Roadha Mihaaru

ރައީސް ޔާމީން މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަކަށް ނުގެންދެވޭނެ: މޫސަ

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެކަން ފުރިހަމަކުރަން ވަގުތެއް ނެތް ކަމަށާއި އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަކިކުރުމުގެ މައްސަލަ އަށް ވަގުތެއް ނެތް: މޫސަ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

01 ނޮވެމްބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެކަން ފުރިހަމަކުރަން ވަގުތެއް ނެތް ކަމަށާއި އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުން، ރައީސް ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވަނިކޮށް، އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރު ކުރުމަށް ގޮވާލެއްވީ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުންނެވެ. އިދިކޮޅު ސިޔާސީ ހަތަރު ލީޑަރުން ތިއްބަވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕްގައި ބައެއް މެމްބަރުން ވިދާޅުވީ "މިހާރުން މިހާރަށް" އެކަން ކުރަން ޖެހޭ ކަމަށެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ޔާމީންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނެ އެއްވެސް ފުރުސަތެއް މިހާރު ނެތް ކަމަށެވެ.

އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމާއި މަޖިލީހުގެ ނައިބު ރައީސް މޫސަ ސަލާމް ކުރައްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމާއި މަޖިލީހުގެ ނައިބު ރައީސް މޫސަ ސަލާމް ކުރައްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ސަބަބެއްގެ ގޮތުގައި މޫސަ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައި އެކަން ފުރިހަމަކުރުމަށް، ކުރަން ޖެހޭ ކަންކަން ގިނަވުމުމާއި ރިޔާސީ ދައުރު ހަމަވުމުގެ ކުރިން އެ ކަންކަން ކުރަން ވަގުތު ނެތުމެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމެން 17 ދުވަސް ބާކީ އޮތް އިރު، އެމަނިކުފާނުގެ މައްސަލަ ބަލައިގަނެ، ކުރިއަށްދާން އެކަށީގެންވާ ވަގުތެއް ނެތް ކަމަށް މޫސަ ވިދާޅުވި އެވެ.

"މަޖިލީހަށް އެ މައްސަލަ ވައްދައިގެން ކުރަން ޖެހޭ ކަންކަން ގިނަ. މައްސަލައިގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއާތުތައް ފުރިހަމަ ކުރުމަށް ވެސް ވަގުތެއް މިހާރަކު ނެތް،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ރައީސް ޔާމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފި ނަމަ، މުޅި ދައުލަތް ރޫޅާލަން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ސިފަވެގެންދާނެ ކަމަށެވެ. އެކަމަކު، އެފަދަ މައްސަލައެއް މަޖިލީހަށް ވައްދަން އުޅޭ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިވަޑައިގެންފައި ނުވާ ކަމަށް މޫސަ ވިދާޅުވި އެވެ.

"އެވަރުގެ ބޮޑު މައްސަލައެއް ވައްދަން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް މަސައްކަތް ނުކުރައްވާ ކަމަށް އަޅުގަނޑަށް އޮތީ މައުލޫމާތު ލިބިފައި،" މޫސަ ވިދާޅުވި އެވެ.

"ދިވެހި ދައުލަތުގެ ހައިބަތާއި ގަދަރު ހިފެހެއްޓުމަކީ ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ބަޔަކު ކުރަން ރަނގަޅު ކަމެއް ނޫން. އަދި އެފަދަ ކަންކަމަށް ޖާގަ ދިނުމަކީ ދައުލަތް ހިންގުމަށް ތިބޭ ވެރިން ވިސްނުންތެރިކަމާއެކު ޒިންމާ ނުއުލައިފިނަމަ، އިންތިހާ އަށް ބޮޑެތި ގެއްލުންތައް ދައުލަތަށް ލިބޭނެ ކަމެއް. ތާރީހު ވެސް ހެކި ދެނީ މިގޮތަށް،"

ގާނޫނުއަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ އެއްބައި މެމްބަރުން، ސަބަބު ބަޔާންކޮށް ހުށަހެޅުމުންނެވެ. އެއީ، މިހާރު މަޖިލީހުގައި ތިއްބަވާ 85 މެމްބަރުންގެ ތެރެއިން 28 މެމްބަރުންގެ ސޮއި ލިބިގެންނެވެ.

މަޖިލިސް ބެހިފައި އޮތް ގޮތަށް ބަލާއިރު، އިދިކޮޅު މެމްބަރުންގެ އަދަދަކީ މިހާރު 45 އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ހިމަނައިގެން، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންގެ އަދަދަކީ 40 އެވެ. އެހެންވެ، ރައީސް ޔާމީން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ސޮއި ހޯދުމަކީ ފަސޭހަ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: މަޖިލިސް

ގާނޫނުއަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމަށް ހުށަހަޅާ ގަރާރު ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ ވޯޓެވެ. އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ރައީސް ޔާމީން މަގާމުން ވަކި ކުރުމަށް ބޭނުންވާ ސޮއި ހޯދުމަކީ މިހާރު "އެއްވެސް ކަމެއް ނޫނެވެ".

މަޖިލީހުގައި މިހާރު އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާއިރު، މީހެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ހުށަހަޅައިފި ނަމަ، މެމްބަރުންނަށް ނޯޓިސް ފޮނުވަން ދެ ތިން ދުވަސް ނަގަ އެވެ. އަދި މެމްބަރުންނަށް ނޯޓިސް ފޮނުވަނީ، އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވި މެމްބަރުންނަށް ވަކިވަކިން ގުޅައި، އެއީ ސައްހަ ސޮއެއްތޯ ބެލުމަށް ފަހުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ، މަޖިލީހުގެ ގަވައިދުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އެތައް އިޖުރާއާތުތަކެއް ހުރެއެވެ. އެގޮތުން، އެ މައްސަލަ ކުރިއަށް ގެންދަން ފާސްކޮށްފިނަމަ، 11 މެމްބަރުންގެ ކޮމިޓީއެއް ކަނޑައަޅައި، މައްސަލަ ކޮމިޓީއަށް ފޮނުވަން ޖެހެ އެވެ. އަދި އެ ކޮމިޓީން މައްސަލަ ތަހުގީގު ކުރުމަށް ފަހު، އަލުން މަޖިލީހުގެ ތަޅުމަށް ފޮނުވަން ވެސް ޖެހެ އެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި ބޭފުޅަކު ޖިނާއީ ކުށެއް ކޮށްފި ނަމަ، އެކަން ބަލައި ތަހުގީގުކޮށް، ދައުވާ އުފުލުމުގެ ބާރު ވެސް މަޖިލީހަށް ލިބިގެންވެ އެވެ.