Roadha Mihaaru

ގައުމު ހަމަ މަގަށް އެޅުވޭނީ ޖޭޕީ/އެމްޑީޕީން ވަކިވި މެމްބަރުން އަލުން އެ ޕާޓީތަކާ ގުޅުމުން: ގާސިމް

ގައުމު ހަމަ މަގަށް އެޅުވޭނީ ޖޭޕީ އާއި އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިހަށް ހޮވުމަށް ފަހު، ޕާޓީ ބަދަލު ކުރެއްވި މެމްބަރުން އަލުން އެ ޕާޓީތަކާ ގުޅިވަޑައިގަތުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ޖޭޕީ/އެމްޑީޕީން ވަކިވި މެމްބަރުންނަށް ގާސިމްގެ އާދޭސް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

20 މާޗް 2017

ގައުމު ހަމަ މަގަށް އެޅުވޭނީ ޖޭޕީ އާއި އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިހަށް ހޮވުމަށް ފަހު، ޕާޓީ ބަދަލު ކުރެއްވި މެމްބަރުން އަލުން އެ ޕާޓީތަކާ ގުޅިވަޑައިގަތުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޖޭޕީން ކުރިމަތިލި ކެންޑިޑޭޓުން ތައާރަފް ކުރުމަށް މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މިއީ ފަހަކަށް އައިސް ގާސިމްގެ ބަހުގެ ހޫނު ހަމަލާތަކެއް މި ސަރުކާރަށް އަމާޒުވި ފުރަތަމަ ފަހަރު ކަން ފާހަގަކުރެވެ އެވެ.

ގާނޫނުއަސާސީ އާ ޚިލާފަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ކަންކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ގާނޫނުއަސާސީ އޮންނަނީ "އެންމެ މީހަކު ވެރިކަން ކުރާ" ގޮތަކަށް ނޫން ކަމަށެވެ.

ގާނޫނުއަސާސީގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ބާރުތައް ބަހާލާފައި އޮންނައިރު، ކަން ހިނގަމުން ދަނީ ގާނޫނުއަސާސީއާ އެއްގޮތަށް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެހެންވެ، ގައުމުގެ ސަލާމަތާއި އަމާންކަން ދަމަހައްޓައި، ހައްގުތައް އަލުން އިޔާދަ ކުރުމަށް، ޖޭޕީ އާއި އެމްޑީޕީން ވަކިވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަލުން ޕާޓީތަކަށް ރުޖޫއަވުމަށް ގާސިމް އާދޭހާ އެކު ގޮވައިލެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވިޔަސް، ރައްޔިތުންނަށް ހިޔާނާތްތެރިވާނަމަ ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި އެ ވާހަކަ ބުނުމުން ހިތްހަމަނުޖެހިގެން ދާ މީހާ އިސްތިއުފާ ދިނުމަށް ވެސް ގާސިމް ގޮވާލެއްވި އެވެ.

އޭނާ ވިދާޅުވީި ގޮތުގައި، މިހާރުގެ ރައްޔިތުންގެ މަޖިލީހަށް ޖޭޕީގެ ޓިކެޓްގައި 15 މެންބަރުން ހޮވުނުއިރު، އެ ޕާޓީގެ އެހީތެރިކަމާއެކު އަމިއްލަ ގޮތުން ވެސް މެންބަރަކު އިންތިޚާބު ކާމިޔާބު ކުރި އެވެ. އެއީ ގާސިމް ވިދާޅުވި ގޮތުގައި މިހާރު ޕީޕީއެމްގައި ހުންނެވި މަޑަވެލީ ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދެވެ.

"ދިވެހި ގައުމުގެ ހަމަޖެހުމާއި އަމާންކަމާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި އަޅުގަނޑުމެން ޕާޓީން ދިޔަ އަށް މެމްބަރުންނާއި އަމިއްލަ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި، އެމްޑީޕީން ވަކިވި މެމްބަރުން އަލުން ގުޅުނީމަ ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ އޮޓޮމެޓިކްކޮށް،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އެ ފިޔަވަޅަކީ ކަތި ނޫނީ ގޯސް ފިޔަވަޅެއް ކަމުގައިވާނަމަ، އެކަން ރަނގަޅު ކުރައްވާ،"

ގާސިމް ވިދާޅުވީ ޖޭޕީ އާއި އެމްޑީޕީން ވަކިވި މަޖިލިހުގެ މެމްބަރުން އަލުން އެ ޕާޓީތަކާ ގުޅުމުގައި ލަދު ގަނެގެން ނުވާނެ ކަމަށެވެ. އަދި އެ ބޭފުޅުންނަށް މަރުހަބާ ކިޔާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލިހަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރި 14 މެމްބަރުންގެ ތެރެއިން އަށް މެމްބަރަކު ވަނީ އެ ޕާޓީ ދޫކުރައްވައި، ވެރިކަންކުރާ ޕީޕީއެމާ ދައުރުގެ މެދުތެރެއިން ގުޅިވަޑައިގެންފަ އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ ދޫކުރައްވައި ޕީޕީއެމާ ގުޅިވަޑައިގަތީ ހަތަރު މެމްބަރެކެވެ.

