Roadha Mihaaru

އިބޫ އަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް: ރައީސް ޔާމީން

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން އަންގަވާ ގޮތަކަށް ކަން ކުރައްވަން ހަމަޖައްސަވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

އިބޫއަކީ ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

19 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން އަންގަވާ ގޮތަކަށް ކަން ކުރައްވަން ހަމަޖައްސަވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

އަންނަ އާދިއްތަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީން، އެމަނިކުފާނަށް ތާއީދުކުރާ އެތައް ހާސް ބަޔަކާ އެކު، މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބޫ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ހިޔަނީގައި" މަސައްކަތް ކުރައްވާ ހަތަރު ލީޑަރުން އަންގަވާ ކަންކަން ކުރައްވަން ހުންނެވި ބޭފުޅެއް ކަމަށެވެ.

"މިއީ [ރައީސް ޔާމީން] އެއް ޝަހުސެއް. އިދިކޮޅު ކޯލިޝަނުން މި ނުކުންނަނީ ހަތަރު ވެެރިންގެ ބަސް ގަބޫލްކޮށް، ހަތަރު ވެރިން ބުނާ ގޮތަކަށް ހަމައެކަނި ކޭކު ފޮތި ފަޅާލުމަށްޓަކައި ވަޅި ހިފަހައްޓާ މީހެއް،" މާފަންނު ވެލިދަނޑު ސްޓޭޑިއަމްގައި ބޭއްވި ބިޔަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމުން މިރޭ ކުރިއަށް ގެންދާ ބިޔަ ޖަލްސާގެ ތެރެއިން: މި ޖަލްސާއަށް އެތައް ހާސް ބަޔަކު އެއްވި.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ޕީޕީއެމުން މިރޭ ކުރިއަށް ގެންދާ ބިޔަ ޖަލްސާގެ ތެރެއިން: މި ޖަލްސާއަށް އެތައް ހާސް ބަޔަކު އެއްވި.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ރައީސް ޔާމީން ވަނީ އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯ އަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

އިދިކޮޅު ކޯލިޝަން ރޫޅޭނެ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމި އޮތުމާއި ނެތުން އަދި ކޯލިޝަނަށް ކުރިމަތިވާ އެހެން މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ބަޔާން ކުރާ އެއްބަސްވުމެއްގައި ހަތަރު ލީޑަރުން ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު، ސަރުކާރަށް ލިބޭތާ 31 ދުވަހުގެ ތެރޭގައި އެ އެއްބަސްވުން މަޖިލީހަށް ހުށަހަޅައި ފާސް ކުރަންޖެހޭނެ ކަމަށް މެނިފެސްޓޯގައި ހިމަނާފައި ވެ އެވެ.

މި ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ތައްޔާރުކުރި މެނިފެސްޓޯ ރައީސް ޔާމީން މިރޭ އިފްތިތާހް ކޮށްދެއްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މި ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ތައްޔާރުކުރި މެނިފެސްޓޯ ރައީސް ޔާމީން މިރޭ އިފްތިތާހް ކޮށްދެއްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ "ދޭދޭ ފަރުދުންގެ ވަރި ކައިވެނި ސާބިތު ކުރާ ތަނެއް ނޫން" ކަމަށެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު މިހާރު އޮތީ ސަރުކާރުގައި ކަމަށް ވާއިރު، އިދިކޮޅު ކޯލިޝަނުން އެކަން ކުރާނީ ކިހިނެއްތޯ ސުވާލު އުފެއްދެވި އެވެ.

އިދިކޮޅު ކޯލިޝަނުން އެކުލަވާލާފައިވާ މެނިފެސްޓޯ އަށް ބަލާއިރު، އެ ޕާޓީތަކުގެ ލީޑަރުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިތުބާރު ނުކުރައްވާ ކަން ހާމަވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެހެން މީހުން ބޭނުންވާ ކަންކަން އިދިކޮޅުގެ މެނިފެސްޓޯގައި ނެތް ކަމަށާއި އެކަން އެހެން ކުރާކަށް އިބޫ އަށް ކެރިވަޑައި ނުގަންނަވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމުން އެތައް ސަތޭކަ ބަޔަކާއެކު މިރޭ ބޭއްވި ޖަލްސާ-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ޕީޕީއެމުން އެތައް ސަތޭކަ ބަޔަކާއެކު މިރޭ ބޭއްވި ޖަލްސާ-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވާންވީ ނޫންތީ މި ކޯލިޝަންގެ ދަށުން ދިވެހިރާއްޖޭގެ ފަޅުތައް ގާސިމަށް ނުދެއްވާނަމޭ. ކެރިވަޑައިނުގަންނަވާނެ ވިދާޅުވާކަށް،" ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ފާޑުކިޔުންތަކާ ގުޅިގެން، އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯ އަށް އަންނަނީ ބަދަލު ގެންނަމުންނެވެ. އެގޮތުން ސެކިއުލާ ވެރިކަމެއްގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ކުރިން ދެއްކުމަށް ފަހު މިހާރު ބުނަމުން ދަނީ އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދޭނެ ކަމުގެ ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ދިވެހިން އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ނުދޭނެކަން އެނގޭތީ މެނިފެސްޓޯގައި ހިމެނި ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި ރައީސް ޔާމީންގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް ނަޝީދާއި ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވަނީ އެއީ ހިދުމަތް ކުރައްވަން ފުރުސަތު ލިބި އެކަން ނާކާމިޔާބު ވެފައިވާ ބޭފުޅުން ކަމަށް ވިދާޅުވެފަ އެވެ.

އިދިކޮޅުގައި ތިއްބެވީ ކަންކަން ކުރުމުގެ ފުރުސަތު ނުލިބުމުން ނުކުރެވުނު ކަންކަން ފޫބެއްދުމަށް މުޒާހަރާކޮށް އަބުރާ ބެހޭ ބައެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަން ކުރަނީ ރައްޔިތުން މަސްތެއްގައި ޖައްސައި ނުކުރެވި ހުރި ކަންކަން ފޮރުވުމަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.