Roadha Mihaaru

ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ އަށް

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގެ ތެރޭގައި، ޕީޕީއެމާއި އެމްޑީއޭ ގުޅިގެން، އޮގަސްޓް 20، 2013ގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ؛ "މި ރިޔާސީ އިންތިހާބު މި އެނބުރެނީ އިތުބާރުގެ މައްޗަށް. ރައްޔިތުން އިތުބާރު ކުރަންވީ ކޮން ސިޔާސީ ލީޑަރަކަށްތޯ؟ ރައްޔިތުން އިތުބާރު ކުރަންވީ ކޮން ކަމަކަށްތޯ؟"

ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ
އަހުމަދު އަބުދުﷲ ސައީދު
އަހުމަދު އަބުދުﷲ ސައީދު

01 ނޮވެމްބަރ 2016

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގެ ތެރޭގައި، ޕީޕީއެމާއި އެމްޑީއޭ ގުޅިގެން، އޮގަސްޓް 20، 2013ގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ؛ "މި ރިޔާސީ އިންތިހާބު މި އެނބުރެނީ އިތުބާރުގެ މައްޗަށް. ރައްޔިތުން އިތުބާރު ކުރަންވީ ކޮން ސިޔާސީ ލީޑަރަކަށްތޯ؟ ރައްޔިތުން އިތުބާރު ކުރަންވީ ކޮން ކަމަކަށްތޯ؟"

މިއަދު އަޅުގަނޑުމެންގެ ހިތުގައި ވެސް އުފެދެނީ ރައީސް ޔާމީން އެ ދުވަހު ކުރެއްވި އެ ސުވާލުތަކެވެ. މީގެ ތިން އަހަރު ކުރިން ރިއާސީ އިންތިހާބު އައިސް އަޅުގަނޑުމެންނާ އަރައި ހަމަކުރި އިރު، އަޅުގަނޑުމެންގެ ކުރިމަތީގައި ސިޔާސީ އެތައް ލީޑަރުންނެއް ތިއްބެވި އެވެ. ނަމަވެސް މިއަދު އެކަން އޮތީ އެ ގޮތަށްތޯ އެވެ؟ މިއަދު ރައްޔިތުންގެ ކުރިމަތީގައި - އިންތިހާބުގައި ވާދަކުރެވޭ ހާލަތުގައި - މާ ގިނަ ސިޔާސީ ލީޑަރުންނެއް ނެތެއް ނޫންތޯ އެވެ! މިއަދު ވެސް ރައްޔިތުން ބޭނުންވަނީ އިތުބާރު ކުރެވޭ ލީޑަރަކަށެވެ. އަޅުގަނޑުމެން އިތުބާރު ކުރަން ހުންނެވީ މަނިކުފާނު އެކަންޏެވެ. އަޅުގަނޑުމެން އިތުބާރު ކުރަންވީތޯ އެވެ؟ އެހެންކަމަށް ވާ ނަމަ އިތުބާރު ކުރަންވީ ކޮން ކަމަކަށްތޯ އެވެ؟

މި މަހުގެ 26 ވަނަ ދުވަހު ށ. ކަނޑިތީމުގައި ވާހަކަފުޅު ދައްކަވަމުން މަނިކުފާނު ވިދާޅުވީ ވެރިކަމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މީހަކު ހޮވެނީ ވަކި މީހެއްގެ ފޮޓޯގަނޑެއް ހިފައިގެން ނުކުތުމުން ނޫން ކަމަށާއި އެއީ އުސޫލްތަކަކާއި ޕާޓީން ކޮށްދޭން އުޅެނީ ކީއްކަން ވިސްނައިދީގެން ކުރާ ކަމެއް ކަމަށެވެ. އޭގެ އިތުރުން ވިދާޅުވީ "ޑިމޮކްރަސީއަކީ އެއްގޮތަކަށް ވެސް ވަކި ބަޔަކު ވަށައި އެނބުރޭ އެއްޗަކަށް ވެގެން ނުވާނެ" ކަމަށެވެ. އަދި އެ ގޮތަށް މީހަކު ވަށައިގެން އެނބުރޭ ނަމަ، މި ވަގުތު އެނބުރެން ޖެހޭނީ ތިމަން މަނިކުފާނުގެ ވަށައިގެން ކަމަށާއި އެއީ ވެރިކަމުގައި ހުންނެވީ ތިމަން މަނިކުފާނު ކަމަށް ވީތީ އެވެ.

