ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމާ ދެކޮޅަށް، ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިކުންނެވުމާ އެކު ސިޔާސީ މަސްރަހު މިއޮތީ މުޅިން ބަދަލުވެފަ އެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ފުޅާ ކޯލިޝަން ވިއްސިވިހާލިވެ، އެމަނިކުފާނު ވަކިވެވަޑައިގެންނެވިއިރު ސިޔާސީ ގޮތުން ބުރަދަނެއް ހުރި ފަރާތެއް ރައީސް ޔާމީނާ އެކު މިހާރު ނެތް ކަމަށް އެތައް ބަޔަކު ގަބޫލުކުރެ އެވެ. ރައީސް މިހާރު ހުންނެވީ "ގިނިކަންޏާ" ކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވަނީ އެހެންވެ އެވެ.
01 ނޮވެމްބަރ 2016
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމާ ދެކޮޅަށް، ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިކުންނެވުމާ އެކު ސިޔާސީ މަސްރަހު މިއޮތީ މުޅިން ބަދަލުވެފަ އެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ފުޅާ ކޯލިޝަން ވިއްސިވިހާލިވެ، އެމަނިކުފާނު ވަކިވެވަޑައިގެންނެވިއިރު ސިޔާސީ ގޮތުން ބުރަދަނެއް ހުރި ފަރާތެއް ރައީސް ޔާމީނާ އެކު މިހާރު ނެތް ކަމަށް އެތައް ބަޔަކު ގަބޫލުކުރެ އެވެ. ރައީސް މިހާރު ހުންނެވީ "ގިނިކަންޏާ" ކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވަނީ އެހެންވެ އެވެ.
ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރައްވައި މައުމޫން ވެސް ތަކުރާރުކުރެއްވީ އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތަކެވެ. ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ތިން ބާރު އެއް ބޭފުޅެއްގެ "މުށު ތެރޭގައި ފިއްތާފައިވާ" ކަމަށް ވިދާޅުވި އެވެ. ޕީޕީއެމްގެ ސަރުކާރުން، ރައްޔިތުންނަށް ނުހައްގު އަނިޔާތައް ދީ، ހައްގުތައް ނިގުޅައިގަނެފައިވާ ކަމުގެ ހިތާމަފާޅުކުރެއްވި އެވެ.
މިކަންކަން އިސްލާހުކޮށް، ސަރުކާރު ހަމަ މަގަށް އަޅުވަން އިދިކޮޅު ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ވެސް ކޮށްފި އެވެ. ފުރަތަމަ އެކަން ކުރީ އިދިކޮޅު އެމްޑީޕީންނެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިގެންނެވެ. އެ މަސައްކަތުގައި އަދާލަތު ޕާޓީން ވެސް އެއްބާރުލުން ދިނެވެ. އެކަން ކާމިޔާބު ނުވުމުން މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އުފައްދައިގެން ވެސް މި ކުރަނީ އެއް މަސައްކަތެކެވެ. އެކަމަކު ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުވުން ފިޔަވައި އެހެން މަގްސަދެއް މިހާތަނަށް ހާސިލެއް ނުވެ އެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ދެކޮޅަށް އުފައްދާފައިވާ އިދިކޮޅު އިއްތިހާދުގެ ލީޑަރުންތަކެއް ސިޔާސީ ބައެއް ބޭފުޅުންނާ އެކު ލަންޑަންގައި. - ފޮޓޯ: ރިޔާޒް ޓްވިޓާ
އެންމެ ފަހުން، މައުމޫން ވެސް ނިކުމެވަޑައިގެން ކުރައްވަން މިއޮތީ ހަމަ އެ މަސައްކަތްޕުޅެވެ. ބަދަލަކަށް މަގެއް ކޮށްޓެވުމެވެ.
މައުމޫނާ ގާތް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިއުމާއި ނިޒާމްތައް މަސްހުނިވެފައި އޮތް އޮތުން ހައްލު ކުރެއްވުމުގެ ޒިންމާ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅިފައިވާ ކަމަށް މައުމޫން ގަބޫލުފުޅުކުރައްވަ އެވެ.
