Roadha Mihaaru
ތިން ގައުމަކުން އާސަންދާގައި ރަޖިސްޓްރީވާން ހުޅުވާލައިފި

މެލޭޝިއާ، އިންޑިއާ އަދި ލަންކާގައި އުޅޭ ދިވެހިން އާސަންދާގައި ރަޖިސްޓްރީވާން ހުޅުވާލައިފި

28 މާޗް 2019

މެލޭޝިއާ، އިންޑިއާ އަދި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ހިދުމަތް ފެށުމަށް، އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީން އާސަންދަ ކުންފުނީގައި ރަޖިސްޓްރީވާން މިއަދު ހުޅުވާލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މެލޭޝިއާ، އިންޑިއާ އަދި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ހިދުމަތް ފެށުމަށް، އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީން އާސަންދަ ކުންފުނީގައި ރަޖިސްޓްރީވާން މިއަދު ހުޅުވާލައިފި އެވެ.

އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ހިދުމަތް ދިނުމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.

އާސަންދައިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ތިން ގައުމުގައި ދިރިއުޅޭ ދިވެހީން، abroad.aasandha.mv އަށް ވަދެ ރަޖިސްޓްރީ ވެވޭނެ ކަމަށެވެ.

އެ ކަމަށް އާއްމުން ހޭލުންތެރި ކުރުމަށް، ސްރީ ލަންކާގައި ހުންނަ އާސަންދަ އޮފީހުގައި މާދަމާ ހަވީރު ކޭމްޕެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. ސޯސަން ވިލާގައި ހުންނަ އެ އޮފީހުގައި ބާއްވާ އެ ކޭމްޕް ހޮނިހިރު ދުވަހާ ހަމައަށް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

އިންޑިއާ އަދި ސްރީ ލަންކާގައި އާސަންދައިގެ ހިދުމަތް މިހާރު ދެނީ އިމަޖެންސީ ހާލަތްތަކުގައި އެކަންޏެވެ. މެލޭޝިއާގައި އާސަންދައިގެ ހިދުމަތް އެއްގޮތަކަށް ވެސް ނުދެ އެވެ.

ސްރީ ލަންކާގައި 10،000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅޭ ކަމަށް ލަފާ ކުރެވެ އެވެ. އަދި މެލޭޝިއާ އާއި އިންޑިއާ ކުރެ ކޮންމެ ގައުމެއްގައި ވެސް 5،000 ދިވެހިން ދިރިއުޅޭ ކަމަށް ބެލެވެ އެވެ.