އަމާނާތްތެރިކަމުގެ ޝަރުތުވެސް ފުރިހަމަވާން ޖެހެ އެވެ. މޫސާގެފާނާއި ޔޫސުފުގެފާނަށް ކަންކަން ހަވާލު ކުރެވުނީ އަމާނާތްތެރި ވީތީ އެވެ.
ކީރިތި ނަބިއްޔާ ﷺ ބަޔާން ކުރައްވާ ގޮތުގައި ރިޝްވަތަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފަ އެކެވެ. އެކަލޭގެފާނު ހަދީސް ކުރައްވަނީ "ރިޝްވަތު ދޭ މީހާ އާއި ރިޝްވަތު ހިފާ މީހާ އަށް ﷲ ލައުނަތް ލައްވާނެ" ކަމަށެވެ (އަޙުމަދާއި އަބޫދާއޫދު).
ރިޝްވަތަކީ އަދުލުވެރިކަން ފުނޑާލައި ފަސާދަ އާލާވާން ލިބޭ ފުރުސަތެކެވެ. އެހެންވެ ޒަކާތާއި ސަދަގާތް ބެއްސެވުމަށް އެކަލޭގެފާނު ފޮނުއްވި އާމިލަކު ހަދިޔާއެއްގެ ގޮތުގައި އެ އިން ބައެއް ނެންގެވުމުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި އެކަލޭގެފާނު ހަދީސް ކުރެއްވީ "ތިބާ ތިބާގެ ބައްޕަ ނުވަތަ މަންމަގެ ގޭގައި އިންނަވައި ތިޔަ ހަދިޔާ ލިބޭތޯ ނުވަތަ ނޫންތޯ އިންތިޒާރު ކުރައްވާފާނަން ހެއްޔެވެ؟" (ބުޚާރީ އާއި މުސްލިމް).
މީހަކަށް ހައްގު ނޫން ފުރުސަތެއް ދިނުމަކީ ވެސް އެކަލޭގެފާނު ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަމެކެވެ. ހައްދެއް ގާއިމު ކުރުމުގައި ނަސަބުގެ ގޮތުން މަތީ ދަރަޖައެއްގެ މީހަކަށް މާފުކޮށްދޭން އެދުމުން އެކަމަށް އިންކާރު ކުރެއްވި އެވެ. އަދި އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވިޔަސް އެކަމަނާގެ އަތްޕުޅު ކަނޑުއްވާނެ ކަމަށް ހަދީސް ކުރެއްވި އެވެ (ބުޚާރީ އާއި މުސްލިމް). މިއިން އެނގެނީ ޝަރީއަތާއި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ކަންކަން ތަންފީޒު ކުރުމުގައި ތިމާގެކަމާއި ރައްޓެހިކަމަށް ބެލުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމެވެ.
ކީރިތި ނަބިއްޔާ ﷺ ނަމޫނާ ދައްކަވައި ދެއްވީ އަދި އެކަލޭގެފާނު ސަހާބީންނަށް ދަސްކޮށްދެއްވީ ތަނެއްގެ ވިލާޔަތު (ވެރިކަން) ހަވާލު ކުރަނީ ގަދަބާރުން ކަންކަން ކުރުމަށް ނުވަތަ އަމިއްލަ މުއްސަނދިކަން އިތުރު ކުރުމަށް ނޫން ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ.
މިހެންވެ އަބޫޛައްރުގެފާނު ވެރިކަމަކަށް އިސްކުރެއްވުމަށް އެދި ވަޑައިގަތުމުން އެކަން ގަބޫލުފުޅު ނުކުރައްވައި އެކަލޭގެފާނު ހަދީސް ކުރެއްވީ "...އެއީ އަމާނަތެކެވެ. އަދި އެއީ ހައްގު ގޮތުގައި އެކަމާ ހަވާލުވެ އެކަމުގެ ތެރެއިން އަދާކުރަންޖެހޭ އެންމެހާ ހައްގުތައް އަދާކޮށްފި މީހަކަށް މެނުވީ އާހިރަތުގައި ލަދުވެތިކަމާއި ހިތާމަ އެކެވެ" (މުސްލިމް).
އަދި އެކަލޭގެފާނު ބަޔާން ކުރައްވަނީ ކަމެއް ބަލަހައްޓަން ޖެހޭ ކޮންމެ މީހަކު އެކަމެއްގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. މިގޮތުން އާއިލާގެ ވެރިން ކަމުގައިވާ ފިރިހެނުންނާއި ގޭގެ ކަންކަން ބަލަހައްޓަން ޖެހޭ އަންހެންނުންނާއި ސާހިބުންގެ ހިދުމަތުގައި ތިބޭ ހާދިމުންނާއި މުޖުތަމައުގެ އެކި ކަންކަމާ ހަވާލު ކުރެވޭ ވެރިންގެ ވާހަކަ ވަކިން ހާއްސަކޮށް ބަޔާން ކުރައްވާފައި ވެ އެވެ (މުއްތަފަޤު ހަދީސެއް). އެހެންކަމުން މަސްއޫލިއްޔަތެއް ހަވާލު ވުމަކީ ހާދިމަކަށް ވުމެވެ. ޝަހުސީ މަސްލަހަތަށް އޮތް ވަސީލަތެއް ލިބުމެއް ނޫނެވެ.
