Roadha Mihaaru
ކުށްވެރިންނަށް ވާދަކުރެވޭ އިސްލާހު ބަލައިގަނެ ކޮމެޓީއަށް

ކުށްވެރިންނަށް ކައުންސިލަށް ވާދަކުރެވޭ އިސްލާހު މަޖިލީހަށް ބަލައިގެންފި

07 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ މީހުންނަށް މިހާރު ކަނޑައަޅާފައިވާ ޝަރުތުތައް ބަދަލުކޮށް، ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންނަށް ވެސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު ރައްޔިތުން މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ މީހުންނަށް މިހާރު ކަނޑައަޅާފައިވާ ޝަރުތުތައް ބަދަލުކޮށް، ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންނަށް ވެސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު ރައްޔިތުން މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

ހޮޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދު (އަލިބެ) ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ ތެރެއިން 41 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. މި އިސްލާހު ބަލައިގަތުމާ ދެކޮޅަށް 23 މެމްބަރަކު ވޯޓު ދެއްވި އެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުންގެ ވޯޓާއެކު އިސްލާހު ބަލައިގަތުމާ ގުޅިގެން އިތުރަށް ދިރާސާ ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.

އިސްލާހުގައިވާ ގޮތުން ނަމަ، ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށްވުރެ ކުރު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނަށާއި ޖިނާއީ ކުށެއް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައި މީހުންނަށް އިންތިހާބުގައި ވާދަކުރެވެ އެވެ.

އެކަމަކު ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރެވޭނީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ދެ އަހަރު ފާއިތުވުން ނުވަތަ އެ ހުކުމެއްގެ އަދަބު މާފުކޮށްދެވުނުތާ ދެ އަހަރު ފާއިތުވުމުންނެވެ.

މީގެ އިތުރުން ކުރިން ހުރި ބައެއް ޝަރުތުތައް އިސްލާހުގައި ނެތުމުން، މި އިސްލާހާ އެކު، ކުޑަކުދިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގުމާއި ރޭޕްކުރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި އިސްލާމް ދީނުގެ ހައްދެއް ކަނޑައަޅާފައިވާ ކުށެއް ސާބިތުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަ ކުރެވޭނެ އެވެ. ބޮޑެެތި ޖިނާއީ ކުށްތައް ސާބިތުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ 28 ވަނަ މާއްދާ އާއި 44 ވަނަ މާއްދާ، މިއަދު ހުށަހެޅި އިސްލާހުގައި ވަނީ އުނިކޮށްފަ އެވެ.

ހަމައެއާއެކު ފުލްޓައިމް ދަރިވަރަކަށް ކައުންސިލަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް ޝަރުތު ވެސް ވަނީ އުނިކޮށް، ބިދޭސީއަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ކައުންސިލަށް ކުރިމަތިލެވޭނީ އެމީހަކު ދިވެހި ރައްޔިތަކަށްވިތާ ފަސް އަހަރު ފަހުން ކަމަށް ވެސް މި އިސްލާހުގައި ބުނެފައިވެ އެވެ. ކުރިން އޮތް ގޮތުން އެ ފަދަ މީހަކަށް ވާދަ ކުރެވޭނީ ފަސް އަހަރު ވުމަށް ފަހުގައި ވެސް ރާއްޖޭގައި ދިރިއުޅޭ ނަމަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން މި ނިންމީ، ވެރިކަންކުރާ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެދި، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފެކްޝަނުން ކޯޓަށް ހުށަހެޅި މައްސަލައަކަށް ފަހު ތިން ފަހަރެއްގެ މަތިން އިންތިހާބު ފަސްކޮށްފައި ވަނިކޮށެވެ. އިސްލާހުގައިވާ ގޮތުން އެޕްރީލް 15 ގައި ބާއްވާ ލޯކަލް އިންތިހާބުގައި ވެސް އަމަލުކުރަން ޖެހޭނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ މީހުންނަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޝަރުތުތައް ބަދަލުކޮށް، ބޮޑެތި ބައެއް ކުށްތައް ކޮށްފައިވާ މީހުންނަށް ވެސް ވާދަކުރެވޭ ގޮތް ހަދަން އިސްލާހު ހުށަހަޅާފައި ވާތީ ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އަދި ކޮމެޓީ މަރުހަލާގައި އިސްލާހަށް ބަދަލުތަކެއް ގެންނަން މެމްބަރުން ތާއީދު ކުރެއްވި އެވެ.

މީގެ އިތުރުން މަޖިލީހުގެ ޖަލްސާގައި ވަނީ ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާ ސަފީރު ކަމަށް ހ. ނިޔާސާ ޑރ. ހުސެއިން ނިޔާޒް އައްޔަން ކުރަން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.

ހަމައެއާއެކު ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބައެއް ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކުގެ ނަންނަމަށް ބަދަލު ގެނެސް، މިނިސްޓްރީގެ މަސައްކަތްތަކުގެ ދާއިރާއަށް ގެނައި ބަދަލުތަކާ ގުޅޭ މައްސަލަ އާއި ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ސާފު ބޯފެން ލިބުން ދަތިވާ ހާލަތްތަކުގައި ބޯފެން ފޯރުކޮށްދިނުމަކީ އެންވަޔަރްމަންޓް މިނިސްޓްރީން ކުރާ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސައި އެ މިނިސްޓްރީ އަށް ގެނައި ބަދަލާ ގުޅޭ ގޮތުން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރަން ކޮމެޓީ އަށް ފޮނުވައިފަ އެވެ.

ނެޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ މަސައްކަތުގެ ލިސްޓަށް އިތުރުކޮށް މިނިސްޓްރީގެ މަސައްކަތަށް އައި ބަދަލާއި އެޓާނީ ޖެނެރަލް އޮފީހުގެ މަސައްކަތްތައް މުރާޖައާކޮށް އެ މިނިސްޓްރީގެ މަސައްކަތަށް އައި ބަދަލާއި ރާއްޖެ އަށް އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން އާންމު ސިއްހަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތައް ދެނެގަތުމަށް އިވެލުއޭޓްކޮށް ހެލްތު ހެލްތު ކްލިއަރެންސް ދިނުމަކީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރާ މަސައްކަތަކަށްވާތީ މަސައްކަތުގެ ދާއިރާ އަށް ގެނައި ބަދަލާ ގުޅޭ ގޮތުން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރަން ވަނީ ކޮމެޓީ އަށް ފޮނުވައިފަ އެވެ.