ވޯޓުލުން ފެށުމާ ހަމައަށް، ހުރިހާ ބާރަކާއި ނުފޫޒެއް ސަރުކާރު ފަޅީގަ އެވެ؛ އިލެކްޝަންސް ކޮމިޝަން ކޮންޓްރޯލްކުރި އެވެ. އިދިކޮޅު ކެންޑިޑޭޓުން ކެމްޕޭން ކުރުން އޮތީ ހަނިކޮށްފަ އެވެ. އެންމެ ކުޑަމިނުން، ފާރެއްގައި ޕޯސްޓަރެއް ހިއްޕާލުން ވެސް އޮތީ ދަތިކޮށްފަ އެވެ. ސަރުކާރުގެ އެކި މަގާމްތަކުގައި ތިބި މީހުންނާއި އެ މީހުންގެ އާއިލާތަކަށް އިންތިހާ އަށް ޕްރެޝަރުކުރި އެވެ. ގާނޫނާ ކަނޑައެޅިގެން ހިލާފަށް، ތިން ފަހަރަށް އިންތިހާބު ފަސްކުރީ ވެސް، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ޕީޕީއެމުން ބޭނުންވާ ވަރަށް ވޯޓަށް ތައްޔާރުވެވެން ދެނެވެ.
07 މެއި 2017
ވޯޓުލުން ފެށުމާ ހަމައަށް، ހުރިހާ ބާރަކާއި ނުފޫޒެއް ސަރުކާރު ފަޅީގަ އެވެ؛ އިލެކްޝަންސް ކޮމިޝަން ކޮންޓްރޯލްކުރި އެވެ. އިދިކޮޅު ކެންޑިޑޭޓުން ކެމްޕޭން ކުރުން އޮތީ ހަނިކޮށްފަ އެވެ. އެންމެ ކުޑަމިނުން، ފާރެއްގައި ޕޯސްޓަރެއް ހިއްޕާލުން ވެސް އޮތީ ދަތިކޮށްފަ އެވެ. ސަރުކާރުގެ އެކި މަގާމްތަކުގައި ތިބި މީހުންނާއި އެ މީހުންގެ އާއިލާތަކަށް އިންތިހާ އަށް ޕްރެޝަރުކުރި އެވެ. ގާނޫނާ ކަނޑައެޅިގެން ހިލާފަށް، ތިން ފަހަރަށް އިންތިހާބު ފަސްކުރީ ވެސް، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ޕީޕީއެމުން ބޭނުންވާ ވަރަށް ވޯޓަށް ތައްޔާރުވެވެން ދެނެވެ.
މި ބިރުދެއްކުންތަކާއި ކަންބޮޑުވުންތަކާއި ޝަކުވާތަކާ އެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނިންމާލައި، ރައްޔިތުންގެ ބަސް އިއްވައިފި އެވެ. ސަރުކާރުގެ އަމަލުތައް ބަލައިނުގަންނަ ކަން ވޯޓުން ރައްޔިތުން ބުނެދީފި އެވެ. ހުރިހާ ސިޓީ ކައުންސިލްތަކުގެ ސާފު އަޣުލަބިއްޔަތު ދިނީ އިދިކޮޅު އެމްޑީޕީ އަށެވެ. މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް ވާދަކުރި ސަރުކާރުގެ ކެންޑިޑޭޓުން ބަލައެއް ނުގަތެވެ. އެއާ އެކު، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ގިނަ ގޮނޑިތަކަށް ވެސް، ނަތީޖާ އަދި ދައްކާ ގޮތުން، ހޮވީ އިދިކޮޅު ކެންޑިޑޭޓުންނެވެ.
މާލޭ ސިޓީ ކައުންސިލަަށް އިންތިހާބުކުރަން ޖެހޭ 13 ގޮނޑީގެ ތެރެއިން އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިތަކެއް ވެސް އެމްޑީޕީއަށެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޑީއާރުޕީ އަށް އެ ގޮނޑި ލިބުނީ ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، ފަހު ވަގުތު ސަރުކާރަށް ބައިއަތު ހިފުމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މީހަކު ވޯޓުލުމަށް ފަހު އިނގިލީގެ ފާހަގަ ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުކުރަން ޖެހޭ ހަތް ގޮނޑި ވެސް ބޮޑު ތަފާތަކުން ނެގީ އެމްޑީޕީންނެވެ. ފުވައްމުލަކު އެންމެ ގޮނޑިއެއް ފިޔަވައި އަނެއް ދެ ގޮނޑިން ކުރި ހޯދީ އެމްޑީޕީންނެވެ.
