އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިންތިހާބުކުރާ ކައުންސިލަރުންނަކީ ރައްޔިތުންނާ ވީހާ ވެސް ކައިރިން މަސައްކަތް ކުރާ ބަޔެކެވެ. ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގެ ތެރެއިން ރައީސުލްޖޫމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ހިލާފަށް ރައްޔިތުންގެ ޝަކުވާތައް އަޑުއަހާނެ ބަޔަކަށް ތިބީ ރަށްރަށުގައި އެ މީހުންނާ އެކު ދިރިއުޅެމުން އަންނަ ކައުންސިލަރުންނެވެ.
10 ފެބުރުއަރީ 2017
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިންތިހާބުކުރާ ކައުންސިލަރުންނަކީ ރައްޔިތުންނާ ވީހާ ވެސް ކައިރިން މަސައްކަތް ކުރާ ބަޔެކެވެ. ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގެ ތެރެއިން ރައީސުލްޖޫމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ހިލާފަށް ރައްޔިތުންގެ ޝަކުވާތައް އަޑުއަހާނެ ބަޔަކަށް ތިބީ ރަށްރަށުގައި އެ މީހުންނާ އެކު ދިރިއުޅެމުން އަންނަ ކައުންސިލަރުންނެވެ.
އެކަމަކު މިއަދު އަޑު މި އިވެނީ ކައުންސިލަރުންނަށް ބޮޑެތި ކުށްތައް ސާބިތުވެފައި ތިބޭ މީހުން ގެންނަން އުޅޭ ވާހަކަ އެވެ. "ކުށްވެރިން ލީޑަރުންނަށް" ހަދަން އުޅޭ ވާހަކަ އެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހުން މިއީ ހަގީގަތެއް ކަމަށް ވެސް ބެލެވެ އެވެ.
މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގާނޫނު މިހާރު ބައްޓަންކޮށްފައި އޮތް ގޮތުންނަމަ، ބޮޑެތި ކުށްތައް ސާބިތުވެފައި ތިބި މީހުންނަށް ޝަރުތުތަކަކާ އެކު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ވައްކަން ކުރުމާއި މާރާމާރީ ހިންގުމާއި މީހުން މެރުން ފަދަ ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންގެ ވާހަކަތައް ބިލުން އޮތީ ކަނޑާލައިފަ އެވެ. އެހެންވެ، އެފަދަ މީހުން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ބިލުން މިހާރު އޮތީ ލިބިދީފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކައުންސިލް އިންތިހާބާ ގުޅޭ ގާނޫނަށް ހުށަހެޅި އިސްލާހު މިދިޔަ ބުދަ ދުވަހު ވަނީ ފާސްކޮށްފައި. - ފޮޓޯ: މަޖިލިސް
ހޮޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދު (އަލިބެ) ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވައި، ގައުމީ ސަލާމަތުގެ ކޮމެޓީން ބިލު ފާސްކުރިއިރު، އޮތީ ވަރަށް ބޮޑަށް ކޮށައި މަށައިފަ އެވެ. މަޖިލީހަށް ހުށަހެޅިއިރު ގޯސްކޮށް އޮތް ބިލަށް ބަދަލުތަކެއް ގެނެސްފި އެވެ. އެކަމަކު ޕީޕީއެމް މެމްބަރުންގެ ވޯޓާއެކު ފާސްކުރި ބިލާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ބިލު މިހާރު އޮތް ގޮތުން ރައްޔިތުންގެ ހިތްތަކަށް އިތުރު ބިރުވެރިކަމަކާއި ނުތަނަވަސްކަން ކުރިމަތިވާނެ ކަމަށެވެ.
- ދީނުގެ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރި މީހުންނަށް ވެސް ބައިވެރިވެވޭ
- ރިޝްވަތާއި ހިޔާނާތުގެ ކުށް ކުރާ މީހުންނަށް ބައިވެރިވޭ
- މަސްތުވާތަކެތި ބޭނުންކުރިކަން ސާބިތުވާ މީހުންނަށް ބައިވެރިވެވޭ
- ވައްކަމާއި ފޭރުން ފަދަ ކުށްތައް ކުރިކަން ސާބިތުވާ މީހުންނަށް ބައިވެރިވެވޭ
- މީހުން މެރުމާއި މާރާމާރީ ހިންގިކަން ސާބިތުވާ މީހުންނަށް ބައިވެރިވެވޭ
ބިލު ފާސްވުމާ ގުޅިގެން ހުރިހާ ކައުންސިލަރުންގެ ޝަރުތު އޮންނާނީ އެއް މާއްދާއެއްގަ އެވެ. ލާމަރުކަޒީ ގާނޫނުގައި ކުރިން އޮންނަނީ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްގެ މެމްބަރުންނަށް ކުރިމަތިލެވޭ ޝަރުތުތައް ވަކިވަކިން ބަޔާންކޮށްފަ އެވެ.
