Roadha Mihaaru
ކައުންސިލަރުންގެ އާ ޝަރުތަށް ޕީޕީއެމުން ވެސް ދެކޮޅު

ބޮޑެތި ކުށް ސާބިތުވެފައިވާ މީހުންނަށް ކައުންސިލަށް ކުރިމަތިލެވޭ އިސްލާހަށް ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ދެކޮޅު

07 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ މީހުންނަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޝަރުތުތައް ބަދަލުކޮށް، ބޮޑެތި ބައެއް ކުށްތައް ކޮށްފައިވާ މީހުންނަށް ވެސް ވާދަކުރެވޭ ގޮތް ހަދަން އިސްލާހު ހުށަހަޅާފައި ވާތީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އިދިކޮޅު މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ މީހުންނަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޝަރުތުތައް ބަދަލުކޮށް، ބޮޑެތި ބައެއް ކުށްތައް ކޮށްފައިވާ މީހުންނަށް ވެސް ވާދަކުރެވޭ ގޮތް ހަދަން އިސްލާހު ހުށަހަޅާފައި ވާތީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އިދިކޮޅު މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ވެރިކަންކުރާ ޕީޕީއެމްގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު (އަލިބެ) އެވެ. ބައެއް މެމްބަރުން ވިދާޅުވީ އިސްލާހު އޮތް ގޮތަށް ފާސްކުރުމުގެ ބަދަލުގައި ކޮމެޓީ މަރުހަލާގައި އިސްލާހަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

މަޖިލީހަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ނަމަ، ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށްވުރެ ކުރު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނަށާއި ޖިނާއީ ކުށެއް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައި މީހުންނަށް އިންތިހާބުގައި ވާދަކުރެވެ އެވެ.

ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ދެ އަހަރު ފާއިތުވުން ނުވަތަ އެ ހުކުމެއްގެ އަދަބު މައާފްކޮށް ދެވުނުތާ ދެ އަހަރު ފާއިތުވުމުން އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އަދި ކުރިން ހުރި ބައެއް ޝަރުތުތައް އިސްލާހުގައި ނެތުމުން، މި އިސްލާހާ އެކު، ކުޑަކުދިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގުމާއި ރޭޕްކުރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި އިސްލާމް ދީނުގެ ހައްދެއް ކަނޑައަޅާފައިވާ ކުށެއް ސާބިތުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަ ކުރެވޭނެ އެވެ.

ބޮޑެެތި ޖިނާއީ ކުށްތައް ސާބިތުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ 28 ވަނަ މާއްދާ އާއި 44 ވަނަ މާއްދާ، މިއަދު ހުށަހެޅި އިސްލާހުގައި ވަނީ އުނިކޮށްފަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

މި އިސްލާހަށް ބަހުސް ކުރައްވަމުން ވިލިނގިލީ ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދު ހުސެއިން ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ޕާޓީތަކުން ކަނޑައަޅާ ކޮންމެ މީހަކު އިންތިހާބު ކުރުމުގެ ވިސްނުން ރައްޔިތުން ގެންގުޅޭތީ ކަމަށެވެ. އެހެންވެ އިންތިހާބު ވަނީ ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާ ކައުންސިލަރުން ނޫން ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

"އެހެންވެ ރަށުގެ ތަރައްގީއަށް ނެރެން ބޭނުންވާ އެންމެ ފުރިހަމަ މޭވާތަކެއް ލާމަރުކަޒީ ނިޒާމަށް ލިބެމުން ނުދޭ،" އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި ބޮޑެތި ކުށްތައް ކޮށްފައި ތިބޭ މީހުން ކައުންސިލަރުންނަށް ވެއްޖެ ނަމަ އެކަމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"މަސްތުވާތަކެތީގެ ވަބާގައި ޖެހުމަށްފަހު، އެ ވަބާއިން ސަލާމަތްވެގެން އަންނަ މީހުން ކައުންސިލްތަކަށް ހިދުމަތް ކުރަން އައުމަކީ މުޖުތަމައުއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް،" ސައުދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ހުށަހެޅިއިރު، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށާއި ރައްޔިތުންނާ ގުޅުން ހުރި ބިލުތައް މަޖިލީހަށް ހުށަހެޅުމުގެ ކުރިން މަޝްވަރާކުރަން ޖެހޭނެ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރަނީ ކައުންސިލަރުން ކަމަށާއި ކޮންމެ ވައްތަރެއްގެ ކުށެއް ކުރި މީހަކު ވެސް ހުކުމް ތަންފީޒުކޮށް ނިމޭތާ ދެ އަހަރު ފަހުން އިންތިހާބުގައި ކުރިމަތިލެވޭނެ ކަމަށެވެ.

