Roadha Mihaaru
އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ފަށައިފި

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށައިފި

09 މެއި 2017

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ތިން ކައުންސިލެއްގެ ވަގުތީ ނަތީޖާ އިއުލާންކޮށްފަ އެވެ. އެއީ އދ. ކުނބުރުދޫ، އދ. ފެންފުށި އަދި ރ. ފައިނު ކައުންސިލްގެ ވަގުތީ ނަތީޖާ އެވެ.

ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ އެ ކޮމިޝަނުން ރެއާއި ދުވާލު މަސައްކަތް ކުރަމުން ދަނީ އިންތިހާބުގެ ވަގުތީ ނަތީޖާ ރައްޔިތުންނާ ހަމައަށް ގެނެސް ދިނުމަށް ކަމަށެވެ. އެ ގޮތުން މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދެވަނަ ދަންފަޅީގެ ނަތީޖާ އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި އިންތިހާބުގެ ވޯޓުލުން ދިޔައީ ސުލްހަވެރިކަމާއި އޮމާންކަމާއެކީގަ އެވެ. އިންތިހާބު ސުލްހަވެރިކޮށް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކުން އެއްބާރުލުން ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރާ ގޮތަށް ކުރިން ނިންމާފައި އޮތީ އިއްޔެ އެވެ. ނަތީޖާ އިއުލާންކުރުން ލަސްކުރި ސަބަބެއް އިލެކްޝަންސް ކޮމިޝަނުން ނުބުނެ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ނުކޮށްގެން އެ ކޮމިޝަނަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި އެކަން ލަސްވަނީ، ސަރުކާރުން މަޖުބޫރުކޮށްގެން ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާތީ އެވެ.

މިހާތަނަށް އާއްމުކޮށްފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ކައުންސިލްތަކުގެ މެޖޯރިޓީ ނެގީ އިދިކޮޅު އެމްޑީޕީންނެވެ. ތިން ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީ އަށެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އާއި އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެވެ.

އެއާ އެކު، އާބާދީ ބޮޑެތި ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީ އަށެވެ. އިދިކޮޅު އެމްޑީޕީން ބުނެފައިވާ ގޮތުގައި އެތައް ފިއްތުންތަކާއި ބިރުދެއްކުންތަކާ އެކު ވެސް އިންތިހާބުގެ ސާފު އަޣުލަބިއްޔަތު އެ ޕާޓީ އާއި އިދިކޮޅު އިއްތިހާދަށް ވަނީ ލިބިފަ އެވެ. އެކަމަކު ޕީޕީއެމުން ބުނަނީ، އިންތިހާބުގެ މެޖޯރިޓީ ލިބުނީ އެ ޕާޓީ އަށް ކަމަށެވެ.

މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 255،987 މީހަކަށް ލިބުނު އިރު، ވޯޓުލާން ނުކުތީ ވަރަށް މަދު އަދަދެއްގެ ބައެކެވެ. ތިން ފަހަރެއްގެ މަތިން ފަސްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވިއިރު، 1،497 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އިންތިހާބުގައި 650 އަށްވުރެ ގިނަ ކައުންސިލަރުން އިންތިހާބުކުރެ އެވެ.