Roadha Mihaaru

ޖޭޕީ އޮތީ ކޯލިޝަންގައި، އިންތިޚާބަށް ގޮތެއް ހޯދީ މަޖުބޫރުވެގެން: އަމީން

ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ ސަރުކާރު ކޯލިޝަންގައި ކަމަށާއި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެހެން ގޮތެއް ހޯދީ މަޖުބޫރުވެގެން ކަަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

"ޖޭޕީ އޮތީ ކޯލިޝަންގައި، ގޮތެއް ހޯދީ މަޖުބޫރުވެގެން"
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

01 އެޕްރީލް 2019

ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ ސަރުކާރު ކޯލިޝަންގައި ކަމަށާއި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެހެން ގޮތެއް ހޯދީ މަޖުބޫރުވެގެން ކަަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ގުޅިގެން ވާދަކުރަން ވި އެއްބަސްވުމަށް އެމްޑީޕީން އަމަލު ނުކުރުމުން އުފެދުނު ހިތްހަމަނުޖެހުންތަކާ ހެދި ޖޭޕީން ވަނީ އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީއާ އެކު މަޖިލީސް އިންތިޚާބަށް މަސައްކަތް ކުރަން ނިންމައިފަ އެވެ. ރަސްމީ އެއްބަސްވުމެއް ނެތަސް ބައެއް ދާއިރާތަކުގައި އެއް ބަޔަކު އަނެއް ބައެއްގެ ކެންޑިޑޭޓަށް ތާއީދު ކުރާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.

މި ނިންމުމާ ގުޅިގެން ޖޭޕީ އަށް އެމްޑީޕީގެ އިސް ބޭފުޅުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެ ޕާޓީ އޮތީ ސަރުކާރު ކޯލިޝަންގައިތޯ ނުވަތަ އިދިކޮޅު ޕާޓީތަކާ އެކުގައިތޯ ސާފުކޮށްދޭން ވެސް އަންނަނީ ގޮވާލަމުންނެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައި އަމީން ވިދާޅުވީ، ސުވާލު އުފެއްދިޔަސް ކުރިއަށް އޮތް ތަނުގައި ވެސް ޖޭޕީ އޮންނާނީ ސަރުކާރުގެ ކޯލިޝަން ދެމެހެއްޓުމުގައި ކަމަށެވެ. މަޖިލިސް އިންތިޚާބާ ގުޅިގެން ޖޭޕީން އަމަލުކުރަމުންދާ ގޮތާ ގުޅޭ ގޮތުން އުފައްދަނީ ޖަވާބު ނޭނގޭ ސުވާލެއްތޯ އަމީން އެއްސެވި އެވެ.

އަމީން ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ސޮއި ކުރެއްވި ކޯލިޝަން އެއްބަސްވުން އެ ޕާޓީން ދޫކޮށްލުމުން މަޖިލިސް އިންތިޚާބުގައި ޖޭޕީން އެހެން ގޮތެއް ހޯދަން މަޖުބޫރުވީ ކަމަށެވެ. އޭގެ އަސަރު ފޮނި ނުވެދާނެ ކަން ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުން ވެސް ގަބޫލުކުރެއްވި ކަމަށް އަމީން ވިދާޅުވި އެވެ.

"މީގެ ސަބަބުން ގޯހެއް ވި ނަމަ ޒިންމާ ނަންގަވަން ޖެހޭނީ ކޮން ބޭފުޅަކަށްތޯ،" އޭނާ ސުވާލު އުފެއްދެވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެ ވަޑައިގަންނަވާ ވައުދަކީ ސަރުކާރު ކޯލިޝަންގެ ވައުދެވެ. މަޖިލީސް އިންތިޚާބާ ގުޅުވައިގެން ވަކި ޕާޓީއަކުން ވާ ވައުދެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ވައުދުތައް ފުއްދުމަށް ކޯލިޝަންގެ ލީޑަރުން ދެމިތިއްބަވާނެ. ވީމާ، ވައުދު ފުއްދާކަށް ކޯލިޝަންގެ ވަކި ޕާޓީއެއްގެ ކެންޑިޑޭޓުން ހޮވާކަށް ނުޖެހޭ،" އަމީން ވިދާޅުވި އެވެ.

ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފެދުނީ މަޖިލިސް އިންތިޚާބަށް ގުޅިގެން މަސައްކަތް ކުރުމަށް ވި އެއްބަސްވުމާ އެމްޑީޕީން ޚިލާފު ހުރިހާ ގޮނޑި އަކަށް ވާދަކުރަން އެމްޑީޕީން ފާސްކުރުމުން ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ. މި މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވަނީ އެމްޑީޕީ އަށް އަދި ޚާއްސަކޮށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ގިނަ ފަހަރު ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ.