Roadha Mihaaru

އާސަންދަ ކަނޑާލި މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ ސިއްހީ ހެލްތު އިންޝުއަރެންސް ނިޒާމް، އާސަންދަ އަށް ވަކި ބަޖެޓެއް ފާސްކޮށްފައި ވަނިކޮށް، އަމިއްލަ ތަންތަނުން އާސަންދަ ނުލިބޭ ގޮތަށް ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އާސަންދަ ކަނޑާލި މައްސަލަ މަޖިލީހަށް ހުށަހަޅަނީ
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

08 މެއި 2017

ރައްޔިތުންގެ ސިއްހީ ހެލްތު އިންޝުއަރެންސް ނިޒާމް، އާސަންދަ އަށް ވަކި ބަޖެޓެއް ފާސްކޮށްފައި ވަނިކޮށް، އަމިއްލަ ތަންތަނުން އާސަންދަ ނުލިބޭ ގޮތަށް ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުން ދަނިކޮށް، ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލި ކަމަށް އާސަންދަ ކުންފުނިން ކުއްލި ގޮތަށް އެންގި އެވެ. ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނަށް އީމެއިލްގެ ޒަރީއާ އިން ހޮނިހިރުދުވަހުގެ ރޭ 11:30 ހާއިރު އެގޮތަށް އެންގުމަށް ފަހު ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ކުއްލި ގޮތަކަށް އެ ނިންމެވުން ބަދަލުކުރައްވައި އަމިއްލަ ތަންތަނުން ވެސް އާސަންދަ ލިބޭ ގޮތަށް ހަމަޖައްސަވައިފަ އެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ސިއްހަތާ ބެހޭ ކޮމެޓީގެ މުގައްރިރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވީ އާސަންދައިގެ ޚިދުމަތަށް ވަކި ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ. މި ބަޖެޓު ދީފައި އޮއްވައި އަހަރު ދެ ބައި ނުވަނީސް އާސަންދަ ކަނޑާލީ ރައްޔިތުންނަށް ޖެއްސުން ކުރަން ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާތަކުން ސަރުކާރު ބަލިވަމުންދާ ތަން ފެނުމުން، އެރޭ ދަންވަރު އާސަންދަ ކަނޑާލި ކަން އިއުލާންކުރުމަށް ފަހު، ރައީސް ޔާމީންގެ ހެޔޮފުޅު ކަމުން މިއަދު ހެނދުނު އާސަންދަ އަލުން އިޔާދަކޮށްފައިވާ ކަމަށް ސަރުކާރުން ބުންޏަސް އެއީ ދޮގެއް ކަމަށް ޑީޑީ ވިދާޅުވި އެވެ.

"އަޅުގަނޑަކީ ވެސް ކްލިނިކް ހިންގާ މީހެއް. އާސަންދަ ޚިދުމަތްތައް ނުދޭން އެރޭ ދަންވަރު އީމެއިލްކޮށްފައި އޮތް. އެކަމަކު އަލުން އިޔާދަކުރިކަން އަންގާފައެއް ނެތް. ހަގީގަތަކީ އާސަންދަ އިޔާދަނުކުރޭ އަދިއެއް. މަޖިލީހަށް އެމްޑީޕީގެ ފަރާތުން މި މައްސަލަ ވައްދާނަން،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް ދެމުން އައި ޚިދުމަތެއް އިންތިޚާބުގެ ބަލި ކަށަވަރުވުމާ އެކު ކަނޑާލައި ޖެހިގެން އައި ދުވަހު އެހެން ގޮތަކަށް ބަދަލުކުރުމަކީ، ޑީޑީ ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް ޔާމީން ކުޅުއްވާ ޑްރާމާއެކެވެ.

"ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ މި ކަންކަމެއް. ސަތޭކަ ޕަސެންޓް އަގުބޮޑު ކުރި ކާޑުގެ ބާވަތްތަކުން 15 ޕަސެންޓް ހެޔޮކުރިކަން އިއުލާންކުރީ ވޯޓަށް ނުފޫޒު ފޯރުވަން. ރައީސް އަބްދުﷲ ޔާމީން ކުޅުއްވާ ޑްރާމާތައް ދިވެހި ރައްޔިތުންނަށް ވަރަށް ސާފު،" އޭނާ ވިދާޅުވި އެވެ.