ލާމަރުކަޒީ ގާނޫނުގައި ކުރިން އޮތް ގޮތުން، އިސްލާމް ދީނުގެ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ މީހުންނަށާއި ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަ ކުރުމުގެ ދޮރު އޮތީ ބަންދުކޮށްފަ އެވެ.
އެކަމަކު އަލަށް ފާސްކުރި އިސްލާހުގައިވާ ގޮތުން އިންތިހާބުގައި ވާދަނުކުރެވޭނީ ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވާ މީހުންނަށް އެކަންޏެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ހުކުމެއްކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ހަތް އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު ހަތް އަހަރު ފަހުން ފާއިތުވުމުން ކައުންސިލަށް ވާދަކުރެވެ އެވެ.
މި ދެ ކުށް ފިޔަވައި "އެހެން ޖިނާއީ ކުށެއް" ކުރިކަން ޝަރީއަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރިނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރު ފާއިތުވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކޮށްދެވުނުތާ ތިން އަހަރުވުމުން ކައުންސިލަށް ކުރިމަތިލެވޭނެ އެވެ. އެހެންވެ، ބޮޑެތި ކުށްތައް ކުރާ މީހުންނަށް އިންތިހާބުގައި ވާދަކުރުމުގެ ދޮރު މިވަނީ ހުޅުވިފަ އެވެ. އެއީ ފާސްކުރި ބިލުގައި ކުރިން ހިމެނުނު މުހިންމު އެއް މާއްދާ ނުހިމަނައި ބިލު ފާސްކުރުމާ ގުޅިގެންނެވެ.
"އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތި ބޭނުންކުރިކަމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ" މީހުންނަށް ވާދަނުކުރެވޭ މާއްދާ އެއް ބިލުން ފެންނާކަށް މިހާރު ނެތެވެ. ފާސްކުރި ބިލުގައި ހަމައެކަނި އޮތީ މަސްތުވާތަކެތީގެ "ވިޔަފާރި ކުރިކަމުގެ ކުށެއް" ސާބިތުވާ މީހުންނަށް އިންތިހާބުގައި ވާދަކުރެވޭނީ ވަކި ޝަރުތުތަކެއް އޮވެގެން ކަމެވެ.
މާރާމާރީއަކާ ގުޅިގެން ފުލުހުން ބަންދުކުރި ސަރަހައްދެއް. - ފޮޓޯ: މިހާރު
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި މިހާރު ހުންނަން ޖެހޭ އިތުރު ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ބޭރު ގައުމެއްގެ ރައްޔިތަކަށްނުވުމާއި، ބޭރު ގައުމުގެ މީހަކު ދިވެހި ރައްޔިތަކަށްވިތާ ފަސް އަހަރު ފާއިތުވުމާއި މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހަކަށްވުމާއި އުމުރުން 18 އަހަރުވުމާއި ބުއްދި ހަމައަށް ހުރި މީހަކަށްވުމާއި ދަރަންޏެއް އޮތްނަމަ، ހުކުމާ އެއްގޮތަށް ދަރަނި އަދާކުރާ މީހަކަށްވުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރާ މީހަކަށް ނުވުމެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ބޮޑެތި ކުށްތަކުގައި ހިމެނޭ މީހުންނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭ އިސްލާހަކީ ވެރިކަން ކުރާ ޕީޕީއެމުން އިންތިހާބުގައި ކުރިމަތިލާން ތިބި މީހުންނަށް އަމާޒު ކޮށްގެން ހުށަހަޅާފައިވާ އިސްލާހެކެވެ. ޕީޕީއެމްގެ ތެރެއިން ގާބިލް، ތައުލީމީ ބަޔަކު ނުނެރެވޭނެކަން އެނގޭތީ މެމްބަރުން ބޭނުންކޮށްގެން ކުރި ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަ ކުރެ އެވެ.
އެކަމަކު، އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް ރައްދުދީ ޕީޕީއެމްގެ މަޖިލިސް ބައެއް މެމްބަރުން ވިދާޅުވީ ބޮޑެތި ކުށްތައްކޮށްފައި ތިބޭ މީހުން ރަނގަޅުވެގެން މުޖުތަމައުއަށް އަންނަނަމަ، އިތުރު ފުރުސަތުތަކެއް ލިބެން ޖެހޭނެ ކަމަށެވެ. އެއީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމުގައި އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.
އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ ކުށްވެރިންނެއް ކަމަކު، އެމީހުންނަށް ވަޒީފާ އަދާކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އެ ގޮތުން ލޯކަލް ކައުންސިލްގެ އިންތިހާބުތަކުގައި ވެސް މިފަދަ ކުށްވެރިން ވެސް ހުކުމް ތަންފީޒުކޮށް ނިމޭތާ ނުވަތަ މާފު ލިބި ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކުރިމަތިލެވޭ ގޮތަށް އުސޫލެއް ހަމަޖެހިފައި އޮތުމަކީ މި ގާނޫނަށް އަމަލުކުރަން ފެށީއްސުރެ ފަށައިގެން މިހާތަނަށް ކުރިމަތިވަމުން އައި ބޮޑު ހުރަސްތަކަށް ލިބޭނެ ހައްލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވި ގޮތުގައި ސިޔާސީ މަގާމުތަކަށް ރައްޔިތުންގެ ވޯޓުން އަންނަ ފަރާތްތަކަކީ ކުށްވެރިންނަށް ވެގެން ނުވާނެ އެވެ. ސިޔާސީ މަގާމުތަކަށް އަންނަ މީހުން ވާން ޖެހޭނީ އަބުރާއި އިއްޒަތާއި ޝަރަފް ހުރި މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށެއްގެ ކައުންސިލެއްގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ ޑްރަގު މައްސަލާގައި ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކޮށްފައި ނިކުމެ އެ ގޮނޑީގައި އިނީމާ ދެން އެ ރަށު މީހުން އެމީހާއާ ދިމާއަށް ގޮވާނީ ކީކޭތޯ؟" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވި ގޮތުގައި ކުށްވެރިން ކައުންސިލަރުންނަށް އިންތިހާބުކުރަން އުޅޭ ނަމަ، އެއީ ތެދު ވާހަކައެކެވެ. އެކަމަކު އެއީ ހުކުމް ތަންފީޒުވެ ނިމިގެން މުޖުތަމައުގައި ރަނގަޅަށް އުޅެމުން އަންނަ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވެސް ވިދާޅުވީ ކުދިކުދި ކުށްތައްކޮށްފައި ތިބޭ މީހުން ކައުންސިލަށް ކުރިމަތިލެވޭ ގޮތް ނުވުމަކީ އިންސާފަކަށް ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެމީހުންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަން ރިޔާޒްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ކައުންސިލަރުންނެވެ. އެއްވެސް ރަށެއްގެ ކައުންސިލެއްގައި ވައްކަން ނުވަތަ ހިޔާނާތުގެ މައްސަލަތައް ޝަރީއަތަށް ސާބިތުވެފައި ތިބޭ މީހުން ރައްޔިތުންގެ ތިޖޫރިއާ ހަވާލު ކުރާކަށް ބޭނުމެއް ނުވާނެ އެވެ. ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާ މީހުން ހޮވުމުގެ ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ އަތްމަތީގަ އެވެ. ކޮންމެއަކަސް ބިލު، ގާނޫނަކަށްވެ އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ހިސާބުންނެވެ. ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވުމާއެކު އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް އިންތިހާބަށް މި ގާނޫނު ހިނގާނެ އެވެ.
ބައެއް ކުށްވެރިންނަށް ފުރުސަތު ހަނިކޮށް ބިލް ފާސްކޮށްފި
ކުށްވެރިންނަށް ވާދަކުރެވޭ އިސްލާހު ބަލައިގަނެ ކޮމެޓީއަށް
ކައުންސިލަރުންގެ އާ ޝަރުތަށް ޕީޕީއެމުން ވެސް ދެކޮޅު
އިންތިހާބުގައި 66 ޕަސެންޓު މީހުން ވޯޓުލި: އިލެކްޝަން
އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ފަށައިފި
އިންތިހާބުން ސަރުކާރަށް ލިބުނީ ޔޫ ރިޕޯޓެއް: ގަފޫރު
ކައުންސިލް އިންތިހާބުގައި 1487 ކެންޑިޑޭޓުން ވާދަކުރޭ
ލޯކަލް އިންތިހާބަށް ކުރިމަތިލުން މި މަހުގެ ނިޔަލަށް
ކުށްވެރިންނަށް ވާދަކުރުމުގެ ފުރުސަތާއެކު ކަންބޮޑުވުން!
ކައުންސިލްތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ލުޔެއް