Roadha Mihaaru
ރެކޯޑު އަދަދަކަށް މި އަހަރު އާސަންދަ އަށް ހަރަދުކޮށްފި

ރެކޯޑު އަދަދަކަށް މި އަހަރު އާސަންދަ އަށް ހަރަދުކޮށްފި

31 އޮކްޓޯބަރ 2023

ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް އާސަންދައިގެ ދަށުން މިއަހަރު ކުރި ހަރަދު ކަނޑައެޅި ބަޖެޓަށް ވުރެ ދެ ގުނަ ބޮޑުވެ، ރެކޯޑު ހަދައިފި އެވެ!

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް އާސަންދައިގެ ދަށުން މިއަހަރު ކުރި ހަރަދު ކަނޑައެޅި ބަޖެޓަށް ވުރެ ދެ ގުނަ ބޮޑުވެ، ރެކޯޑު ހަދައިފި އެވެ!

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޮތުގައިވާ ގޮތުން، އާސަންދަ އަށް ކުރި ހޭދަ 2.3 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އެއީ ބަޖެޓު ކުރި އަދަދަށް ވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އާސަންދަ އަށް ކުރި ހޭދަ ބޮޑުވުމުން ވަނީ، ސަޕްލިމެންޓްރީ ބަޖެޓުން ވެސް 1.2 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އާސަންދައިގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އެޅި ނަމަވެސް، އިންތިހާބު އަހަރަށް ވުމުން އެކަންކަން ތަންފީޒުކުރުން ލަސްވީ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި، އާސަންދަ އަށް ވަނީ 1.9 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. އާސަންދައިގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. އަންނަ އަހަރަށް ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތައް ނާޅައިފި ނަމަ އާސަންދައަށް ކުރާ ހޭދަ 3.4 ބިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ވޭތުވެދިޔަ ފަސް އަހަރު އާސަންދަ އަށް 7.4 ބިލިއަން ރުފިޔާ ހޭދަކުރި އިރު އެންމެ ބޮޑު ހޭދައެއް ކުރީ މިދިޔަ އަހަރެވެ. ވޭތުވެދިޔަ ފަސް އަހަރު ވެސް އާސަންދަ އަށް ކުރި ހަރަދު ވަނީ ކަނޑައެޅި ބަޖެޓަށް ވުރެ 20 ޕަސެންޓު އިތުރުވެފަ އެވެ.

އާސަންދަ އަށް ކުރާ ހޭދަކުޑަ ކުރުމަށް ބޭހުގެ އަގުތައް ކޮންޓްރޯލުކުރަން ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވިއްކާ ބައެއް ބޭހުގެ އަގު ހުރީ ދުނިޔޭގެ ބާޒާރުގައި އެ ބޭސްތައް ވިއްކާ އަގަށް ވުރެ 15-75 ގުނަ ބޮޑު އަގުތަކެއްގަ އެވެ. އެހެންވެ، އާސަންދަ މެދުވެރިކޮށް ބޭހަށް ކުރާ ހޭދަ 24 ޕަސެންޓަށް އަހަރު އިތުރުވެ އެވެ. އެހެންވެ، އާސަންދަ ސްކީމުން އެވްރެޖުކޮށް ބޭހަށް ކުރާ ހޭދަ 500 މިލިއަން ރުފިޔާއަށް އަރަ އެވެ.