ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި އިދިކޮޅު މެމްބަރުން، އަބްދުﷲ މަސީހް މުހައްމަދު ބަލައިނުގަންނަ ނަމަ، މަޖިލީހުގެ ކޮމެޓީތަކުގެ ބައްދަލުވުމުގައި އެ ބޭފުޅުން ބައިވެރިވެވަޑައި ނުގަތުމަށް ޕީޕީއެމުން ރޭ ގޮވާލައިފަ އެވެ.
29 ޖޫން 2018
ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި އިދިކޮޅު މެމްބަރުން، އަބްދުﷲ މަސީހް މުހައްމަދު ބަލައިނުގަންނަ ނަމަ، މަޖިލީހުގެ ކޮމެޓީތަކުގެ ބައްދަލުވުމުގައި އެ ބޭފުޅުން ބައިވެރިވެވަޑައި ނުގަތުމަށް ޕީޕީއެމުން ރޭ ގޮވާލައިފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މިހާތަނަށް ބޭއްވި މަޖިލީހުގެ އެއްވެސް ޖަލްސާއެއްގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ސަބަބެއްގެ ގޮތުގައި އެ މެމްބަރުން ވިދާޅުވަނީ ރިޔާސަތުގައި މަސީހް އިންނަވައިގެން ކުރިއަށް ގެންދާ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަން ބޭނުން ނުވާތީ އެވެ. ނަމަވެސް މަޖިލީހުގެ ކޮމެޓީތަކުގެ ބައްދަލުވުންތަކަށް އިދިކޮޅު މެމްބަރުން ބަރާބަރަށް ވަޑައިގެން ކޮމެޓީ އެލަވަންސް ނަންގަވަ އެވެ. މަޖިލީހުގެ ޖަލްސާތަކަށް ޚާއްސަ އެލަވަންސެއް ކަނޑައަޅާފައެއް ނުވެ އެވެ.
މަސީހްއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލަ އެޖެންޑާ ނުކޮށް ޖަލްސާތައް ކުރިއަށް ގެންދާ ނަމަ، ގާނޫނާ އެއްގޮތަށް ކުރިއަށްދާ ޖަލްސާއަކަށް ނުވާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ. އެކަމަކު، ރިޔާސަތުން ވަނީ އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފަ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓް ދިރާސާ ކުރި ކޮމެޓީގެ ބައްދަލުވުމެއްގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އިދިކޮޅު ޖުމްހޫރީ ޕާޓީގެ ދެ މެމްބަރަކު ބައިވެރިވެވަޑައިގަންނަވަނީ: މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަތަސް، ކޮމެޓީގެ ބައްދަލުވުންތަކަށް އިދިކޮޅު މެމްބަރުން ވަޑައިގަންނަވާ.---ފޮޓޯ: މިހާރު
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅު މެންބަރުން މަޖިލީހަށް ވަޑައިނުގަންނަނީ މަޖިލީހުގެ ރައީސް ބަލައިނުގަންނާތީ ކަމަށް ބުނާއިރު، ކޮމިޓީތައް ކުރިއަށް ދަނީ މަޖިލީހުގެ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށެވެ.
"މަޖިލީހުގެ ރައީސް ކަމު ނުދާ ކަމަށްވާ ނަމަ، މަޖިލީހުގެ ހާޒިރީ ފޮތުގައި ސޮއި ކޮށްގެން ނުވާނެ. މަޖިލީހުގެ ރައީސްގެ އެންގެވުމުގެ މަތިން ކުރިއަށް ގެންދާ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވޯޓު ދެއްވައިގެން ނުވާނެ. މި ކަންކަން ކުރައްވާ ނަމަ، މަޖިލީހުގެ ރައީސް ގަބޫލު ނުކުރަނީކީ ނޫން. ގަބޫލު ކުރެވޭ އެބަ. އެބޭފުޅުންގެ ހުރި ޒިންމާދާރު ކުޑަކަމުން ތަޅުމަށް ވަޑައިނުގަންނަވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮމިޓީތަކުގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ ކޮމިޓީ އެލަވަންސް ހޯއްދެވުމަށެވެ. ކޮމިޓީ އެލަވަންސްގެ ގޮތުގައި، މެމްބަރުންގެ މުސާރައިގެ އިތުރަށް 20،000ރ. ލިބިވަޑައިގަންނަވަނީ ހުރިހާ ބައްދަލުވުމަކަށް ވަޑައިގަންނަވާ މެމްބަރުންނަށް އެކަންޏެވެ. މަޖިލީހުގެ މެމްބަރެއްގެ މުސާރަ އަކީ މަހަކު 62.500ރ. އެވެ.
