Roadha Mihaaru
ކެންޑިޑެސީ ބާތިލްކުރި މައްސަލަ އެމްޑީޕީން ހައި ކޯޓަށް

އީސީން ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށް، އެ މީހުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ އެމްޑީޕީން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށް، އެ މީހުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ އެމްޑީޕީން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ކައުންސިލްތަކުގެ އިންތިހާބު އިއްޔެ ބާއްވަން ކުރިން ނިންމައި، 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު އީސީން ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ. އެއީ، އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

ކުރީގެ ކެންޑިޑެސީތައް ބާތިލްކޮށް، އެ އެންމެން އަލުން ހުށަހަޅަންޖެހޭ ގޮތަށް ވެސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީން ބުނީ ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު، އެ ނިންމުން ބާތިލްކޮށް އެޕްރީލް 8 ގައި އޮންނަ އިންތިހާބަަށް އެ ކެންޑިޑޭޓުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށް ހެދީ ސިވިލް ކޯޓުގެ ހުކުމާއި އިންތިހާބާ ބެހޭ ގާނޫނާ ވެސް ހިލާފަށް ކަމަށެވެ. އެހެންވެ އެމްޑީޕީން ހައި ކޯޓުގައި އެދުނީ އީސީގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެއާއެކު، ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ނިމެންދެން، އެމްޑީޕީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން އީސީގެ މައްޗަށް އަމުރެއް ނެރެދޭން ވެސް އެމްޑީޕީން އެދިފައިވެ އެވެ.

އިންތިޚާބު ފަސް ކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައިގެންނެވެ.

ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާ އިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ. ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.