މެމްބަރު ޖައުފަރު ވާހަކަ ދައްކަވަނީ. މި އިސްލާހަށް ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މަޖިލިސް

މެމްބަރު ޖައުފަރު ވާހަކަ ދައްކަވަނީ. މި އިސްލާހަށް ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މަޖިލިސް

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލެވޭނީ ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުން ކަމަށްވާއިރު، ކައުންސިލް އިންތިހާބުގައި އެއަށްވުރެ މާ އަވަހަށް ވާދަކުރެވޭ ގޮތަށް އޮތުމުން ވިސްނާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އުމުރު ދުވަހު ކައުންސިލަށް ކުރިމަތިނުލެވޭ ގޮތަށް އޮތުމުގެ ބަދަލުގައި، ޖިނާއީ ކުށްތައް ކުރާ މީހުން ހުކުމް ތަންފީޒުކޮށް ނިމޭތާ ފަސް އަހަރު ފަހުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކޮށް ދެވުނުތާ ވަކި މުއްދަތެއް ފަހުން ކައުންސިލަށް ކުރިމަތިލެވޭ ގޮތަށް އޮތުމަށް ތާއީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ އަހަރުގެ މުއްދަތުގެ ތެރޭގައި މިފަދަ ކުށެއް ކޮށްގެން އައިސް ކައުންސިލަށް ކުރިމަތިލުމަކީ އަޅުގަނޑަށް ތާއީދު ކުރެވޭނެ ކަމެއް ނޫން،" ޖައުފަރު ވިދާޅުވި އެވެ.

ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވި ގޮތުގައި މި އިސްލާހުގެ މަގްސަދަކީ ކުށެއް ސާބިތުވެގެން ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ މީހުންނަށް ވެސް ކައުންސިލަށް ކުރިމަތިނުލެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. އެކަމަކު ބޮޑެތި ކުށްތައް ކުރާ މީހުން ރައްޔިތުންނަށް ހިދުމަތް ކުރަން ބޭތިއްބުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޑަކުދިންނާ ބެހިފައި ތިބޭ މީހުންނާއި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ މީހުންނާއި އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ އަދަބެއް ލިބިފައި ހުރި މީހުންނަށް ކައުންސިލަށް ކުރިމަތިލެވޭނެތޯ މިއީ ވިސްނަން ޖެހޭ ކަމަށް،" ޖަމީލް އުސްމާން ވިދާޅުވި އެވެ.

"ޒިންމާދާރުކަމާއެކީ ރައްޔިތުންނަށް ހިދުމަތް ކުރަން ހޮވާ ބައެއްގެ ވާހަކަ މި ދައްކަނީ. ކުށެއް ސާބިތުވާ މީހަކު އިސްލާހުވާން ފުރުސަތު ދޭން ޖެހޭނެ، އެކަމަކު މުޅި އުމުރު ދުވަހު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެވި، ވަޒީފާއެއް ނުލިބި ހުރުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން."

ޖަމީލް ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ކުރިމަތިލާ މީހުންގެ ތެރޭގައި ތައުލީމީ ޒުވާނުން އެބަތިއްބެވެ. ރައްޔިތުންނަށް ހިދުމަތްކުރަން ބޭނުންވެފައި އެތައް ބަޔަކު ތިބިއިރު، ގާނޫނުތައް ބައްޓަން ކުރެވެން ޖެހޭނީ ގާބިލް މީހުންނަށް މަގާމުތަކަށް ކުރިމަތިލެވޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު އެމްޑީޕީ މެމްބަރުން ވަނީ އިސްލާހަށް ވަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެ ގޮތުން އިސްލާހަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިސްލާހުގައި ހުރި "ލޯވަޅުތައް" ބައްދަން ޖެހޭ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ. އަދި އިދިކޮޅު ޕާޓީގެ މެމްބަރުން ދައްކާ ވާހަކަ ގަބޫލު ނުކުރުމުގެ އުސޫލު ދޫކޮށް އެންމެން އެކީގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ގާނޫނު އިސްލާހު ކުރުމަކީ މުހިންމު ކަމެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އެޕްރީލް 15 ގައި ބާއްވާ ލޯކަލް އިންތިހާބުގައި ވެސް އަމަލުކުރަން ޖެހޭ ގޮތަށް، ގާނޫނަށް އިސްލާހު ހުށަހެޅުއްވި އަލީ މުހައްމަދު ވިދާޅުވީ އިސްލާހު ހުށަހެޅުއްވީ މިހާރުގެ ޝަރުތުތައް ލުއިކޮށް، ގިނަ ބަޔަކަށް އެއްވެސް ދަތިކަމެއް ނެތި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ކަމަށެވެ.