Roadha Mihaaru

މާލިއްޔަތަށް ބަދަލު އަންނަ ކަންކަން މެމްބަރުންނަށް މަޖިލިހަށް ހުށަހެޅޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި

ޓެކްސްއެއް ނެގުމަށް ނުވަތަ ޓެކްސްއެއް އުނިކުރުން ފިޔަވައި ދައުލަތުގެ މާލިއްޔަތަށް ބަދަލު އަންނަ އެހެން ކަންކަން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް މަޖިލިހަށް ހުށަހެޅޭ ގޮތަށް މަޖިލިހުގެ ގަވައިދަށް މިއަދު ބަދަލު ގެނެސްފި އެވެ.

ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

18 މާޗް 2019

ޓެކްސްއެއް ނެގުމަށް ނުވަތަ ޓެކްސްއެއް އުނިކުރުން ފިޔަވައި ދައުލަތުގެ މާލިއްޔަތަށް ބަދަލު އަންނަ އެހެން ކަންކަން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް މަޖިލިހަށް ހުށަހެޅޭ ގޮތަށް މަޖިލިހުގެ ގަވައިދަށް މިއަދު ބަދަލު ގެނެސްފި އެވެ.

މަޖިލިހުގެ ގަވައިދުގެ 71 ވަނަ މާއްދާގެ (ށ) އަށް އިސްލާހު ގެންނަން ފާސްކުރީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް 15 މެމްބަރުން ވޯޓު ދެއްވިއިރު އެއީ މުޅިން ވެސް އެމްޑީޕީގެ މެމްބަރުންނެވެ.

މި އިސްލާހަށް ތާއީދު ކުރެއްވީ އިދިކޮޅު މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންނެވެ.

އެ އިސްލާހުގައިވާ ގޮތުން ޓެކްސްއެއް ނުވަތަ ޓެކްސްއެއް އުނި ކުރަން ބިލްތައް ހުށަހަޅާނީ ސަރުކާރުންނެވެ. އެކަމަކު، މީގެ ކުރިން ގަވައިދުގައި ބުނެފައިވާ ދައުލަތުގެ މާލިއްޔަތުން ވަކި ކަމަކަށް ފައިސާ ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް ހުށަހަޅާނީ ސަރުކާރުން ކަމަށް ބުނާ ބައި ވަނީ އުނިކޮށްފަ އެވެ.

އެހެންކަމުން ދައުލަތުގެ ބަޖެޓުން ވަކި ކަމަކަށް ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް މެމްބަރުންނަށް މަޖިލިހަށް ހުށަހަޅައި، އެ ފާސް ކުރުމަށް މިހާރު ހުރަހެއް ނެތެވެ. އެކަމަކު، ޕީޕީއެމުން ވެރިކަން ކުރިއިރު، ދައުލަތުގެ ބަޖެޓުން ވަކި ކަމަކަށް ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް މެމްބަރުންނަށް މަޖިލިހަށް ހުށަނޭޅޭ ގޮތަށް އެ ޕާޓީން ބޭނުންވެގެން އޮތީ ގަވައިދު އިސްލާހު ކޮށްފަ އެވެ.

ގަވައިދަށް ގެނައި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރެއްވި، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ މިއީ ސަރުކާރަށް ޕްރެޝަރުކޮށް، ޖެއްސުން ކުރުމަށް ގެނައި ބަދަލެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން އިދިކޮޅު މެމްބަރުންނާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވަ އެވެ.

"މިސާލަކަށް މަސްވެރިންނަށް 10،000ރ. ދޭންވީ ކަމަށް ބުނެ މެމްބަރުންނަށް ހުށަހެޅި ދާނެ. ޖަމިއްޔާތަކަށް މިވެނި ވަރެއް ދޭންވީއޭ ކިޔާފައި ހުށަހެޅި ދާނެ. ބިލްތައް ހުށަހަޅާއިރު ދައުލަތުގެ މާލިއްޔަތުގެ އެ ފުދުންތެރިކަން ހުރިތޯ ނެތްތޯ އެނގޭނީ ސަރުކާރަށް،" އެމްޑީޕީގެ މެމްބަރަކު ވިދާޅުވި އެވެ.

"އެކަމަކު، ފައިސާ ހުރެގެންތާ މަޖިލިހުން ފާސް ކުރިޔަސް ދެވޭނީ."