"ރައީސް މައުމޫންގެ މިވަގުތު ވިސްނުންފުޅު ގެންގުޅުއްވަނީ ރައްޔިތުންނަށް އުނިކަން ލިބެމުންދާ ކަންކަން ރަނގަޅު ކުރަން. އެމަނިކުފާނު ފަހަތަށް ފިޔަވަޅު އަޅުއްވަނީ ކަންކަން ރަނގަޅު ކުރެއްވުމުގެ ނިޔަތާ އެކު. ސިޔާސީ ތަޖުރިބާއާ އެކު އެކަން ކާމިޔާބު ކުރައްވާނެ،" މައުމޫން ފެކްޝަންގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
މައުމޫން، ގާސިމަށް ބައިއަތު ހިއްޕެވުމަކީ ސިޔާސީ މައިދާނުގައި، ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގަންނަވާނެ ބިރެކެވެ. މައުމޫނާ އެކު އުފެދުނު މައްސަލަތަކުގައި ދެން ވާނެ ގޮތަކާ މެދު، ރައީސް ޔާމީން ހިސާބު ހެއްދެވިއިރު، މައުމޫން، ގާސިމާ ގުޅުން ބަދަހިކުރައްވާނެ ކަމަށް ޔަގީން ކުރެއްވި އެވެ. މައުމޫނާ ޖެހުނު މައްސަލަތަކުގެ އުދާސްތައް ބޭރު ކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުންނާ އެ ވާހަކަ ކޮންމެވެސް ވަރަކަށް ހިއްސާ ވެސް ކުރެއްވި އެވެ.
ތާއީދު އަނބުރާ ގެންދަވައި 2018 ގެ އިންތިހާބުގައި މައުމޫން ހުންނަވާނީ ޖުމްހޫރީ ޕާޓީއާ އެކު ކަމަށް މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނުސީދާކޮށް ރައީސް ޔާމީން ވިދާޅުވި ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި، ޕީޕީއެމްގެ މަޖިލިސް މެމްބަރަކު ވިދާޅުވި އެވެ.
"ރައީސް މައުމޫން ވިސްނުން ގެންގުޅުއްވަނީ، ގާސިމާ ދިމާލަށް ކަމަށް ވިދާޅުވި. ދެން އޮންނަ އިންތިހާބުގައި އެކަން ފެނުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވި،" މެމްބަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން ކުނޫޒްގައި ޖޭޕީގެ ލީޑަރު ގާސިމާ ސަލާމްކުރައްވަނީ: މައުމޫން ވިދާޅުވީ އެ ޕާޓީއާ އެކު ފެށުނީ ވަރަށް މުހިންމު ކަމެއް ކަމަށް. ފޮޓޯ: ނިޝާން އަލީ /މިހާރު
ރައީސް ޔާމީންގެ ވިސްނުންފުޅު ސީދާ ވެއްޖެ އެވެ؛ ގާސިމާ އެކުގައި މަސައްކަތްޕުޅު ކުރައްވަން އެމަނިކުފާނުގެ ކައުންސިލް މެމްބަރުންނާ އެކު މައުމޫން ބައްދަލުވުމެއް ވެސް ބާއްވަވައިފި އެވެ. ބައްދަލުވުމަށް ފަހު، ނުސީދާ މެސެޖްތަކެއް ވެސް ރައީސް ޔާމީނަށް ދެއްވި އެވެ. އެއް ކަމެއްގެ ގޮތުގައި މައުމޫން ވިދާޅުވީ އެމަނިކުފާނުގެ މިސްރާބަކީ ފުޅާ ކޯލިޝަނެއް ހެއްދެވުން ކަމަށެވެ. ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި އިސްލާހަށް ލޯބިކުރާ އެހެން ފަރާތްތައް ވެސް ބައިވެރިކުރާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ ފަހުން، ދެން ވިދާޅުވީ ގުޅުން ބަދަހިކޮށް "މި ފެށުނީ ވަރަށް މުހިއްމު މަސައްކަތްތަކެއް" ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވީޓީވީގައި ވިދާޅުވީ މައުމޫނާއި ގާސިމް ގުޅިވަޑައިގެން ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ކަނޑައަޅަން މަޝްވަރާ ބައްދަލުވުންތަކެއް އަދިވެސް ބާއްވާނެ ކަމަށެވެ. ހުރިހާ ބާރުތަކެއް "އަތަށް ކަހާލައި، ބިރު ދައްކައިގެން" ސަރުކާރުން ކަންކަން ކުރާއިރު، އެކަން ބަދަލުކުރެވޭނީ ގުޅިގެން ކުރާ މަސައްކަތުން ކަން ގާސިމާއި ޖުމްހޫރީ ޕާޓީން ވެސް ގަބޫލުކުރާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން މި ގައުމުގައި ތިއްބެވި އެންމެ ފުންނާބު އުސް ބޭފުޅުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އަދި ރައީސް މައުމޫން. މި ތިން ބޭފުޅުން އެކުވެގެން ގައުމު ހަމައަށް އެޅުވުމުގެ ކަންކަން ކުރެއްވޭނެ، އެ ބޭފުޅުންނަކީ އިންތިހާބުތަކަށް ބަލާއިރު ޕޮޕިއުލޭޝަން މޫވް ކުރައްވާ ބޭފުޅުންނަކީ،" ރިޔާޒް ވިދާޅުވި އެވެ.