ޑިމޮކްރަސީއަކީ ވަކި ބަޔަކު ވަށައިގެން އެނބުރޭ އެއްޗަކަށް ނުވާ އިރު، ރާއްޖެ އަށް ގެނެވިފައި މި އޮތީ ޑިމޮކްރެސީއެއްތޯ، ސިޔާސީ ކޮންމެ ބޭފުޅަކު ވެސް އަމިއްލަ ނަފްސާ ސުވާލު ކޮށްލެއްވުން ރަނގަޅެވެ. އެހެނީ، ވެރިކަމުގެ ވަށައިގެން އެނބުރުމުގެ ފިކުރު އާންމު ރައްޔިތުންގެ ސިކުނޑިތަކުގައި އުފެދިފައި ނެތީމަ އެވެ. ވެރިކަމުގައި ހުންނަވާ ބޭފުޅަކު ކޮންމެ ކަމެއް ކުރެއްވިޔަސް "ހާދަ ފުރިހަމައޭ" ވިދާޅުވެ ވަށައިގެން އެނބުރެން ތިބޭނީ ސިޔާސީ ބޭފުޅުންނެވެ. ވިރާސީ ރަސްކަމުން ފެށިގެން މިއަދާ ހަމައަށް ވެސް އޮތީ އެ އާދަ އެވެ.

މި އަހަރު ކުރީކޮޅު ރައީސް ޔާމީން ދ. ކުޑަހުވަދު އަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

މި އަހަރު ކުރީކޮޅު ރައީސް ޔާމީން ދ. ކުޑަހުވަދު އަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

އޭގެ ބަދަލުގައި އާންމު ރައްޔިތުންނަށް ދަސްވެފައި އޮތީ، ވެރިކަމުގައި ހުންނަވާ ބޭފުޅަކު ހިންގަވާ މަގަށް ފާރަލައި ބެލުމެވެ. ފިޔަވަޅު އަޅުއްވަނީ ސީދަލަށްތޯ ކައްޗަށްތޯ ބަލައި، އެކަމަށް ފާޑުކިޔުމެވެ. ކަތި ފިޔަވަޅެއް އަޅުއްވާ ނަމަ، ރައްޔިތުން ވެރިކަމާ ނުރުހޭކަން ފާޅުކުރެ އެވެ. މިހާރުގެ ގާނޫނުއަސާސީ އެކުލަވައިލަން ޖެހުނީ ވެސް އެފަދަ ފާޑުކިޔުންތަކެއް، ތޮށިގަނޑު ފަޅާލާފައި ބަންޑުންވި ހިސާބުންނެވެ.

އާންމު ރައްޔިތުންގެ ސިޔާސީ ވިސްނުން ހުރި ގޮތް އެންމެ ފުރަތަމަ އަންދާޒާ ކުރެވުނީ 2008 ގެ ރިއާސީ އިންތިހާބާއި 2009 ގެ އާންމު އިންތިހާބުގެ ތެރޭގަ އެވެ. އަދި އާންމުންގެ ސިޔާސީ އޮއިވަރު އެނބުރެމުން ދަނީ މައިގަނޑު ތިން ނާރެހެއްގެ ވަށައިގެން ކަން ކަށަވަރުވީ 2013ގެ ރިއާސީ އިންތިހާބާއި 2014ގެ އާންމު އިންތިހާބުންނެވެ.

އެއީ ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމްޑީޕީގެ މުހައްމަދު ނަޝީދު އެވެ. އަދި ޖުމްހޫރީ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ. ދިވެހި ރައްޔިތުންގެ ސިޔާސީ ފިކުރު މިއަދު އެނބުރެމުން ދަނީ މި ތިން ބޭފުޅުންގެ ވަށައިގެން ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެ ތިން ބޭފުޅުން ނޫނީ، އެމީހެއްގެ ބަހަށް އާންމު ރައްޔިތުންގެ ވޯޓު ބަދަލުކޮށްލާނެ އެހެން އެއްވެސް ބޭފުޅަކު އަދި ނެތެވެ.