މި އިންތިހާބުގައި، ސަރުކާރުގެ ތާއީދު އެންމެ ބޮޑަށް ވަޒަންކުރެވޭނީ އާބާދީ ބޮޑު ތިން ސިޓީން ނުކުންނަ ނަތީޖާ އިންނެވެ. ހުރިހާ ސިޓީ ކައުންސިލްތަކަކުން ސަރުކަރަށް ނޫނެކޭ ބުނުމުން ދޭހަކޮށްދެނީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގެ ތާއީދު މި ސަރުކާރަށް ނެތް ކަމެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލުމަށް ބަޔަކު ކިޔޫގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި އިންތިހާބުގައި، ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ތަމްސީލްކުރައްވާ ފުވައްމުލަކު ދެކުނު ދާއިރާ އާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ތަމްސީލްކުރައްވާ ވިލިމާފަންނު ދާއިރާގެ އަޣުލަބިއްޔަތު ވެސް ލިބުނީ އިދިކޮޅު އެމްޑީޕީ އަށެވެ. ވަރަށް ބޮޑު ލަދެކެވެ.
މި އިންތިހާބަށް ސަރުކާރުން އެންމެ ބޮޑަށް ވިއްކީ ތަރައްގީ އެވެ. ފަހު ވަގުތާ ހަމައަށް ވެސް ރައްޔިތުންނަށް ވިސްނައިދިނީ، ބްރިޖާއި އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތާއި އެއާޕޯޓު ތަރައްގީކުރުމުގެ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއު އާއި ޔޫތު ސިޓީ އާއި މާލޭގެ މަގުތައް ހެދުމާއި ހިތްގައިމު ޕާކުތައް ތަރައްގީ ކުރެވޭނީ ޕީޕީއެމަށް ވޯޓު ދީގެން ކަމެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ކެމްޕޭން ޓީމުން ދެއްކި އެ ވާހަކަތަކަށް ރައްޔިތުންގެ ގިނަ ބަޔަކު މި ދިނީ ބީރު ކަންފަތެކެވެ. ވޯޓުން ރައްޔިތުން ބުނެދިނީ، އެ ތަރައްގީ އަށް ވުރެން ބޮޑަށް ރައީސް ޔާމީންގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހޭ ކަމެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ ގޮނޑިތަކަށް ކުރިމަތިލި ކެނޑިޑޭޓުންގެ ކެމްޕޭން ނިންމާލަން ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ ދެކަނބަލުން އެޕާޓީގެ ކެންޑިޑޭޓުންނާ ސަލާމްކުރައްވަނީ: ބޮޑު ނާކާމިޔާބީއެއް ---މިހާރު ފޮޓޯ: ހުސައިން ވަހީދު
މިއިން ދައްކައިދެނީ، އިދިކޮޅު ފަރާތްތަކުން ވަކާލާތުކުރި ގޮތަށް ރައްޔިތުން ބޭނުންވަނީ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި ހަމަހަމަކަމާއި އިންސާފު ގާއިމްކުރަން ކަމަށެވެ. ސަރުކާރުން އިންސާފު ގާއިމްކޮށްނުދޭ ނަމަ، ހަމައެކަނި ތަރައްގީ ބޭނުން ނުވާ ކަމެވެ.
އިންތިހާބުގެ ނަތީޖާ ނިކުތް ގޮތާ ގުޅޭ ގޮތުން ވެރިކަން ކުރާ ޕީޕީއެމުން އަދި މާ ގިނަ ވާހަކަތަކެއް ނުދައްކަ އެވެ. އެކަމަކު ކެމްޕޭންގައި ތަކުރާރުކޮށް، އެ ޕާޓީ ބުނެފައި ވަނީ ސިޓީ ކައުންސިލްތަކުގެ ސާފު އަޣުލަބިއްޔަތާ އެކު ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ ވެސް އެ ޕާޓީ އަށް ލިބޭނެ ކަމަށެވެ.