ޖޭޕީ އާއި އެމްޑީޕީން ވަކިވެ ޕީޕީއެމާ ގުޅުނު މެމްބަރުން އަލުން އެ ޕާޓީތަކަށް ވަޑައިގަތުމަށް ގާސިމް ދައުވަތު ދެއްވިއިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ އަންނަ ހަފުތާގެ ހޯމަދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކުރަން ނިންމައިފަ އެވެ. މަސީހް މަގާމުން ވަކިކުރުމަށްޓަކައި ދެކޮޅުން ވެސް މިހާރު ދަނީ މެމްބަރުންގެ ވޯޓު ހޯދުމުގެ ކެމްޕެއިން ކުރަމުންނެވެ.

ޖޭޕީ އާއި އެމްޑީޕީ ދޫކުރައްވައި ޕީޕީއެމާ ގުޅުނު މެމްބަރުން އަލުން އެ ޕާޓީތަކަށް ސޮއިކުރައްވައިފި ނަމަ، މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސްކުރަން އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ސިޔާސީ ފަރާތްތަކުން ދެކެ އެވެ.

ގާސިމް މިރޭ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު އެންމެ ބޮޑަށް ދެކެވެމުން އަންނަނީ އިންސާފު ނުލިބުމުގެ ވާހަކަ އެވެ. ބޮޑެތި އަދަދުތައް ހިމެނޭ މަޝްރޫއުތައް ހިންގާއިރު، އެއިން ކޮންމެ މަޝްރޫއެއްގެ ކުރިން ދައުލަތުގެ ބަޖެޓުގައި ޖަހަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ދިވެހި ގައުމުގެ ހަމަޖެހުމާއި އަމާންކަމާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި އަޅުގަނޑުމެން ޕާޓީން ދިޔަ އަށް މެމްބަރުންނާއި އަމިއްލަ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި، އެމްޑީޕީން ވަކިވި މެމްބަރުން އަލުން ގުޅުނީމަ ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ އޮޓޮމެޓިކްކޮށް،" ގާސިމް

ވެރިއެއްގެ ކިބައިގައި އަދުލުވެރިވުމާއި އިހްސާންތެރިވުމުގެ ރިވެތި ސިފަ ހުންނަން ޖެހޭއިރު، އިހްސާންތެރިވުމުގެ ބަދަލުގައި "އަޅުގަނޑުމެންގެ ގައިގައި ކޮޅު ފައިން ޖަހާފައިވާ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިހްސާންތެރިވުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ގައިގައި [ސަރުކާރުން] ކޮޅުފައިން ޖެހީ ގާނޫނާ ހިލާފަށާއި އެއްބަސްވުންތަކާ ހިލާފަށް ކަންތައްތައް ކުރަން އުޅުނީމަ. ވަކި މީހަކަށް އަނިޔާ ދޭން އުޅުނީމާ އެއީ އެއްގޮތަކަށް ވެސް އުސޫލުތަކާ ދެކޮޅު ހެދުމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ކިތަންމެ ފައިސާއަކާއި ބާރު އަދި ކިތަންމެ މުއައްސަސާއެއް "ބަނޑުދަށުލައިގެން" އުޅުނަސް ހިނދުކޮޅެއްގައި ތެރޭގައި ހުރިހާ ކަމެއް ނިމިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.

"ކިހިނެއްތޯވީ ހިޓްލަރަށް؟ ހާމާނާއި ފިރުއައުނުގެ ދަށަށް ތިބި މީހުންނަށް ކިހިނެއްވީތޯ؟ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ނިމިގެން ދިޔައީ. އެހެންވީމަ އޭގެން މިސާލު ނަންގަވާ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ނަޝީދު 13 އަހަރަށް ޖަލަށް ނުލެވޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ޖަލު ހުކުމެއްގައި ހުންނަވަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސް ޔާމީނަށް ސަލާން ޖަހައި މިގޮތަށް ކަންކަން ނުކުރުމަށް އެދި، ދިގު މެސެޖް ކުރިން، އެކަމަކު ގަބޫލުފުޅެއް ނުކުރައްވާ،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީން ބުނި ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެ ޕާޓީން 94 ކެންޑިޑޭޓުން ވާދަކުރާނެ އެވެ. އޭގެ ތެރެއިން 12 ޕަސަންޓު ކެންޑިޑޭޓުންނަކީ އަންހެނުން ކަމަށް ވެސް ޖޭޕީން ބުންޏެވެ. މިރޭގެ ރަސްމިއްޔާތުގައި ކެންޑިޑޭޓުންނާ ޓިކެޓު ހަވާލުކޮށްދެއްވީ ގާސިމެވެ.