ޕީޕީއެމްގެ ރައީސް މައުމޫން މިދިއަ އާދިއްތަދުވަހު ޖޭޕީގެ ލީޑަރު ގާސިމްއާ ސަލާމްކުރައްވަނީ: އާންމުންގެ ގިނަ ބައެއްގެ ތާއީދު ލިބިވަޑައިގެންފައިވޭ -- ފޮޓޯ: ނިޝާން އަލީ /މިހާރު

ޕީޕީއެމްގެ ރައީސް މައުމޫން މިދިއަ އާދިއްތަދުވަހު ޖޭޕީގެ ލީޑަރު ގާސިމްއާ ސަލާމްކުރައްވަނީ: އާންމުންގެ ގިނަ ބައެއްގެ ތާއީދު ލިބިވަޑައިގެންފައިވޭ -- ފޮޓޯ: ނިޝާން އަލީ /މިހާރު

ރައީސް މައުމޫނަށް އޮތް ތާއީދުގެ ސިއްރަކީ އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި ދިވެހިން ހާސިލްކުރި ތަރައްގީ އާއި ކުރިއެރުމާއި އެމަނިކުފާނުގެ އަޚްލާގާއި އަބުރުވެރިކަމާއި ހިތްހެޔޮ ކަމެވެ. ރައީސް ނަޝީދުގެ ފަހަތްޕުޅަށް ވަނީ، 30 އަހަރަށް ފަހު ބަދަލަކަށް ބޭނުންވެއްޖެ ކަމަށް ގަބޫލުކުރި އެންމެނާއި އެމަނިކުފާނުގެ ކިބައިގައި ހުންނަ އާދައިގެ މިޒާޖާއި އެންމެންނާ ގުޅުމުގެ ސިފަ އާއި، ވެރިކަމާ ދެކޮޅަށް ފާޅުގައި ބަސް ބުނުމުގެ ހިތްވަރަށް ތާއީދުކުރާ އެންމެންނެވެ. ގާސިމްގެ ފަހަތްޕުޅުގައި ގިނައިން ތިބީ، ގާސިމްގެ ދީލަތިކަމުގެ ސަބަބުން އޭނާ އަށް ލޯބި ޖެހިފައިވާ މީހުންނެވެ.

ވެއަތުވެ ދިޔަ ދެ ރިއާސީ އިންތިހާބު ވަނީ މި ހަގީގަތް ފިސާރި ރަނގަޅަށް ސާބިތުކޮށްދީފަ އެވެ. އެ ދެ ރިއާސީ އިންތިހާބުގެ ވެސް ނަތީޖާ ނެރެވުނީ، ހިސާބުގެ ހަމަތަކުން ބަލާއިރު، ތިން ބައިކުޅަ ދެ ބައިގެ ނަޒަރިއްޔާ އިންނެވެ. ރައީސް މައުމޫނުގެ ވެރިކަން 2008 ގައި ނިމުމަކަށް ގެނެވުނީ، ތިން ބައި (މައުމޫން، ނަޝީދު، ގާސިމް) ވަކިވަކިން އޮތުމަށް ފަހު، އޭގެ ތެރެއިން ދެ ބައި (ނަޝީދު، ގާސިމް) އެކުވި ހިސާބުންނެވެ. އޭގެ ފަސް އަހަރު ފަހުން 2013ގައި ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބު ކުރެވުނީ ވެސް ހަމަ އެ ނަޒަރިއްޔާގެ އެހީގަ އެވެ.

އެ އިންތިހާބުގައި ފުރަތަމަ ވާދަކުރެއްވީ ރައީސް ޔާމީނާއި ގާސިމާއި ރައީސް ނަޝީދު ވަކިވަކިންނެވެ. ފުރަތަމަ ބުރުން ނަތީޖާ ނުނެރެވުމުން ދެ ވަނަ ބުރުގައި ރައީސް ޔާމީންގެ ކޮޅަށް ނަތީޖާ ބުރަވީ ގާސިމް ގުޅިވަޑައިގަތުމުންނެވެ. ތިން ބައިކުޅަ ދެ ބައިގެ ހަގީގަތަކީ މިއެވެ. އަދި އެ އިންތިހާބުގައި ރައީސް ޔާމީން، މެނިފެސްޓޯގެ އިތުރުން އާންމު ރައްޔިތުންނަށް ވިސްނައިދެއްވި މައިގަނޑު ޝިއާރަކީ "ރައީސް މައުމޫން" އެވެ. އިންތިހާބުގެ މުޅި ކެމްޕޭންގައި ވެސް، ރައީސް ޔާމީންގެ ކެމްޕޭން ޓީމުގެ ސްލޯގަންއަކީ ރައީސް މައުމޫންގެ ސިޔާސަތާއި އެމަނިކުފާނު ގެނެސްދެއްވި ތަރައްގީ އާއި ކުރިއެރުމެވެ.