ނަބިއްޔާ ﷺ އަކީ މީސްތަކުންގެ މެދުގައި މުތުލަގު އަދުލުވެރިކަން ގާއިމު ކުރެއްވުމަށް އެންމެ ބޮޑަށް ފަރުވާތެރިވެ ވަޑައިގެންނެވި އިންސާނާ އެވެ. ކީރިތި ޤުރްއާނުގައި އަދުލުވެރި ވުމަށް ﷲ އަމުރު ކުރައްވާކަން ބަޔާން ކުރައްވާފައި ވެއެވެ (އައްނިސާއު 58، އައްނަޙްލު 90).
އަދި އަދުލުވެރިކަން ދެމެހެއްޓުމަށްޓަކައި އަމިއްލަ ނަފުސާއި މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ މައްޗަށް ހެކިބަސް ދޭން ޖެހުނަސް އަދުލުވެރިކަން އިސްކުރަން ﷲ އަންގަވާފައި ވެ އެވެ (އައްނިސާއު 135). އަދިކިއެއްތަ، ޣައިރު މުސްލިމުންނާ މެދު ވެސް (އެ މީހުންގެ ފަރާތުން އުދުވާނެއް ނެތް ނަމަ) އަދުލުވެރިވެ ހެޔޮކޮށް ހިތަން އަންގަވައެވެ (އަލްމުމްތަޙިނާ 8).
އަދި އަދާވާތްތެރިން ކަމުގައި ވިޔަސް އެ މީހުންނަށް އަދުލުވެރިވުން އެކަލާނގެ ކުށްވެރި ނުކުރައްވާ ކަމާއި އަދުލުވެރިވުން ތަގުވާ އާ ގާތްކަން ބަޔާން ކުރައްވަ އެވެ (އަލްމާއިދާ 8).
ވީއިރު މުސްލިމުންގެ މެދުގައި އަދުލުވެރިކަން ދެމެހެއްޓުން އައުލާވެގެންވާނެ މިންވަރު ތަސައްވުރު ކުރެވެ އެވެ. ކީރިތި ރަސޫލާ ﷺ ވަނީ މިކަން އަމަލީ ގޮތުން ދައްކަވައި ދެއްވާފަ އެވެ. މިގޮތުން ވައްކަމެއް ކުރި މަޚްޒޫމީ ވަންހައިގެ އަންހެނަކަށް ޝަފާއަތްތެރިވާން ގަބޫލު ނުކުރެއްވި އެވެ. ހައްގުތަކާއި ވާޖިބުތަކުގައި މުއްސަނދިންނާއި ފަގީރުންނަށް އިންސާފުވެރި ގޮތްތައް ކަނޑައެޅުއްވި އެވެ. އިސްލާމީ މުޖުތަމައުގައި އުޅުނު އައިރު މުސްލިމުންނަށް ވެސް އެކަލޭގެފާނު އިންސާފުވެރިވެ ވަޑައިގަތެވެ.
އާންމު މުދަލަކީ ނުވަތަ ފައިސާ އަކީ އިސްލާމީ ނަޒަރުން ބަލާއިރު އުންމަތުގެ އަމާނަތެކެވެ. އެ އަމާނަތަށް އެންމެން ވެސް ރައްކާތެރިވާން ޖެހޭނެ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "ތިޔަބައިމީހުން ކުރެ މީހަކަށް ވަޒީފާއެއް ހަމަޖައްސައި އޭނާ އަށް އެކަމަށް އުޖޫރައެއް ދިނުމަށް ފަހު އޭގެ ބޭރުން އެމީހަކު އެއްޗެއް ނަގައިފި ނަމަ އެއީ ހިޔާނަތުގެ ގޮތުގައި ނަގާ އެއްޗެކެވެ" (އަބޫދާއޫދު).
އެހެން ހަދީސެއްގައި ވަނީ އާމިލުންނަށް ލިބޭ ހަދިޔާ އަކީ ހިޔާނަތުގެ ގޮތުގައި ލިބޭ މުދަލެއް ކަމަށެވެ (އަޙުމަދު). ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި މުދަލަށް ޚހިޔާނާތްތެރިވާ މީހާ އެ މީހަކު ހިޔާނަތްތެރިވި ތަކެއްޗައިގެން ގިޔާމަތް ދުވަހުން ﷲ ގެ ޙަޟްރަތަށް ދާން ޖެހޭނެ އެވެ (އާލްޢިމްރާން 161). އެބަހީ އެ ދުވަހުން އެންމެންގެ ކުރިމަތީގައި އެ ތަކެތި އުފުލަމުން އެމީހަކު ފަލީހަތް ވާން ޖެހޭނެ އެވެ.
