އާ ހެލްތު މިނިސްޓަރަކަށް ބޭފުޅަކު އައްޔަން ކުރެއްވުމުގައި ޕާޓީތަކުގެ ސްލޮޓަށް ވުރެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަންދެއްވީ ކޮވިޑް-19ގެ މި ހާލަތުން އަރައިގަނެ، ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ސިއްހީ ދާއިރާގެ ކުރިއެރުމަށް އެމަނިކުފާނު ވެވަޑައިގަތް ވައުދުތައް ފުއްދެވުމުގައި، ގާބިލް، ތަޖުރިބާ ހުރި ބޭފުޅަކު އައްޔަން ކުރެއްވުމަށް ކަމަށް ސަރުކާރުގެ ބައެއް އިސް ބޭފުޅުން މިރޭ ވިދާޅުވެއްޖެ އެވެ.
22 އޮކްޓޯބަރ 2020
އާ ހެލްތު މިނިސްޓަރަކަށް ބޭފުޅަކު އައްޔަން ކުރެއްވުމުގައި ޕާޓީތަކުގެ ސްލޮޓަށް ވުރެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަންދެއްވީ ކޮވިޑް-19ގެ މި ހާލަތުން އަރައިގަނެ، ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ސިއްހީ ދާއިރާގެ ކުރިއެރުމަށް އެމަނިކުފާނު ވެވަޑައިގަތް ވައުދުތައް ފުއްދެވުމުގައި، ގާބިލް، ތަޖުރިބާ ހުރި ބޭފުޅަކު އައްޔަން ކުރެއްވުމަށް ކަމަށް ސަރުކާރުގެ ބައެއް އިސް ބޭފުޅުން މިރޭ ވިދާޅުވެއްޖެ އެވެ.
ޕާޓީތައް ގުޅިގެން އުފެއްދި މި ވެރިކަމުގައި، ކެބިނެޓަށް އެއްބަސްވެފައި އޮތް ގޮތުން ހެލްތު މިނިސްޓަރަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެކެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން އެ މަގާމުގައި ހުންނެވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވިޔަސް އެ މަގާމު އޮންނާނީ ޖޭޕީއަށް ކަމަށް އެ ޕާޓީގެ މެމްބަރުން ތިބީ އުއްމީދެއްގަ އެވެ.
އެކަމަކު، ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އާ ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވީ ރައީސް އޮފީސް މިނިސްޓަރަކަށް ހުންނެވި އަހްމަދު ނަސީމެވެ. ޖޭޕީގެ ސްލޮޓެއް ލިބި، ކެބިނެޓަށް އެ ޕާޓީގެ ވަޒީރަކު އިތުރުވުމަކީ އެމްޑީޕީއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެކަމަކު، ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންނަށް ލިބުނު މާޔޫސް ކަމެކެވެ.
އާ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މަގާމުގެ ހުވާކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް
ރައީސްގެ ނިންމެވުމާ އެކު ވެރިކަން ކުރާ ކޯލިޝަނަށް ވީ ކިހިނެއްތޯ ދަނީ ސުވާލު އުފެއްދެވި ބޭފުޅުންގެ ތެެރޭގައި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހްމަދު ސައުދު ހިމެނިވަޑައިގަންނަވަ އެވެ.
Coalition??????
— Ahmed Saud (@ammadaysaud) October 22, 2020
ސައުދުގެ ޓުވީޓް.
މިނިސްޓަރުގެ މަގާމުން އަމީން އިސްތިއުފާ ދެއްވީ، ކޮވިޑް-19ގެ ފަރުވާއަށް ވެންޓިލޭޓަރު ހޯދުމުގައި ކަން ހިނގާފައިވާ ގޮތާ ގުޅިގެން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓާއި ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގުން ވެސް ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ. މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ދައުވާ އުފުލައިދޭން އޭސީސީން އެދުނު ނަމަވެސް ޕީޖީ ނިންމެވީ މިހާތަނަށް ހުށަހަޅާފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކޯޓުގައި ދައުވާ ސާބިތުކުރެވޭނެ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. މިކަމާ ނުރުހުންވެ، އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވީ އިތުބާރު ނެތް ކަމުގެ ވޯޓަކުން ނަމަވެސް އަމީން މަގާމުން ދުރުކުރާށެވެ. އެ މަސައްކަތް ފެށުމާއެކު އޭނާ މަގާމުން ދުރަށް ވަޑައިގަތީ އެވެ.
