Roadha Mihaaru
ހިލޭ ބޭސްފަރުވާ ލިބޭނީ ކޮންމެވެސް އެއް ސްކީމަކުން

ހިލޭ ބޭސްފަރުވާ ލިބޭނީ ކޮންމެވެސް އެއް ސްކީމަކުން: އާސަންދަ

12 އެޕްރީލް 2019

އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދައުލަތުގެ ޚަރަދުގައި ސިއްހީ ޚިދުމަތް ދިނުމަށް "މެރަނާ" ސްކީމް ތައާރަފު ކޮށްފައިވާއިރު ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނީ އޭގެތެރެއިން ކޮންމެވެސް އެއް ސްކީމެއްގައި ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދައުލަތުގެ ޚަރަދުގައި ސިއްހީ ޚިދުމަތް ދިނުމަށް "މެރަނާ" ސްކީމް ތައާރަފު ކޮށްފައިވާއިރު ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނީ އޭގެތެރެއިން ކޮންމެވެސް އެއް ސްކީމެއްގައި ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދައުލަތުގެ ހަރަދުގައި ބޭސްފަރުވާގެ ހިދުމަތް ދިނުމަށް ތައާރަފު ކުރި މެރަނާ ސްކީމާ ގުޅޭ މައުލޫމާތު ދިނުމަށް އާސަންދައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އައިމިނަތު ޒީނިއާ ވިދާޅުވީ މެރަނާ ސްކީމުގައި ރަޖިސްޓްރީ ވުމުން ހުސްނުވާ އާސަންދައިގެ ހިދުމަތް އެ މީހަކަށް ނުލިބޭނެ ކަމަށެވެ.

"ދެ ސްކީމް މިއޮތީ ވަކިކޮށްފައި. އެއްވެސް ރައްޔިތަކަށް ދެ ސްކީމްގެ ތެރެއިން ހިދުމަތް ލިބޭގޮތަކަށް ނޫން އޮންނަނީކީއެއް. ޗޫޒް ކުރަން މިޖެހެނީ ހުސްނުވާ އާސަންދަ ސްކީމްތޯ ނުވަތަ މެރަނާ ސްކީމްތޯ ރާއްޖެއިން ބޭރުގައި އުޅޭ ބޭފުޅުން ނަންގަވާނީ،" ޒީނިއާ ވިދާޅުވި އެވެ.

ހުސްނުވާ އާސަންދަ އަކީ އޭގައި ލިމިޓެއް ކަނޑައެޅިފައިވާ ސްކީމެއް ނޫނެވެ. އެހެން ނަމަވެސް މެރަނާ ސްކީމަކީ އޭގައި ލިމިޓެއް ކަނޑައެޅިފައިވާ ސްކީމެކެވެ. ހުސްނުވާ އާސަންދަ އާއި މެރަނާގެ އެންމެ ބޮޑު އެއް ތަފާތަކީ، ރާއްޖެ އިން ބޭރުގައި އުޅޭ މީހުން ހުސްނުވާ އާސަންދަ ނަގައިފި ނަމަ، ރާއްޖެއިން ލިބެން ހުންނަ ފަރުވާތައް ހޯދަން ރާއްޖެ އަންނަން ޖެހުމެވެ. އެކަމަކު މެރަނާގައި އެ ހިދުމަތްތައް ރާއްޖެއިން ބޭރުގައި ތިބެގެން ވެސް އެ ހިދުމަތްތައް ލިބެ އެވެ.

އިންޑިއާ އަދި ސްރީ ލަންކާގައި އާސަންދައިގެ ޚިދުމަތް މިހާރު ދެނީ އިމަޖެންސީ ހާލަތްތަކުގަ އެކަންޏެވެ. މެލޭޝިއާގައި އާސަންދައިގެ ޚިދުމަތް އެއްގޮތަކަށް ވެސް ނުދެ އެވެ. އެހެންވެ، މެލޭޝިއާގައި އިންޝުއަރެންސް ޚިދުމަތް ތައާރަފްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