ރައީސް ޔާމީންގެ ފެކްޝަންގެ ފަރާތުން ޓޫރިޒަމް މިނިސްޓަރު ޒަމީރު، ގާސިމްއާ ބައްދަލުކުރެއްވުމަށް ފަހު އޭނާގެ ގެއިން ނުކުމެވަޑައިގަންނަވަނީ: ގާސިމްގެ ސަޕޯޓް ސިޔާސީ ގޮތުން މުހިންމު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީންގެ ފެކްޝަންގެ ފަރާތުން ޓޫރިޒަމް މިނިސްޓަރު ޒަމީރު، ގާސިމްއާ ބައްދަލުކުރެއްވުމަށް ފަހު އޭނާގެ ގެއިން ނުކުމެވަޑައިގަންނަވަނީ: ގާސިމްގެ ސަޕޯޓް ސިޔާސީ ގޮތުން މުހިންމު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަމަ އެފަދައިން 2009 އަދި 2014 ގެ އާންމު އިންތިހާބުގައި ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރީ ވެސް މި ދެންނެވި ތިން ބޭފުޅުންގެ ފޮޓޯ ހިފައިގެން ނުކުމެގެންނެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދާއި ގާސިމްގެ ފޮޓޯ އެވެ. މި ހަގީގަތް އެންމެ ރަނގަޅަށް އެނގިވަޑައިގަންވާނީ ރައީސް ޔާމީނާއި މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނަށެވެ. އެހެންކަމުން އޭރު ވެސް އާންމު ރައްޔިތުން އެނބުރުނީ ވަކި ބައެއްގެ ފަހަތުންނެވެ. އެ މީހުން ވޯޓު ދިނީ ވަކި ފޮޓޯގަނޑެއް ހިފައިގެން ނުކުތުމުންނެވެ.

އެ އާދަ ބަދަލުކޮށްލުމުގެ ފުރުސަތު މިއަދު އޮތީ ރައީސް ޔާމީންގެ އަތްޕުޅުގަ އެވެ. މިއަދު ތިޔަ ހުންނެވީ މަނިކުފާނުގެ ފަހަތްޕުޅަށް އާންމު ރައްޔިތުން ގެނައުމުގެ ފުރުސަތު ލިބިވަޑައިގެންފަ އެވެ. ނަމަވެސް ގަބޫލުފުޅު ކުރައްވަންވީ، ވެރިކަމުގައި އަދި ހުންނެވުމަކުން ފަހަތްޕުޅަށް ދާނެ މީހުން ކުއްލިއަކަށް އިތުރުނުވާނެ ކަމެވެ. ވެރިކަމުގައި ހުންނެވީތީ ތާއީދުކުރާނޭ ނަމަ، 2012 ގައި ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު ނުނިކުތީހެވެ.

އެހެންކަމުން ރައްޔިތުން މަނިކުފާނު ދޫކޮށްފައި ނުދާނެ ވަރުގެ ނަތީޖާއެއް ނެރެ ދެއްވަންވީ ވަގުތަކީ މި އެވެ. އެހެން ހުރިހާ ސިޔާސީ ލީޑަރުން ދޫކޮށްލާފައި މަނިކުފާނުގެ އޮޑި އަށް އާންމު ރައްޔިތުން ގެނެވޭނީ ކޮން ކަހަލަ ޖާދޫއެއްގައި ޖައްސައިގެން ކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ހަމަ މަނިކުފާނަށެވެ. މަނިކުފާނަކީ ވެސް، ރައީސް މައުމޫނާއި ރައީސް ނަޝީދާއި ގާސިމް އިބްރާހީމް ފަދަ ނުވަތަ އެ ބޭފުޅުންނަށް ދޫނުކުރާ ވަރުގެ ސިޔާސީ ޒައީމެއް ކަން ސާބިތުކޮށްދެއްވަންވީ އެވެ. މަނިކުފާނުގެ ފަހަތްޕުޅަށް އެންމެން އެކުގައި ދާންވީ ސަބަބެއް އުފައްދަވައި އެކަން ގަބޫލުކުރާ ވަރު ކޮށްދެއްވާށެވެ!