އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނެ ދުވަހެއް ކަނޑައެޅުމުގެ މައްސަލަ ހަތް މެމްބަރުންގެ ކޮމިޓީއަކަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
28 އޮކްޓޯބަރ 2018
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނެ ދުވަހެއް ކަނޑައެޅުމުގެ މައްސަލަ ހަތް މެމްބަރުންގެ ކޮމިޓީއަކަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު، ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިބޫ ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ރިޔާސަތުން ހުށަހެޅި މައްސަލައާ ގުޅިގެން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވައި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ތާއީދު ކުރެއްވީ މައްސަލަ ދިރާސާ ކުރަން ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށެވެ.
މި ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ވަގުތީ ކޮމިޓީއަކަށް ފޮނުވަން ތާއީދު ނުކުރައްވާ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: މަޖިލިސް
ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ހުށަހަޅުއްވައި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ތާއީދާއެކު، އިބޫ އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެރިކަމުގެ ހުވާ ކުރައްވާނެ ތާރީހަކީ އަންނަ އަންނަ މަހުގެ 11 ވަނަ ދުވަސް ކަމުގައި ކަނޑައެޅުމަށް ވެސް ހުށަހެޅި އެވެ.
އެކަމަކު، އެ ހުށަހެޅުން ފާސް ކުރަން ނުފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ ތެރެއިން 29 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި އެ ހުށަހެޅުން ފާސް ކުރަން ފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވި އެވެ.
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ފާސްވުމާ ގުޅިގެން، ކުރީގެ ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒް ހުށަހަޅުއްވައި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ތާއީދު ކުރެއްވި މެމްބަރުން ކޮމިޓީއަށް އައްޔަން ކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީގައި ތިއްބަވާނީ ރިޔާޒްގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިނާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ. އެ ހުށަހެޅުން ފާސްވީ 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެހެންވެ، މި ކޮމިޓީގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު ފަރާތްތަކަށް ލިބިފަ އެވެ.
އިބޫ ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން މަޖިލީހުގެ ރިޔާސަތުން ހުށަހެޅި މައްސަލައަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވިދާޅުވީ އަންނަ މަހުގެ 11 ގައި އިބޫ ވެރިކަމުގެ ހުވާކުރައްވަން ޖެހޭނެ ކަމަށެވެ. މިއީ މެމްބަރުންގެ މެދުގައި ބަހުސަކަށް ދާން ޖެހޭ ކަމެއް ނޫން ކަމަށް މެމްބަރުން ވިދާޅުވި އެވެ.
ނަމަވެސް ވެރިކަން ކުރާ ޕީޕީއެމްގެ ބައެއް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި އިބޫ ހުވާކުރައްވަން ޖެހިވަޑައިގަންނަވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ރިޔާސީ ދައުރު ފުރިހަމަވާނީ އެ ދުވަހު ކަމަށް ވެސް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.
މި މައްސަލައިގައި އިބޫ މަޖިލީހުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެމަނިކުފާނާ ދިމާލަށް ބުނާނެ ޖާގަ ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އިބޫ ވިދާޅުވީ ރައީސް ކަމުގެ ހުވާ ކުރައްވަން ބޭނުންފުޅު ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އިބޫ ވިދާޅުވީ އެމަނިކުފާނު ހުވާ ކުރާނެ ދުވަހަކާ މެދު ހިޔާލު ތަފާތުވެފައިވާއިރު، މިފަދަ ކަމެއް ނިންމަން ޖެހޭނީ އެންމެން އެއްބަސްވެވޭ ގޮތެއް ހޯދައިގެން ކަމަށެވެ. އަދި މަޖިލީހުން ކަމެއް ނިންމަން ވާނީ ސާފު ކުރަން ހުރި ކަންކަން ސާފުކޮށް ނިންމުމަށް ފަހު ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އިބޫ ހުވާ ކުރާނެ ދުވަހަކާ މެދު ހޫނު ބަހުސްތަކެއް!
ރައީސް ވަކިކުރުމުގެ މައްސަލަ އަށް ވަގުތެއް ނެތް: މޫސަ
އިދިކޮޅަށް 45 މެމްބަރުން، ސަރުކާރަށް 40 މެމްބަރުން
ރައީސް ޔާމީން އިދިކޮޅަށް: ތިއީ ކޮކްޓެއިލް ކޯލިޝަނެއް!
ރައީސަކަށް ނުހުއްޓުވޭނެ، މެމްބަރުން އަންނާނެ: ގާސިމް
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި
ދެ ބިލަށް ވޯޓަށް ނޭހޭތީ ރައީސް ކަންބޮޑުވޭ: ހޫދު
މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް
މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާ ހޮނިހިރު ދުވަހު