Roadha Mihaaru

އިދިކޮޅުގައި 43 މެމްބަރުން، ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 ބޭފުޅުން އެ މަގާމުން ވަކިނުވާ ކަމަށް، ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ކަނޑައަޅައި، އެ ކަން ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމާ ގުޅިގެން، ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ އެވެ.

ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

03 ފެބުރުއަރީ 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 ބޭފުޅުން އެ މަގާމުން ވަކިނުވާ ކަމަށް، ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ކަނޑައަޅައި، އެ ކަން ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމާ ގުޅިގެން، ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ އެވެ.

މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން ވެރިކަން ކުރާ ކޯލިޝަންގައި މިހާރު ތިއްބެވީ 42 މެމްބަރުންނެވެ. އެއީ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް ހިމަނައިގެންނެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި 43 މެމްބަރުން މިހާރު އެބަތިއްބެވި އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް، ވަކި ހާލަތެއްގައި ނޫނީ، މަޖިލީހުން ނިންމާ ކަންކަމުގައި ވޯޓް ނުލެވޭތީ، ވޯޓުގައި ބައިވެރިވެވޭނީ 84 މެމްބަރުންނަށެވެ. އެހެންކަމުން ވޯޓެއް ނަގާ ހާލަތުގައި ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވަން ތިއްބަވާނީ 41 މެމްބަރުންނެވެ. ސަރުކާރާ ދެކޮޅަށް ވޯޓު ދެއްވާނެ 43 މެމްބަރުން ތިއްބަވާނެ އެވެ.

އެހެންވެ، މަޖިލީހުގައި އާންމުކޮށް ނަގާ ވޯޓުތަކުގައި ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ވެސް އެންމެ ގިނަ އިން ލިބިވަޑައިގަންނަވާނީ 41 މެމްބަރުންގެ ވޯޓެވެ. އެހެންކަމުން، 50 އަށް ވުރެ ގިނަ މެމްބަރުންނާއެކު، ފަށާފައިވާ މަޖިލީހުގައި، ވެރިކަންކުރާ ކޯލިޝަނަށް އޮތް ސާފު މެޖޯރިޓީ މި ވަނީ ގެއްލިފަ އެވެ.

މަޖިލީހުގެ މެމްބަރުކަމުގެ މަގާމުން ވަކިވެފައިވާ ކަމަށް އީސީން ކަނޑައަޅާފައިވާ 12 ބޭފުޅުންނަކީ މަޖިލީހުގެ މެމްބަރުން ކަމުގައި ސުޕްރީމް ކޯޓުން ކަނޑައެޅީ މިދިޔަ ހުކުރު ވިލޭރޭ ނެރުނު އަމުރެއްގަ އެވެ. އަދި މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލު ކޮށްފި ނަމަ، ނުވަތަ ވަކިކޮށްފި ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ، އެ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރު އިއްވި ހުކުމް ވެސް އެ އަމުރުގައި ވަނީ ބާތިލްކޮށްފަ އެވެ.

އިދިކޮޅު 43 މެމްބަރުން ޕާޓީތަކަށް ބެހިފައިވާ ގޮތް

- އެމްޑީޕީ މެމްބަރުން: 21

- ޖުމްހޫރީ ޕާޓީގެ މެމްބަރުން: 7

- އަދާލަތު ޕާޓީ: 1

- ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުން އަހުމަދު މަހްލޫފް: 1

- ނޮޅިވަރަމު ދާއިރާގެ މެމްބަރު އަހުމަދު އަރީފް: 1

- ޕީޕީއެމްގައި ތިއްބެވި 12 މެމްބަރުން (ގޮނޑި ގެއްލުނު ކަމަށް އީސީން ނިންމި)

އިދިކޮޅު ފަރާތްތަކުން، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 45 މެމްބަރުންގެ ސޮޔާ އެކުގަ އެވެ. އެކަމަކު، އޭގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ސޮއި އަނބުރާ ގެންދެވި އިރު މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވަނީ ސަރުކާރާ ގުޅިވަޑައިގެންފަ އެވެ.

އެހެންކަމުން، ޕީޕީއެމްގައި ތިއްބެވި 37 މެމްބަރުންނާއި އެމްޑީއޭގައި ތިއްބެވި ފަސް މެމްބަރުންނާއެކު ސަރުކާރުގެ ކޯލިޝަނަށް 42 ވޯޓު ލިބެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަންނަ ހޯމަ ދުވަހު، ބާއްވަން ތާވަލު ކުރުމަށް ފަހު މިއަދު ވަނީ ކުއްލި ގޮތަކަށް ކެންސަލްކޮށްފަ އެވެ. ޖަލްސާ ކެންސަލް ކުރީ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 ބޭފުޅުންނަކީ އެ މަޖިލީހުގެ މެމްބަރުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، މި އަހަރުގެ ޖަލްސާތައް ކުރިއަށް ގެންދަންވާނީ އެ 12 މެމްބަރުންނާ އެކުގައި ކަމަށް ވެސް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުން ނެރުނު އެ އަމުރާ ގުޅިގެން، މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދަށް "މިހާރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ އެ މެމްބަރުންގެ މައްސަލައިގައި "ސުޕްރީމް ކޯޓުން މިހާރު އެ އޮތީ ގޮތެއް ނިންމާފައި" ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އަމުރުގައި އެ އޮތީ މެމްބަރުންކަން ކަނޑައަޅާފައި ނޫންތޯ،" އަހުމަދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން މެމްބަރުންނަށް ފޮނުވާ އެސްއެމްއެސް، އެ 12 މެމްބަރުންނަށް މިއަދު އަލުން ލިބެން ފަށާފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ. އެ ބޭފުޅުން ވިދާޅުވީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ކެންސަލް ވެފައިވާ ކަމަށް ބުނެ އެސްއެމްއެސް ލިބިފައިވާ ކަމަށެވެ.

އިދިކޮޅު ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ކުރިމަގުގައި ސަރުކާރު ދޫކުރައްވާނެ އެހެން މެމްބަރުން ވެސް އެބަ ތިއްބެވި އެވެ. އެހެންކަމުން ސަރުކާރަށް މިހާރު އޮތް އަގުލަބިއްޔަތަށް ވެސް ވަރަށް ބޮޑު ލޮޅުމެއް އެރުން ވަރަށް ކައިރި ކަމަށް، އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.