އެނގިފައިވާ ގޮތުގައި އެ މަގާމަށް އާ ވަޒީރަކު އައްޔަން ކުރެއްވުމުގެ ކުރިން ޖުމްހޫރީ ޕާޓީގެ ސްލޮޓަކަށް ވާތީ ރައީސް އެ ޕާޓީއަށް ފުރުސަތު ދެއްވި އެވެ. ހެލްތު މިނިސްޓަރަކަށް ހަމަޖައްސަވަން އެ ޕާޓީން ނަން ފޮނުއްވި ބޭފުޅުންގެ ތެރޭގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ބައެއް ބޭފުޅުން ވެސް ހީކުރެއްވީ އާ ވަޒީރަކަށް ވަޑައިގަންނަވާނީ ޝާހް މާހިރު ކަމަށެވެ. ވެންޓިލޭޓަރު މައްސަލައިގައި ސަސްޕެންޑްކުރި ބޭފުޅުންގެ ތެރޭގައި ޝާހް ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު އޭނާގެ މައްޗަށް ދައުވާ އުފުލޭ ވަރުގެ ހެއްކެއް ނެތް ކަމަށް އޭސީސީން ނިންމުމުން އޭނާ ވަނީ އެނބުރި ވަޒީފާ އަށް ވެސް ނުކުންނަވަން ފައްޓަވައިފަ އެވެ.
ޖުމްހޫރީ ޕާޓީން ފޮނުވި ނަންތަކުގެ ތެރައަށް އިތުރުވި ނަސީމަށް މިނިސްޓަރުކަން ދެއްވަން ރައީސް ނިންމެވީ، ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، މި ވަގުތަށް ހެލްތު މިނިސްޓްރީ ހަމައަކަށް އަޅުއްވައި ނަތީޖާ ނެރެދެއްވިދާނެ ކަމުގެ ގާބިލް ބޭފުޅެއް ކަމަށް ރައީސަށް ފެނިވަޑައިގަތުމުންނެވެ. އެކަމުގައި، ރައީސް ވިސްނުން ގެންގުޅުއްވީ ވަކި ޕާޓީއަކަށް އެ ސްލޮޓް ދެއްވުމަށް ވުރެން ޚިދުމަތް ކުރެއްވޭނެ ބޭފުޅަކު ގެންނެވުމަށް ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވި އެވެ.
"ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ވެވަޑައިގަތް ވައުދު މަތީގައި އެމަނިކުފާނު އަދިވެސް ހުންނެވީ. އެ ވަރުގެ ނިންމެވުމެއް ނުނިންމަވާނެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ މަޝްވަރާ ނުކުރައްވައި،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
މި ނިންމެވުމާ ގުޅޭ ގޮތުން ގާސިމާއި ޖުމްހޫރީ ޕާޓީން ވެސް ރަސްމީކޮށް އަދި އެއްޗެއް ނުބުނެ އެވެ.
ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިއަދު ފަތްކޮޅު އަރުއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު "މިހާރު"އަށް ވިދާޅުވީ ސަރުކާރުގެ މުހިއްމު އެއް ވުޒާރާ މިވަގުތު އޮތް ގޮތުން، މަގާމަށް ރައީސް އައްޔަން ކުރެއްވީ އެންމެ ގާބިލް ބޭފުޅާ ކަމަށެވެ.
"މި ހާލަތަށް މުހިއްމު، ނަތީޖާ ހާސިލްކުރެއްވޭނެ ކަމަށް ރައީސަށް ގަބޫލުފުޅު ކުރެއްވޭ ބޭފުޅަކު އައްޔަން ކުރެއްވީ،" ހޫދު ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެކި ސަބަބުތައް މެދުވެރިވެ، ކޯލިޝަންގެ ސްލޮޓްތައް ބަދަލުކުރައްވާއިރު މައްސަލަ ދިމާވެދާނެ ފަދަ ގޮތަކަށް އެއްވެސް ކަމެއް ނުނިންމެވުމަށް ރައީސް އިސްކަން ދެއްވަ އެވެ.
އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑަ މިނިސްޓަރުކަން ފުރުއްވި ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމުން އެ މަގާމަށް އައްޔަން ކުރެއްވީ ޕާޓީއެއްގައި ހިމެނިވަޑައިނުގަންނަވާ ކުރީގެ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. ހައުސިން މިނިސްޓަރަކަށް އެމްއާރުއެމްގެ ސްލޮޓެއްގައި ހުންނެވި އާތިފާ މަގާމުން އިސްތިއުފާ ދެއްވުމުން އާ ވަޒީރަކު އައްޔަން ނުކުރައްވައި މަސައްކަތްތައް ބަދަލުކުރެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ވުޒާރާއަށެވެ. މި ކަމުގައި އެމްއާރުއެމްގެ ހިތްހަމަނުޖެހުންތަކެއް ހުއްޓެވެ. ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު މަގާމުން ވަކިކުރައްވައި ކެބިނެޓުގެ އެ ގޮނޑި ދެއްވީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، ޑރ. އަބްދުﷲ މައުސޫމަށެވެ. އަމީން އިސްތިއުފާ ދެއްވުމުން، ވެސް އެ ސްލޮޓަށް ޖޭޕީގެ ބޭފުޅަކު ގެންނަވަން ފުރުސަތު ދެއްވި އެވެ.
ކޯލިޝަންގެ ލީޑަރުން ރައީސްއާ މަޝްވަރާ މޭޒެއްގައި: ކެބިނެޓުގައި ޕާޓީތައް ހިއްސާވާނެ މިންވަރު ކަނޑައެޅި. --ފޮޓޯ/ މިހާރު
ކެބިނެޓުގައި ހިމެނިވަޑައިގަންނަނާ ކޯލިޝަން ޕާޓީތަކުގެ ވަޒީރުންނަށް ނަތީޖާ ނުނެރެވޭ ކަމުގެ ތުހުމަތާ އެކު ޝިދާތާ އާއި އާތިފާ އިސްތިއުފާ ދެއްވަން މަޖުބޫރުކުރުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންނެވެ. ހަމައެގޮތަށް، އަމީން ވެސް އިސްތިއުފާ ނުދެއްވުމުން އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހި، ޕްރެޝަރު ކުރިމަތި ކުރުވި އެވެ.
"ޖޭޕީއަށް ފުރުސަތު ދެއްވި. ނަންތަކެއް ފޮނުއްވިޔަސް ރައީސުލްޖުމްހޫރިއްޔާ އަށް ހައްގު ލިބިގެންވޭ ކަންކަން ޑެލިވަކޮށްދެއްވޭނެ ކަމަށް އެމަނިކުފާނަށް އިތުބާރު ކުރެއްވޭ ބޭފުޅަކު އައްޔަން ކުރައްވަން. ޖޭޕީގެ ދެ ވަޒީރެއް (އަލީ ވަހީދާއި އަމީން) މަގާމުން ދުރަށް ވަޑައިގަންނަވަން މި ޖެހުނީ ތުހުމަތުތަކަކާ އެކު. މިސްޓޭކްސް ހައްދަވައިގެން ވަކިވެއްޖިއްޔާ، ރައީސަށް އިޚްތިޔާރު އޮންނާނެ އެމަނިކުފާނު ބޭނުން ބޭފުޅަކު އައްޔަން ކުރައްވަން،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
"އެއީ ކޯލިޝަންގެ ވައުދަށް ނުބެއްލެވުމެއް ނޫން. ކޯލިޝަން ދެމެހެއްޓެވުމުގައި ވެސް، ހަމަހަމަ އުސޫލް އެމަނިކުފާނު އެބަ ހިފަހައްޓަވާ."
ކެބިނެޓަށް މާދަމާ ބައެއް ބަދަލު ގެންނަނީ
އެއްބަސްވިގޮތް ނުވިޔަސް ކޯލިޝަންގައި ތިބޭނަން: ގާސިމް
އެމްޑީޕީ ނުކުންނާނެ ގޮތް އަވަހަށް ނިންމަންޖެހޭ: އާޒިމް
ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް: ޖޭޕީ
ސަރުކާރު ވައްޓާލައި، ލޮޓި ދޭކަށް ނޫޅެން: ގާސިމް
ގާސިމް، ޔާމީނާ އެކު އެޅުއްވި ގޯސް ފިޔަވަޅު!
ކެމްޕެއިނަށް ނުކުންނެވުން، ރައީސަށް މަޖުބޫރުވި ހާލަތު!
ގާސިމްގެ ހިތްހަމަނުޖެހުން: "ތިޔަ ގޮވަނީ ގުދޯ ގުދޯ"!
"ޖޭޕީ އޮތީ ކޯލިޝަންގައި، ގޮތެއް ހޯދީ މަޖުބޫރުވެގެން"
ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހަދާނަން: ގާސިމް