"ފައިސާ ހުރެގެން، ރައްޔިތުންގެ ތާއީދު ނެތް ވެރިޔަކު ކިތަންމެ ކަމެއް ކުރެއްވިއަސް އެކަންކަން ބަދަލުކުރެވޭނެ، ރައްޔިތުންގެ އަތުގައި ބާރުވެރިކަން އޮތީ."
ޕީޕީއެމްގެ މައުމޫން ފެކްޝަންގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މައުމޫން ވިސްނުންފުޅު ގެންގުޅުއްވަނީ ފުރަތަމަ ގައުމާ މެދުގަ އެވެ. ގާނޫނުއަސާސީއާ ހިލާފަށް ގިނަ ގާނޫނުތަކެއް މަޖިލީހުން ފާސްކޮށް، ބާރުތައް މަސްހުނިކޮށް ކޮރަޕްޝަން އާއްމުކޮށްފައިވާއިރު ފުރަތަމަ އަމާޒަކީ ހެދުނު ގޯސްތައް ރަނގަޅު ކުރުން ކަމަށް މެމްބަރަކު ވިދާޅުވި އެވެ.
މައުމޫންގެ އަތްޕުޅުން ޕާޓީ "ފޭރިގަތުން" އެއީ، މި ސަރުކާރުން ދިވެހި ރައްޔިތުންނާ މެދު ކަންކަން ކުރި ގޮތަށް ބަލާއިރު، މާ ފަހުގެ މަރުހަލާއެއްގައި ހައްލަކާ ހަމައަށް ދާން ޖެހޭ މައްސަލައެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް މައުމޫން ފެކްޝަނުގެ ބޭފުޅުން ވިދާޅުވެ އެވެ.
މައުމޫން ފެކްޝަނާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ވާހަކަތަކަށް ބަލާއިރު އެންމެ ފުރަތަމަ ކުރަން ރާވާފައި އޮތް ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރުމެވެ. އޭގެ ފަހުން އޮތީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މަޖިލިހުން ކަނޑައަޅާފައިވާ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވަކިކުރުމެވެ. ރައީސް މައުމޫން ފެކްޝަނުން އެ މަސައްކަތް މިހާރު ކުރިއަށް އެބަ ގެންދެ އެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ވޯޓު ނަގަނީ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން މިހާރު ތިއްބެވީ މައުމޫން ފަޅީގައި. --ފޮޓޯ:އިމްތިޔާޒު ފަހުމީ
މަސީހު އާއި ރިޒާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެކަމަށް ނަގާ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަޖިލީހުގެ މެމްބަރެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، އެމަގާމުން އެމީހަކު އިސްތިއުފާ ދޭން މަޖުބޫރުވާނެ އެވެ.
ރިޔާޒު ވިދާޅުވީ މެމްބަރުންތަކަކަށް ބިރުދެއްކުން ނުވަތަ ހައްޔަރުކުރުން ކަހަލަ ކަމެއް ނުކުރާ ނަމަ، މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބުވާނެ ކަމަށެވެ.
