Roadha Mihaaru

ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް: އިދިކޮޅު

އިންތިޚާބުތަކާ ބެހޭ ގާނޫނުތަކުގެ އިސްލާހުތަކަށް ވޯޓަށް އެހުމުގައި "ޒަރޫރީ ހާލަތެއް" ކުރިމަތިނުވާ ކަމަށާއި އެ އިސްލާހުތަކަށް ވޯޓަށް އަހަންވާނީ، މަޖިލީހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ތިބޭ ޖަލްސާއެއްގައި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓަށް، އިދިކޮޅު ބައެއް މެމްބަރުން މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

05 ޖުލައި 2018

އިންތިޚާބުތަކާ ބެހޭ ގާނޫނުތަކުގެ އިސްލާހުތަކަށް ވޯޓަށް އެހުމުގައި "ޒަރޫރީ ހާލަތެއް" ކުރިމަތިނުވާ ކަމަށާއި އެ އިސްލާހުތަކަށް ވޯޓަށް އަހަންވާނީ، މަޖިލީހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ތިބޭ ޖަލްސާއެއްގައި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓަށް، އިދިކޮޅު ބައެއް މެމްބަރުން މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް މަޖިލީހުން ފާސްކުރަން ޖެހޭނީ މަޖިލީހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ކަމަށް ގާނޫނުއަސާސީގައި ބުނެފައިވަނިކޮށް، "ޒަރޫރީ ހާލަތްތަކުގައި" އެއަށް ވުރެ މަދުން މެމްބަރުން ތިއްބަސް އިސްލާހުތަކަށް ވޯޓަށް އެހޭ ގޮތަށް ޕީޕީއެމް/އެމްޑީއޭގެ އެންމެ 31 މެމްބަރުންގެ އިއްތިފާގުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެއަށް ފަހު، އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް ހުށަހެޅި އިސްލާހުތަކަށް ވޯޓަށް އަހައި އެ އިސްލާހުތައް ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ގާނޫނުއަސާސީގައި ވަކި އަދަދަކަށް މެމްބަރުން ޖަލްސާގައި ތިބެން ވާނެ ކަމަށް ކަނޑައަޅާފައި އޮއްވައި، އެ ނޫން ގޮތަކަށް ބިލުތަކަށް ވޯޓަށް އަހައިގެން ނުވާނެ ކަމަށެވެ. އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް ހުށަހެޅި އިސްލާހުތަކަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ބިލުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ފާހަގަ ކުރެއްވި ފަދަ "ޒަރޫރީ ހާލަތެއް" މިހާރަކު ރާއްޖޭގައި ނެތެވެ. ގާނޫނުއަސާސީ އަށް އަމަލުކުރާ ނަމަ، އިދިކޮޅު 12 މެމްބަރުންނަށް މަޖިލީހަށް ވެންނެވެން ޖެހޭނެ ކަމަށާއި ރިޔާސަތުގައި މަސީހަށް ވެސް ނުހުންނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެރެޑައިސް އައިލެންޑު ރިސޯޓުގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ސެޝަނެއްގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޕެރެޑައިސް އައިލެންޑު ރިސޯޓުގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ސެޝަނެއްގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ޑިމޮކްރެޓިކް ވެރިކަމެއްގައި، އިންތިޚާބު ކައިރިވެފައި އޮއްވާ ގާނޫނުތައް އިސްލާހެއް ނުކުރާނެ. މިއީ ވަކި މީހަކަށް ގެއްލުމެއް ދޭން ގެންނަ އިސްލާހުތަކެއް،" އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް ފާސް ކުރާ ބިލުތައް އުފެދުމުގައި ވެސް ވާނީ ބާތިލް ބިލުތަކަކަށް ކަމަށާއި އެ އަށް ރައްޔިތުން އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ. ޑިމޮކްރެޓިކް ގައުމުތަކުގައި އިންތިޚާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީ އިންތިޚާބަށް ހަމަހަށް ވުމުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އިއްޔެ މަޖިލީހުގައި ނެގި ވޯޓަކީ ޣައިރު ގާނޫނީ ގޮތަކަށް ނެގި ވޯޓެއް ކަމަށެވެ. މަސީހް ވެސް މައްސަލަތައް ހުށަހަޅުއްވަން ވާނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށާއި އެ މަނިކުފާނު ގާނޫނުއަސާސީ އަށް ގޮންޖައްސަވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި އެބައޮތް ރައްޔިތުން އެ މައްޗަށް އަމަލު ކުރަން ލާޒިމް ކުރާ އެއްވެސް ކަމަކަށް ވޯޓަށް އަހާއިރު، މަޖިލީހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ނުތިއްބަވާ ނަމަ، ވޯޓަށް އަހައިގެން ނުވާނެ ކަމަށް. އެހެން ލިޔެފައި އޮއްވާ އެކަން ކުރުމާ ގުޅިގެން މަސީހްގެ ހުށަހެޅުމާއި އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް ހުށަހެޅި އިސްލާހުތައް ފާސް ކުރަން ނެގި ވޯޓު ވާނީ ބާތިލް،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައިވާ ގޮތުން ޒަރޫރީ ހާލަތެއް ކުރިމަތިވެފައިވަނީ ހަމައެކަނި އެންޓި-ޑިފެކްޝަންގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސް ކުރުމަށެވެ. އެ ހާލަތު މިހާރު އެއްކޮށް އުވިފައިވާ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ މަޖިލީހުގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ހުކުމަށް ގޮން ޖެހުމެވެ. ޣައިރު ގާނޫނީ ގޮތަކަށް ނިންމި ނިންމުން ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަޖިލީހުން ކޯޓުތަކުގެ ނިންމުންތައް ނާޖައިޒު ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސީހުގެ މި ހުށަހެޅުއްވުމުގައި ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްކުރާ ގާނޫނުތައް ފާސްކުރާ އިރު މަޖިލީހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ތިބެން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ މާއްދާގެ އެއްވެސް ވާހަކައެއް ގެންނަވާފައެއް ނުވެ އެވެ. އެމަނިކުފާނު މުޅިން ވެސް ވިދާޅުވީ މަޖިލިހުގެ ގަވާއިދުގެ މާއްދާތަކެކެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނަނީ "ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި" ކަމަށެވެ.

މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ވެސް ހަމަ އެގޮތަށް ވަނީ ކަނޑައަޅާފަ އެވެ. މިހާރުގެ މަޖިލިހުގައި 85 މެމްބަރުން ތިއްބަވާ އިރު ގާނޫނުއަސާސީގައި އެ ބުނާ އަދަދަކީ 43 މެމްބަރުންނެވެ.

މަސީހްގެ ހުށަހެޅުއްވުމުގައި ބުނެފައިވަނީ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ބުނާ ގާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ތިން ބިލެއް ފާސްކުރުމަށް ވޯޓަށް އެހުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. ތިން ބިލަކީ ވެސް ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބާއި ދައުލަތުގެ މަސްލަހަތާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ތިން ބިލު ކަމަށް ވެސް މަސީހްގެ ހުށަހެޅުއްވުމުގައިވެ އެވެ.

މި ތިން ބިލު ފާސްކުރުމަށް މިހާރުން މިހާރަށް ވޯޓަށް އަހަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެ ހުށަހެޅުމުގައިވެ އެވެ. ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، "ޒަރޫރަތްތެރި ހާލަތުގައި"، ގަވައިދުގައި ބުނާ ގާނޫނީ އަދަދު ހަމަ ނުވި ނަމަވެސް ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ހ) ގައި ބުނާ ގާނޫނީ އަދަދު (މިހާރުގެ ނިސްބަތުން 21 މެމްބަރުން) ހަމަވާ ނަމަ ވޯޓަށް އަހަން ފެނޭތޯ މަސީހް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި، ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ 31 މެމްބަރުންގެ އިއްތިފާގުންނެވެ.