Roadha Mihaaru
ފުލުހުން އިހުމާލުވި މައްސަލަ ބަލަން އެދިއްޖެ

ޔޯގާ ހަމަނުޖެހުން: ފުލުހުން އިހުމާލުވި މައްސަލަ ބަލަން އެމްއެންޕީން މަޖިލީހުގައި އެދިއްޖެ

29 ޖޫން 2022

މި މަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރަނިކޮށް، ބަޔަކު ގަލޮޅު ދަނޑަށް ވަދެ، އެތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުން ކަމަށް އެ އިދާރާއިން އެއްބަސްވެފައި ވާތީ، ފުލުހުން އިހުމާލުވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި މަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރަނިކޮށް، ބަޔަކު ގަލޮޅު ދަނޑަށް ވަދެ، އެތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުން ކަމަށް އެ އިދާރާއިން އެއްބަސްވެފައި ވާތީ، ފުލުހުން އިހުމާލުވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް ސޮއިކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި އެ ސިޓީގައި ވިދާޅުވީ ގައުމުގެ ސަލަމާތާއި ރައްކާތެރިކަން ދަމަހައްޓަން ޖެހޭ މުއައްސަސާއަކުން، އެތަނުގެ ޒިންމާ އަދާކުރުމުގައި "ފެއިލްވި" ކަމަށް އެއްބަސްވުމަކީ އެހިސާބުން އެކަން ނިންމާލައިގެން ތިބެވޭނެ ކަމެއް ނޫން ކަމަށެވެ. އެ މައްސަލަ މަޖިލީހުގެ ގައުމީ ސަލަމާތާ ބެހޭ ކޮމެޓީން ބަލައި، ފިޔަވަޅު އަޅަން އެ ސިޓީގައި އެދިފައިވެ އެވެ.

ޔޯގާ ދުވަސް ފާހަގަކުރަން އެ ހަރަކާތް ބޭއްވުމަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް ބުނެ، އެ ހަރަކާތް ހުއްޓުވައިދޭން އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް މި މަހު 15 ގައި ސިޓީއަކުން އެންގިޔަސް، އެކަމަށް އެއްވެސް ފިޔަވަޅެއް އެ އިދާރާއިން ނޭޅި ސަބަބެއް ބަލަން ޖެހޭ ކަމަށް ބުންޏެވެ. އަދި ފަހުން، އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީއަކީ ސައްހަ އެއްޗެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނި މައްސަލައިގައި ވެސް އެކަން ހިނގާދިޔަ ގޮތް ބަލަން ޖެހޭ ކަމަށް ބުންޏެވެ.

"ސަބަބަކީ މި ހިނގާ ކަންކަމުގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގުތައް ހިފެހެއްޓިފައި ވާތީ އެވެ. އަދި، އެ މިނިސްޓްރީން ބުނާ ގޮތަށް ކަންކަން ހިނގި ނަމަވެސް، އެ ސިޓީ އޮންނަން ވާނީ މި މަހު 21 ގެ ކުރިން ނަފީކުރެވިފަ އެވެ. މިފަދައިން ކަންކަން ތަރުތީބުނުވެ، ބަޔަކު މީހުން ހައްޔަރުގައި ވާތީ، މިއީ ވެސް ރައްޔިތުންގެ މަޖިލީހުން ބަލާ، ސަރުކާރު ހިންގުން ހަރުދަނާކުރުމަށް ގޮތް ކިޔަން ޖެހޭ ކަމެއް ކަމަށް ފާހަގަކުރަމެވެ،" އެ ސިޓީގައި ބުންޏެވެ.

ފުލުހުން ފެއިލްވި ކަމަށް އެއްބަސްވުމުން އެ މުއައްސަސާ އަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާ ކަމަށާއި އެ އިތުބާރު އަލުން ހޯދޭނީ އެ މައްސަލަ ބެލިގެން ކަމަށް ބުންޏެވެ.

ޔޯގާ ހަދަން ތިއްބާ ދަނޑަށް ވަދެގެގަތް މީހުން، ދަނޑުގެ ބޭރުގައި.

ޔޯގާ ހަދަން ތިއްބާ ދަނޑަށް ވަދެގެގަތް މީހުން، ދަނޑުގެ ބޭރުގައި.

"އެހެންކަމުން، ފުލުހުންނަށް ޔޯގާ ދުވަހުގެ ހަރަކާތް ބާއްވާކަން އެނގުމުން އެ މުއައްސަސާއިން އަމަލުކުރި ގޮތުގެ ޓައިމްލައިނެއް ހަދާ، ފުލުހުން ފެއިލްވި ސަބަބުން ހޯދުމަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އޮތް ޒިންމާއެކެވެ،" އެ ސިޓީގައިވެ އެވެ.

ސިޓީގައި ފާހަގަކުރި އިތުރު ބައެއް ކަންކަން

- ޔޯގާ ހަރަކާތް ބާއްވަން ނިންމުމާ އެކު ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމާ ދެކޮޅު ހެދިޔަސް، މިއަދާ ހަމަ އަށް ވެސް ދީނީ ނަޒަރަކުން ޔޯގާއާ ބެހޭ ގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައި ނެތުން.

- ޔޯގާ ހަރަކާތުގެ ސަބަބުން ގައުމުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާ، ބަޔަކު ހައްޔަރުކުރި އިރު ވެސް، ދީނީ ކަންކަމުގައި ރާއްޖޭގައި ފަތުވާދޭ އެންމެ މަތީ މަޖިލިސް އަދިވެސް ހިމޭނުން އޮތުން.

- ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފިޔަވާ އިތުރު މެމްބަރަކު އެ މަޖިލީހަށް އައްޔަންކޮށްފައި ނެތުން.

- ޓޭރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން އެކުލަވާލަން ޖެހޭ ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް މިދިޔަ އަހަރު އޮގަސްޓް 17 ގައި އެ މިނިސްޓްރީން ބުންޏަސް، ޔޯގާ ދުވަހު ހިނގައިދިޔަ ކަންތައްތަކުން ފެންނަނީ އެ އޮނިގަނޑު ހަރަކާތްތެރި ނޫންކަން.

ގަލޮޅު ދަނޑުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހަދަމުން އަންނަ ކަމަށާއި އެކަމުގެ ރިޕޯޓް ވަރަށް އަވަހަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ބަޔަކު ވަދެގަނެ، އެތަނުގައި ހުރި ތަކެތި އުކާލައި، މީހުންނަށް ހަމަލާދީ، ބިރު ދައްކައި އިންޒާރުދިން މައްސަލާގައި މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ދަނޑުގައި ހަމަނުޖެހުން ހިންގީ، ޔޯގާ ހަރަކާތް ހުއްޓުވަން ސޯޝަލް މީޑިއާގައި އަޑު އުފުލުމަށް ފަހު އެވެ. ހަމަނުޖެހުން ހިންގި ތަނަށް ފަތިހު ދިދަތައް ނެރެގެން ގެންދިޔައީ ޕީޕީއެމްގެ އޮފީހުންނެވެ. އެކަމަކު އެ ޕާޓީން ބުނެފައި ވަނީ ހަމަނުޖެހުން ހިންގުމުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.