"ރައީސް ޔާމީން ފެކްޝަނުގެ ބައެއް މެމްބަރުން ވެސް އެބަ ތިއްބެވި މި ކަމަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފައި. މަސީހަކީ އެހާ ޕޮޕިއުލަ ބޭފުޅެއް ނޫން އެބޭފުޅުންގެ ތެރޭގައި ވެސް. އެމަނިކުފާނަކީ ހމައެކަނި ސަރުކާރު ބޭނުންވާ ގޮތަށް ވުރެން ބޮޑަށް މުޅި ގައުމާ މެދު ވެސް ވިސްނަން ޖެހޭ ބޭފުޅެއް. އެމަނިކުފާނުގެ ލީޑަޝިޕްގައި މިހާ ގޯސްކޮށް ކަންތައް މި ދިޔައީ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާއި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅަން ފާސްކުރި ގާނޫނުތަކުގެ އިތުރުން މާލިއްޔަތު ގާނޫނާއި ޓޫރިޒަމްގެ ގާނޫނަށް ގެނައި ނުބައި އިސްލާހުތައް ރަނގަޅު ކުރަން ވެސް މަސައްކަތް ކުރާނެ އެވެ. އެ ކަންކަމަށް ފަހު، އެ ގުޅުމުގެ ތެރެއިން، ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމާ މެދު ވެސް ވާހަކަ ދެކެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އިސްލާހީ މަސައްކަތުގައި ޖަވާބު މުޅިން ކަށަވަރު ނުވާ ސުވާލުތަކެއް އެބަ ހުއްޓެވެ. ހެދި ގޯސްތައް އިޔާދަކުރަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ހުރިހާ މެމްބަރުން ތައްޔާރު ހެއްޔެވެ؟ އެ ކެރުންތެރިކަން މެމްބަރުންގެ އެބަހުރި ހެއްޔެވެ؟
ރައީސް ޔާމީންގެ ސިޔާސަތުތަކާ ދެކޮޅު ހައްދަވައި މަދު މެމްބަރުންތަކެއް ނިކުމެވަޑައިގެން ދެއްކެވި ނަމޫނާ އިން ހިތްވަރު ލިބިވަޑައިގެން ހުވަޔާ އެއްގޮތަށް، ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ތަން ފެނިދާނެ ހެއްޔެވެ؟
އެއް ކަމެއް ވަރަށް ސާފެވެ؛ ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެއް މައުމޫން ފަޅި އަށް އެރުމާ އެކު ސަރުކާރުގެ ސާފު އަޣުލަބިއްޔަަތަށް މި ވަނީ ބުރޫ އަރައިފަ އެވެ. ކުރިން ކެރިވަޑައިނުގަތަސް، ރައީސް ޔާމީން ނެރުއްވާ ވިޕްލައިނުގައި ރަތަށް ފިއްތަވާނެ މެމްބަރުންތަކެއް މިހާރު އެބަ ތިއްބެވި އެވެ.
މައުމޫން ފެކްޝަނުގައި ތިއްބެވި މަޖިލިސް ބައެއް މެމްބަރުން. --ފޮޓޯ: މުހައްމަދު ޝަރުހާން
މަޖިލީހުގެ ހަތް މެމްބަރަކު މައުމޫނާ އެއްކޮޅަށް ތިއްބެވިއިރު އެ ފަޅިއަށް ތާއީދުކުރައްވާނެ ކަމަށް ބެލެވޭ ޖޭޕީގެ ހަތް މެމްބަރުންނާއި އެމްޑީޕީގެ 21 މެމްބަރުންނާއި މިހާރު ޖަލަށް ލާފައިވާ އަހުމަދު މަހުލޫފް އާއި އެމްޑީއޭގެ މެމްބަރު ހުސެން އަރީފް އަދި އަދާލަތު ޕާޓީގެ އަނާރާ ނައީމް ހިމެނުމުން ޖުމްލަ 39 އަށް އަރަ އެވެ. މީގެ އިތުރުން ސިއްރިއްޔާތުގައި މައުމޫނަށް ތާއީދުކުރައްވާ މެމްބަރުންތަކެއް ވެސް އެބަ ތިއްބެވި އެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި އިސްލާހަށް ކުރާ މަސައްކަތުގައި މައުމޫނާއި ނަޝީދު އަދި ގާސިމަށް އެއްބަސްވެވޭ އެޖެންޑާއެއް އެކުލަވާލެވިއްޖެ ނަމަ މަޖިލީހުގެ މެޖޯރިޓީ ރައީސް ޔާމީނަށް ގެއްލޭނެ އެވެ.
"ރައީސް ޔާމީން އަރިހުގައި ތިއްބެވި ނަމަވެސް މަޖިލީހަށް ހުށަހަޅާ ކަންކަމަށް ތިމަންނަމެން ތާއީދުކުރައްވާނަމޭ ވިދާޅުވާ މެމްބަރުން މިހާރު ވެސް އެބަ ތިއްބެވި،" ރިޔާޒު ވިދާޅުވި އެވެ.
މައުމޫނާއި އިދިކޮޅު ފަރާތްތަަކަށް ވެސް އޮތް ހަމައެކަނި އުއްމީދަކީ މަޖިލީހެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ބަދަލަކަށް ފުރުސަތު ބޮޑެވެ. ރާއްޖެ އަށް އަނެއްކާވެސް ބޮޑެތި އިސްލާހުތަކެއް ގެންނަން ފުރުސަތު ހުޅުވޭނެ އެވެ.
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
އިބޫއަކީ ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް
އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ އަލުން ފަށަނީ
ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ
އިދިކޮޅު ކެންޑިޑޭޓެއް ދައްކާނީ ކޮން އިރަކުން؟
ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ: ނަޝީދު