އިންޝުއަރެންސް ސްކީމެއްގެ ގޮތުގައި އެ ހިދުމަތް ދޭން ނިންމާފައިވާއިރު ރަޖިސްޓްރީ ވުމަށް ދައްކަން ޖެހޭ ޕްރީމިއަމް ދައްކަނީ ސަރުކާރުންނެވެ. މެރަނާ ސްކީމުގައި ބައިވެރިވާ ކޮންމެ މީހަކަށް، އަހަރަކު 150،000ރ. ހަމަޖެހޭނެ އެވެ. އެޑްމިޓްނުކޮށް ލިބޭ ޚިދުމަތުގެ މިންވަރަކީ ޖުމްލަ ކަވަރޭޖްގެ ތެރެއިން އަހަރަކު 10،000ރ. އެވެ. އަދި އެޑްމިޓްކޮށްގެން ދޭ ޚިދުމަތުގެ މިންވަރަކީ، އެޑްމިޝަން ހިމަނައިގެން ޖުމުލަ ކަވަރޭޖާ އެއްވަރުގެ އަދަދެކެވެ.

ޒީނިއާ ވިދާޅުވިގޮތުގައި އެ ހިދުމަތް ލިބޭނީ އެ ގައުމެއްގައި ދިރިއުޅޭތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވީ މީހުންނަށެވެ. ނަމަވެސް އޭގެ ތެރޭގައި ބިޒްނަސް ވިސާގައި ތިބި މީހުން ނުހިމެނެ އެވެ.

އާސަންދަ ކުންފުނީގެ މެނޭޖާ މެޑިކަލް ކްލެއިމްސް އިންވެސްޓިގޭޝަން، މަރިޔަމް ފަޔާޒާ ވިދާޅުވީ މެރަނާ ސްކީމުން ވެސް އެޑްމިޓްކޮށްގެން ފަރުވާ ހޯދާ ނަމަ އައިޑީ ކާޑް ދެއްކުމުން ހިދުމަތް ލިބޭނެ ކަމަށެވެ. ނަމަވެސް އެޑްމިޓް ނުކޮށް ފަރުވާ ހޯދާނަމަ ޖެހޭނީ ފައިސާ ދީގެން ފަރުވާ ހޯދުމަށް ފަހު ލިޔެކިޔުން އާސަންދަ އަށް ހުށަހަޅަން ކަމަށާއި އޭރުން ހަރަދުވި ފައިސާ އެ ކުންފުނިން އެމީހަކަށް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިލްތަކާއެކު ހުށަހަޅަން މިޖެހެނީ ރީއެމްބޮސްމަންޓް ފޯމެއް ފުރިހަމަ ކުރުމަށް ފަހު. ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅަން ދެވޭ މުއްދަތަކީ ހިދުމަތް ނަންގަވާތާ 60 ދުވަސް. 60 ދުވަސް ފަހުން ހުށަހަޅާ ލިޔެކިޔުމަކަށް އަޅުގަނޑުމެންނަކަށް ފައިސާއެއް ނުދެވޭނެ،" ފަޔާޒާ ވިދާޅުވި އެވެ.

ރެއާ ހަމައަށް ތިން ގައުމުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން 2690 މީހުން ވަނީ އެ ހިދުމަތް ހޯދުމަށް ރަޖިސްޓްރީވެފަ އެވެ. އެ ހިދުމަތަށް ސްރީ ލަންކާއިން 2038 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު މެލޭޝިއާއިން ވަނީ 497 މީހުން ރަޖިސްޓްރީވެފަ އެވެ. އަދި އިންޑިއާއިން ވަނީ 173 ދިވެހިން ވަނީ ރަޖިސްޓްރީ ވެފަ އެވެ. މިހާތަނަށް ސްރީލަންކާއިން ހަތަރު މީހަކު ވަނީ އެ ހިދުމަތް ބޭނުންކޮށްފަ އެވެ.

އާސަންދަ އިން ވަނީ އެ ތިން ގައުމުގައި ދިރިއުޅޭ ދިވެހިން ހިލޭ ބޭސްފަރުވާގެ ނިޒާމަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު މިދިޔަ މަހުގެ 28 ގައި ހުޅުވާލައިފަ އެވެ. އެގޮތުން abroad.aasandha.mv އަށް ވަދެ ރަޖިސްޓަރީ ކުރެވޭނެ އެވެ.