Roadha Mihaaru

ނަޝީދު ވިދާޅުވަނީ ނާޖާއިޒު ފައިދާއާ ހެދި އާސަންދަ ބޮޑު ބުރަޔަކަށް ވެއްޖެކަމަށް

ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް އާސަންދަ ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ނާޖާއިޒު ފައިދާތައް ނަގާތީ އެ ނިޒާމު ދައުލަތަށް ބޮޑު ބުރަޔަކަށް ވެފައިވާ ކަމަށް، އެ ނިޒާމު ތައާރަފް ކުރި އިރު ރައީސްކަމުގައި ހުންނެވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސަންދައިން ބަޔަކު ނާޖާއިޒު ފައިދާ އެބަހޯދާ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

09 ނޮވެމްބަރ 2020

ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް އާސަންދަ ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ނާޖާއިޒު ފައިދާތައް ނަގާތީ އެ ނިޒާމު ދައުލަތަށް ބޮޑު ބުރަޔަކަށް ވެފައިވާ ކަމަށް، އެ ނިޒާމު ތައާރަފް ކުރި އިރު ރައީސްކަމުގައި ހުންނެވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އާސަންދަ ފުރަތަމަ ތައާރަފްކުރީ އިންޝުއަރެންސް ސްކީމެއްގެ ގޮތުގައި ކަމަށާއި އެހެން ނަމަވެސް މިހާރު އެ ސްކީމް ހިނގަމުން އަންނަނީ އިންޝުއަރެންސް އުސޫލުން ނޫން ކަމަށެވެ. މިއަދުގެ ޖަލްސާ އިންޓަވަލް އަށް މެދުކަނޑައިލައްވަމުން އެމަނިކުފާނު ވިދާޅުވީ، މަސް ދެ މަސް ދުވަހުގެ ބޭސް ލިޔެދިނުމަކީ މިހާރު ޑޮކްޓަރުން އާއްމުކޮށް ކުރާ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި އިންތިހާ އަށް ގިނަ ޓެސްޓްތައް ވެސް ހައްދުވާ ކަމަށެވެ. އެހެންވެ، އާސަންދަ އިން ދޭ ފަރުވާގެ ބިލު އެތައް ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސްް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި އާސަންދަ އަށް މިހާރު ދައުލަތުން އަހަރަކު ދެ ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ.

"އާސަންދަ ފެށިގެން އައީ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ވިސްނުމުގެ ތެރޭގައި. އެހެން ނަމަވެސްް މިހާރު އާސަންދަ ވަކިން ހިނގަމުން އަންނަނީ. އެލައިޑް އިންޝުއަރެންސާ އާސަންދަައާ މިވަނީ ވަކިކުރެވިފައި. ދެން އާސަންދަ ހިނގަމުން ދަނީ އިންޝުއަރެންސްގެ އުސޫލުތަކުން ނޫންކަމަށް ފެންނަމުން ދަނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އާސަންދައިގެ ނިޒާމުގެ ތެރެއިން ނާޖާއިޒު ފައިސާ ނެގެނީ މަޖިލީހުން އެކަން ނުބަލާތީ އެވެ. އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު، މިއަދުގެ ޖަލްސާގައި ބަހުސް ކުރަމުން އައީ ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު ހުށަހަޅުއްވާފައިވާ އިންޝުއަރެންސްގެ ބިލަށެވެ.

"މިހާރު ޑޮކްޓަރުން އެއްމަސް ދުވަސް ދެ މަސް ދުވަހުގެ ބޭސް އެބަ ލިޔެދޭ. އެހެންވީމާ ބޭސް ކާ ކުއްޖާ، މީހާ ހަތަރު ދުވަސް، ތިން ދުވަސް ކާލާފައި އަނެއްބައި އުކާލަނީ. ޓެސްޓު އެބަ އިންތިހާ އަށް ގިނަ ފަހަރު ހައްދުވާ. އަދި ޓެސްޓު ހެދުމާއި ބޭސް ޕްރިސްކްރިޕްޝަން ދިނުމުގެ މަސައްކަތުގެ ތެރޭގައި ގޮސް އާސަންދަގެ ބިލު އެބަދޭ އެތައް ބިލިއަން ރުފިޔާއަކަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ގިނައިން ބޭސްދޫކުރުމާއި ޓެސްޓުތައް ގިނައިން ހެއްދުން ފަދަ ކަންތައްތަކުން އާސަންދައިގެ ބިލް ބޮޑުވާއިރު، ސަރުކާރުގެ ބޭނުމަކީ ބަލިވާ މީހުންނަށްް އަދި ވަކިން ހާއްސަކޮށް ބޮޑެތި ބަލިތަކަށް ފަރުވާ ކުރަންޖެހޭ ނިކަމެތި މީހުންނަށް ފަރުވާ ކުރެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ.

"މި ނިޒާމުގެ ނާޖާއިޒު ފައިދާ ނެގޭ ގޮތަށް އޮންނަ އޮތުން އެއީ މި މަޖިލީހުން މި ކަންކަން ނުބެލޭތީ ވާ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ވިސްނާފައިވާ ގޮތަށް އަދި ގާނޫނު އަސާސީގައިވާ ގޮތަށް ދައުލަތް ހިންގާ ނަމަ ދައުލަތް ނެގެހެއްޓޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކޮންމެ ރައްޔިތަކަށް ވެސް ބޭސްފަރުވާ ކުރެވޭ ހެލްތު އިންޝުއަރެންސްް ނިޒާމެއްގެ ގޮތުގައި އާސަންދަ ފުރަތަމަ ތައާރަފު ކުރެއްވީ ނަޝީދުުގެ ވެރިކަމުގައި 2011 އިގަ އެވެ. ނަމަވެސް އޭރުގައި އޮތީ އެ ނިޒާމުން ފަރުވާ ކުރުމަށް ކޮންމެ މީހަކަށް ވެސް އަހަރަކު ވަކި އަދަދަކަށް ދައުލަތުން ފައިސާ ހަރަދުކުރާ ގޮތަށެވެ. ވަކި އަދަދެއް ކަނޑަނާޅައި ހަރަދުކުރާ ގޮތަށް އާސަންދަ ބަދަލު ކުރައްވައި "ހުސްނުވާ އާސަންދަ"ގެ ނަން ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.