Roadha Mihaaru

ސަރުކާރު ވައްޓާލައި، ރައީސަށް ލޮޓި ދޭކަށް ނޫޅެން: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މެމްބަރުން އިތުރުކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ވައްޓާލައި އެމަނިކުފާނުގެ ސަރުކާރަށް ލޮޓި އާއި ލަގާ ދޭން ނޫން ކަމަށް އެ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ވައްޓާލައި، ލޮޓި ދޭކަށް ނޫޅެން: ގާސިމް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

25 ސެޕްޓެމްބަރ 2019

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މެމްބަރުން އިތުރުކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ވައްޓާލައި އެމަނިކުފާނުގެ ސަރުކާރަށް ލޮޓި އާއި ލަގާ ދޭން ނޫން ކަމަށް އެ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަންގެ ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީ ޖޭޕީ އަށް ބަޔަކު ސޮއިކުރުމަށް އެ ޕާޓީގެ އޮފީސް އަދި ހަރުގެ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ސަރުކާރަށް ކަންތައްތައް ނުކުރެވޭ ކަމަށް ބުނެ، ބަޔަކު މީހުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ސަރުކާރު ބަދުނާމު ކުރަން ކިތަންމެ މަސައްކަތެއް ކުރިޔަސް، އެކަން ވެސް "ވައިގައި ނުހިފާނެ" ކަމަށް ގާސިމް ވިދާޅުވި އެވެ.

"މިހާރު އޮތް ނިޒާމު، ބަރުލަމާނީއަކަށް ވެސް ބަދަލެއް ނުކުރެވޭނެ. އެއީ ވެސް ވާނެ ކަމެއް ނޫން،" ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރިޔާސީ ނިޒާމެއް ރައްޔިތުން އިހްތިޔާރުކުރީ މާޒީގައި ކަންކަން ހިނގާފައި ހުރި ގޮތް ދެނެގަނެގެން ކަމަށެވެ. ރިޔާސީ ނިޒާމެއް ރައްޔިތުންގެ ވޯޓުން ކަނޑައަޅާފައި އޮއްވައި، އެކި ބާރުތަކުން ރައީސުލްޖުމްހޫރިއްޔާ ތާށިކޮށްލާ ހިސާބަށްދާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ނަޝީދުގެ ނަން ނުގެންނަވައި ގާސިމް ވިދާޅުވީ ރައީސަށް ދަތިކުރަމުންދާ މަންޒަރު ފެންނަ ކަމަށާއި، އެކަން ކުރަނީ ވަކި މީހަކު ބޭނުންވާ މަގުސަދުތަކެއް ހާސިލު ކުރުމަށް ކަމަށެވެ.

ސަރުކާރު ފެންނަނީ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަމުންދާ ތަން ކަމަށާއި ސަރުކާރަށް ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ޖޭޕީ އަކީ ސަރުކާރުގެ ތެރޭގައި އޮތް ޕާޓީއެއްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ މަޖިލިސް ތެރޭގައި ވަކިން މަސައްކަތް ކުރި ނަމަވެސް ސަރުކާރުން އެދޭ ކަމެއްގައި ފުރިހަމަ އެހީތެރިކަން ދޭނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެ ނިޒާމުގައި މިނިސްޓަރުންނާއި އެހެން މަގާމުތަކުގައި ވެސް ތިއްބަވާނީ މަޖިލިހުގެ މެމްބަރުން ކަމަށެވެ. އަދި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އެ ބޭފުޅުން ތިއްބަވައިގެން "އެއްޗެހި ބަހާލިޔަސް" ކުރާނެ ކަމެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ސަރުކާރުން ކަންކަން ނުކުރެވޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާ އިރު، މި ސަރުކާރުން މިވީ މުއްދަތުގައި ގިނަ މަސައްކަތްތަކެއްކޮށް އެއްބަސްވުންތައް ހަދާފައިވާ ކަމަށް ގާސިމް ވިދާޅުވެ، އެކަމުގައި ކުރިން ދައްކަވާފައިވާ ވާހަތައް ތަކުރާރުކުރެއްވި އެވެ. ގާސިމް ވިދާޅުވީ މަޝްރޫއުތައް ހިނގައިގަންނަން ވަގުތު ނަގާނެ ކަމަށެވެ.

"މިކަންކަން ކުރިއަށް ދާނީ އުސޫލަކާއި ތަރުތީބަކުން. ކިތަންމެ ހިތް އަވަސް ވިޔަސް، ދެން އެކޮޅު ކޮޅަށް ދާނީ. ހަމަޖެހޭ އުސޫލަކުން ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވޭނީ އުސޫލުތަކެއްގެ މަތީގައި. އެހެންވީމަ އެކަން ހިނގަމުންދާ ކަން އެންމެންނަށް ވެސް އެނގޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ސަރުކާރުގެ އެތެރެ "ފަނި ކޮށްލަން" ބަޔަކު މަސައްކަތް ކުރާ ވާހަކަ ވިދާޅުވުމުން އެއީ ސަރުކާރަށް ވައި އަޅުވައިގެން ކޮންމެވެސް އެއްޗެއް ހޯދަން ދައްކާ ވާހަކަތަކެއް ކަމަށް ސިފަކޮށް އެމްޑީޕީގެ މެންބަރުން ވާހަކަ ދައްކާ ކަމަށެވެ. ގާސިމް ވިދާޅުވީ "އެކަން ބޭނުންނުވާ އެއްވެސް އިންސާނެއް ނޫޅޭ" ކަމަށެވެ. ސަރުކާރުގެ ތެރެއިން ބޭނުންވާ ކަންކަން އެބަހުރި ކަމަށް ވިދާޅުވި އެވެ.