Roadha Mihaaru

ރާއްޖެ އިން ބޭރުން ބޭސްފަރުވާ ހޯދުމުގައި މެމްބަރުންނަށް ދަތިތައް ކުރިމަތިވާތީ ކަންބޮޑުވެއްޖެ

ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސްގެ ނިޒާމު މެދުވެރިކޮށް، ރާއްޖެ އިން ބޭރުން ބޭސް ފަރުވާ ހޯދުމުގައި ދަތިތަކެއް ދިމާވާތީ ބައެއް މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މެންބަރުން ބޭސްފަރުވާ ހޯދުމުގައި ދަތިވާތީ ކަންބޮޑުވުން!
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

17 ފެބުރުއަރީ 2025

ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސްގެ ނިޒާމު މެދުވެރިކޮށް، ރާއްޖެ އިން ބޭރުން ބޭސް ފަރުވާ ހޯދުމުގައި ދަތިތަކެއް ދިމާވާތީ ބައެއް މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދެމުން އަންނަނީ އެލައިޑު އިންޝުއަރެންސް މެދުވެރިކޮށެވެ.

ހެލްތު އިންޝުއަރެންސްގެ ދަށުން ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމުގައި ކުރިމަތިވާ ދަތިތައް ބައެއް މެމްބަރުން ފާހަގަކުރެއްވީ، އެ ބޭފުޅުންނަށް އިންޝުއަރެންސް ދިނުމަށް 2016 ވަނަ އަހަރު އެކުލަވައިލި އުސޫލު އާ ކުރުމުގެ ކުރިން މަޖިލީހުގެ އާންމު ކޮމިޓީގެ ހިޔާލު ހޯދަން ފޮނުވުމުން މިއަދު ކުރެއްވި މަޝްވަރާތަކުގަ އެވެ.

ގިނަ އިރުތަކެއް ވަންދެން އަޑު ކަނޑާލައިގެން ބޭއްވި ބައްދަލުވުމުގައި، އިންޝުއަރެންސްގެ ސަބަބުން ދަތިތައް ކުރިމަތިވާތީ އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރެއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ.

މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވަކި ކަމަކަށް ހާއްސަ ޑޮކްޓަރަކަށް ދައްކަން ލިޔުން ހިފައިގެން ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލަކަށް ދިއުމުން، އިތުރު ކަމަކާ ގުޅޭ ޑޮކްޓަރަކަށް ދައްކާ ނަމަ އެ ލިޔުން ބޭނުން ނުކުރުމެވެ.

އޭގެ ބަދަލުގައި އިތުރު ޑޮކްޓަރަކަށް ދައްކާ ނަމަ ޖެހެނީ އަލުން ލިޔުން ހޯދަން ނުވަތަ ފަހުން ފައިސާ ރީއިމްބާސް ކުރާ ގޮތަށް އަމިއްލަ އަތުން ހަރަދު ކުރަން ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

އެކަމަށް ތާއީދު ކުރައްވަމުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒު ވިދާޅުވީ، އެކަން ތަޖުރިބާ ކުރައްވާފައިވާ ކަމަށާއި މެމްބަރުންގެ އަތުން ބޮޑު އަދަދެއް ނަގައިގެން ކުރާ ކަމެއްގައި މެމްބަރުންނަށް ތަކުލީފު އުފުލަން ޖެހިގެން ނުވާނެ ކަމަށެވެ.

އިންޑިއާ އަށް ބޭސް ފަރުވާއަކަށް ދާދި ފަހުން ކުރެއްވި ދަތުރެއްގައި ވަޑައިގަތީ އެލައިޑުގެ ސިޓީއެއް ވެސް ހިއްޕަވައިގެން ކަމަށާއި އެކަމަކު، އިތުރު ޑޮކްޓަރަކަށް ދައްކަން ޖެހިވަޑައިގަތީ އަމިއްލަ އަތުން ހަރަދު ކުރައްވައިގެން ކަމަށް ރިޔާޒު އަތުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެއީ މަޖިލީހުގެ އިދާރާގެ ފަރާތުން ގުޅަން ޖެހޭ މީހަކަށް ގުޅައިގެން ނުވަތަ ސީދާ އެލައިޑު އިންޝުއަރެންސަށް ގުޅައިގެން ކުރަން ޖެހޭ ކަމެއް ނޫނެވެ. އިތުރު ތަކުލީފެއް އުފުލަން ޖެހިގެން ނުވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަތުން ހަރަދުވި ފައިސާ އަނބުރާ ހޯދުމުގެ މަރުހަލާ ވެސް ވަރަށް އުނދަގޫ ކަމަށެވެ. އެކަމަށް "އެތައް ވަގުތުތަކެއް ހޭދަކޮށް ފޯމުތަކާއި އެއްޗެހި އެތަނަށް ހުށަހަޅައިގެން" ކުރިއަށް ގެންދިއުމަކީ އުނދަގޫ ކަމެއް ކަމަށް ވިދާޅުވި އެވެ.

"[ރީއިމްބާސް އަށް] ހުށަހެޅީމާ ރިޖެކްޓް ކޮށްލީ، އަޅުގަނޑު އެ ބޭފުޅުންނަށް ވަޓްއެސްއެޕް ކޮށްލިން، އަޅުގަނޑަކީ މެމްބަރެކޭ އަޅުގަނޑުމެން މިހެން ހުށަހަޅާ އެއްޗެހި ރިޖެކްޓެއް ނުކުރެވޭނެޔޭ، ކޮށްގެން ނުވާނެޔޭ. އަޅުގަނޑު ވެސް ވަރަށް ބޮޑު ހަރަދެއް ކޮށްފައި އައީ،" ރިޔާޒު ވިދާޅުވި އެވެ.

"އެކަމަކު ލިބުނީ 3،000ރ. އެހެންވީމާ މިގޮތަށް މި ކަންކަން ހިނގައިގެން ނުވާނެ."

އެ ކަންބޮޑުވުންތަކާ ގުޅިގެން މެމްބަރުންގެ ހެލްތު އިންޝުއަރެންސާ މެދު އަމަލު ކުރާނެ ގޮތެއް ކޮމިޓީން އަދި ނުނިންމަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި އުމުރުން 18 އަހަރު ނުފުރޭ ދަރިން ހިމެނޭ ގޮތަށް ހެލްތު އިންޝުއަރެންސް ލިބެ އެވެ. ރާއްޖޭގެ އިތުރުން ސާކް ގައުމުތަކާއި އާސިއާންގެ ގައުމުތަކުން މެންބަރުންނަށް ބޭސްފަރުވާ ލިބެ އެވެ.