ނަތީޖާއާ މެދު ޕީޕީއެމް އަދި "ހިމޭނުން" އޮތް ނަމަވެސް އިދިކޮޅު ޕާޓީތައް ގުޅިގައިވާ އިއްތިހާދުން ދަނީ އުފާފާޅުކުރަމުންނެވެ. މި އިންތިހާބުގެ ނަތީޖާ އެ މީހުން ސިފަކުރަނީ އިދިކޮޅު ފަރާތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގަ އެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އިންތިހާ އަށް ފިއްތައިގެން ބޭއްވި އިންތިހާބުގައި ރައްޔިތުން ވަނީ ސަރުކާރަށް ތާއީދެއް ނެތް ކަން ސާފުކޮށް ހާމަކޮށްދީފައި ކަމަށެވެ. ރައީސް ޔާމީންގެ ސިޔާސަތުތަކަށް ނުވަތަ އެމަނިކުފާނު ވިއްކަވާ "ކޮންކްރީޓް ތަރައްގީ" އަށް މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން "ނޫނެކޭ" ބުނި ކަން ވޯޓުން ފެންނަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވޯޓުން ދައްކައިދިނީ، ހަގީގަތުގައި ވެސް ރާއްޖޭގެ ޖުމްލަ ރައްޔިތުން ރައީސް ޔާމީނަށް ތާއީދު ނުކުރާކަން. އަދި މީގެއިން ދައްކުވައިިދިނީ ނުހައްގުން ޖަލަށް ލާފައިވާ ރައީސް ނަޝީދު، ރައްޔިތުން ބަލައިގަންނަ މިންވަރާއި އެމަނިކުފާނު ޖަލުގައި ބަހައްޓަން ބޭނުން ނުވާކަން،" ޝިފާޒް ވިދާޅުވި އެވެ.
"ސިޔާސީ އެހެން ލީޑަރުން ވެސް ހިފައި ހައްޔަރުކޮށްގެން އުޅެނީ ގާނޫނީ އިމުން ބޭރުގައި ކަން. ރައްޔިތުން ބުނެދިނީ އަނިޔާވެރި ނުވުމަށާއި ގާނޫނީ އިމުން ބޭރުގައި އުޅުއްވުން ބަލައިނުގަނެވޭ ކަމަށް. ގެއްލުވާލި އަސާސީ ހައްގުތައް ބޭނުންވާ ކަން. އަނިޔާވެރިކަން ބަލައިނުގަންނާނެ ކަމަށް. ސާފުކޮށް ރައްޔިތުން ރައީސް ޔާމީނަށް ދެންނެވީ، އެމަނިކުފާނުގެ ސިޔާސަތުތައް ބަލައިނުގަންނަ ކަމަށާއި އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގަތުމަށް."
ޝިފާޒް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހު ލޯކަލް އިންތިހާބު ނުބާއްވަން ސަރުކާރުން ދެއްކި ބަހަނާތަކާއިި ހިންގި އަމަލުތަކަށް ރައްޔިތުން ތިބީ ލޯ ހުޅުވައިގެންނެވެ. ގަދަ ބާރުން ވެރިކަން ދެމެހެއްޓުމުގެ ޖާގައެއް ނެތް ކަމާއި ޑިމޮކްރެޓިކް ނިޒާމެއްގައި، ރައްޔިތުންގެ ބާރު އޮތް މިންވަރު ވެސް ސަރުކާރަށް ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އިންތިހާބުގެ ކެމްޕޭން ނިންމާލަން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ރައްޔިތުންގެ އިހުލާސްތެރިކަމެއް ހުރި ނަމަ، އެ ޕާޓީ އަށް އަޣުލަބިއްޔަތު ދޭނެ ކަމަށެވެ. މާނައަކީ ރައްޔިތުންގެ އިހްލާސްތެރިކަމެއް ނެތީ ހެއްޔެެވެ؟ ނޫނެކެވެ؛
ރައްޔިތުން މި ނަގައިދިނީ ސަރުކާރަށް ވަރުގަދަ ފިލާވަޅެކެވެ. ނަތީޖާ އިން ދައްކައި ދިނީ ރައްޔިތުން ސަރުކާރާ ދޭތެރޭގައި ދެކޭ ގޮތެވެ. ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް، ކަންކަން ރަނގަޅުކުރަން ރައްޔިތުން އެ ދިނީ މުހުލަތެކެވެ. ސަރުކާރުގެ ކަންކަން ރަނގަޅު ނުކޮށްފި ނަމަ، 2018 ރައީސް ޔާމީނަށް ގެއްލުން ގާތް ކަމެވެ.
ކެންޑިޑެސީ ބާތިލްކުރި މައްސަލަ އެމްޑީޕީން ހައި ކޯޓަށް
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟
އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ދެނީ
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
ބާއްވަން މި އުޅެނީ ކޮން ކަހަލަ އިންތިޚާބެއް؟
އާސަންދަ ކަނޑާލި މައްސަލަ މަޖިލީހަށް ހުށަހަޅަނީ
ވަގުތީ ނަތީޖާ މިއަދު އިއުލާންކުރަން ފަށާނެ: އީސީ
ލޯކަލް އިންތިހާބަށް ކުރިމަތިލުން މި މަހުގެ ނިޔަލަށް
ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ: ނަޝީދު
އިންތިހާބުގެ ކުރިން ކައުންސިލަރުންގެ ޝަރުތު ބަދަލުކުރަނީ