މުޖުތަމައުން ފަސާދަ ނައްތާލުމަށްޓަކައި ކީރިތި ރަސޫލާ ﷺ ކުރެއްވެވި އަނެއް މުހިންމު ކަމަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމުގެ ސަގާފަތެއް މުޖުތަމައުގައި ފެތުރުއްވުމެވެ. އެކަލޭގެފާނު ހަދީސް ކުރައްވަނީ "ތެދުވެރި އަމާނާތްތެރި ވިޔަފާރި ވެރިޔާ ގިޔާމަތް ދުވަހުން ވާހުށީ ނަބީންނާއި ސިއްދީގުންނާއި ޝަހީދުންނާ އެކުގައި" ކަމަށެވެ (އައްތިރުމިޛީ).
އަގުދުތަކާއި އަހުދުތަކަށް ވަފާތެރިވާން ބާރު އެޅުއްވި އެވެ. ކީރިތި ޤުރްއާނުގައި ﷲ އަންގަވާފައި ވަނީ އަގުދުތަކަށް ވަފާތެރި ވުމަށެވެ (އަލްމާއިދަތު 1). އެހެންކަމުން ވަޒީފާގައި ތެދުވެރިވުމާއި ވިޔަފާރީގައި ނަޒާހަތްތެރިވުމާއި ތައުލީމާއި ސިއްހީ ހިދުމަތާއި އާންމު ހިދުމަތުގައި އިހުލާސްތެރިވުން މުހިންމެވެ.
ކީރިތި ރަސޫލާ ﷺ ގެ މުޅި ހަޔާތްޕުޅު ހޭދަ ކުރެއްވީ ޒާހިދުކަން މަތީ ގައެވެ. އެބަހީ ދުނިޔަވީ އުފަލާއި އަރާމު ދިރިއުޅުމަށް އެކަލޭގެފާނު އިސްކަމެއް ނުދެއްވަ އެވެ. އެކަލޭގެފާނަކީ އުންމަތުގެ އެންމެ އިސްވެރިޔާ ކަމުގައި ވިޔަސް އަވަހާރަފުޅު ލައްޕަވަނީ އާދައިގެ ކުނަލެއްގެ މަތީގަ އެވެ. އޭގެ ވަތްތަކުގެ އަސަރު އެކަލޭގެފާނުގެ ބުރަކަށިފުޅުން ފާޅުވާން ހުރެ އެވެ. އެކަލޭގެފާނު ޣަނީމާ މުދާ ބައްސަވަނީ އަދުލުވެރި ކަމާ އެކު އެވެ. އެކަމުގައި ހިޔާނަތްވެ ވަޑައި ނުގަންނަވަ އެވެ. އެކަލޭގެފާނުގެ ދުއާފުޅަކީ، އާލު މުޙައްމަދުގެ ރިޒުގަކީ އެބައިމީހުންގެ ދިރިއުޅުމުގެ ދުވަހީ ކޮއްތު އެކަނި ކަމުގައި ހައްދަވައި ދެއްވުމެވެ.
ވީމާ، މި ފާހަގަ ކުރި ކަންކަމުން އެނގި ހާމަވަނީ ފަސާދައިން ދުރުހެލި މުޖުތަމައެއް ބިނާ ކުރުމުގައި ކީރިތި ރަސޫލާ ﷺ ދެއްވެވި އިރުޝާދާއި ދެއްކެވި ނަމޫނާ އެވެ. ފަސާދައިގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރަން ބޭނުން ނަމަ މިކަންކަމަށް ހަމަ ކޮންމެ މީހަކު ވެސް ތަބާވުން ލާޒިމެވެ.
ނަބަވީ ހިޖުރައިން ދަސްވާ ގިޔަމުތައް
ހިޖުރައިގެ ހާދިސާއިން އިބުރަތް ލިބިގަތުން
ރަސޫލާ ދެއްކެވީ ނިއުމަތްތަކަށް ހަމްދުކުރުމުގެ ނަމޫނާ
އިސްރާ އާއި މިއުރާޖުގެ މަތިވެރި މުއުޖިޒާތްތައް
ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި
މުސްލިމުން ކިބައިން މާފަށްއެދެން އެމްއެންޕީން ގޮވާލައިފި
ފެޝަން ޝޯގެ މައްސަލާގައި ރިއާނާ މާފަށް އެދިއްޖެ
ހަލާލު ސިނާއަތުގެ މާނަ އޮޅުވާލައިގެން ނުވާނެ
ތަރުބިއްޔަތުގައި ރުޅި ކޮންޓްރޯލު ކުރުމާއި ދަރަޖަތައް
އިސްލާމްދީން ގެނެސްދޭ މިނިވަންކަން