އަބްދުއްރަހީމް ވަނީ ރައްޔިތުން ތަމްސީލް ކުރާ ބޭފުޅުން އައްޔަން ކުރާއިރު، ވިސްނުމަށާއި ޒިންމާދާރު ކަން ކުޑަ ބޭފުޅުން މަގާމުތަކަށް ފުރުސަތު ނުދިނުމަށް ގޮވާލައްވައިފަ އެވެ.
އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުން ނުވާ މަގުބޫލު ސަބަބެއް ނުދައްކަވާއިރު، އެ މެމްބަރުންނަކީ އަމިއްލަ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރައްވާ ބޭފުޅުންތަކެއް ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ އެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މަޖިލީހުގެ މެންބަރުންނަކީ ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި މަސައްކަތް ކުރަންޖެހޭ ބައެއް. އަޅުގަނޑުމެންގެ ގާނޫނީ ވާޖިބެއް އެކަން ކުރުމަކީ. ވަކި ދާއިރާއަކަށް މަންފާ ލިބޭ ގޮތަކަށް ނޫން. މުޅި ގައުމު ޝާމިލް ކުރަން ޖެހޭނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި މަސައްކަތެއް ނެތް ކަމަށެވެ. އަދި ހަތަރު އަހަރުގެ ތެރޭގައި ހަމައެކަނި މަސައްކަތް ކުރެއްވީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ކަމަށާއި އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާތީ އެކަން ކުށްވެރި ކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމެޓީގެ ބައްދަލުވުމެއްގެ ރިޔާސަތު ނިހާން (ވ) ބަލަހައްޓަވަނީ.---ފޮޓޯ: މިހާރު
"މަސީހު [އިދިކޮޅު ފަރާތްތަކަށް)] މިހާވަރަށް ގޯސްވަމުންދާ އިރު، ކޮމިޓީ އެލަވަންސް ގޯހެއް ނުވޭ. މުސާރައެއް ވެސް ގޯހެެއް ނުވޭ. ސައި ކޮޓަރީގައި ހުންނަ ސައެއް ވެސް ގޯހެއް ނުވޭ. އަރިމަތީގައި ހުންނަ މާލަމުގައި ހުންނަ ލަވާޒާ މެޝިންގެ ލަވާޒާ ކޮފީ ވެސް ގޯހެއް ނުވޭ. މަޖިލީހުގެ ގޯތިތެރެ ވެސް ގޯހެއް ނުވޭ. މަޖިލީހުގެ ކަރަންޓާއި ބޯ ފެނާއި އެ ނޫން ކަންތައްތައްް ވެސް ގޯހެއް ނުވޭ،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ މޭ 8، 2014 އިން ފެށިގެން އޭޕްރީލް 8، 2018 އަށް، މަޖިލީހަށް 149 ބިލެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 138 ބިލް ހުށަހެޅީ ސަރުކާރުން ކަމަށެވެ. އަނެއް 11 ބިލް ހުށަހަޅުއްވާފައި ވަނީ އަމިއްލަ މެންބަރުން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އަދި ބިލްތަކުގެ 98 ޕަސެންޓު މަސައްކަތް ނިންމައިލީ ސަރުކާރު ކޯލިޝަން މެމްބަރުންގެ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓް ދިރާސާ ކުރި ކޮމެޓީގެ ބައްދަލުވުމެއްގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އިދިކޮޅު ޖުމްހޫރީ ޕާޓީގެ ދެ މެމްބަރަކު ބައިވެރިވެވަޑައިގަންނަވަނީ: މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަތަސް، ކޮމެޓީގެ ބައްދަލުވުންތަކަށް އިދިކޮޅު މެމްބަރުން ވަޑައިގަންނަވާ.---ފޮޓޯ: މިހާރު
ނިހާން ވިދާޅުވި ގޮތުގައި ކޮމިޓީތަކުގައި ތިއްބަވާ އިދިކޮޅު މެމްބަރުން ބަދަލު ކުރައްވަން ބޭނުންވާ ނަމަ، މަޖިލީހުގެ ރައީސް ރަނގަޅުވެ، އިދިކޮޅު ޕާޓީތަކުން މަސީހަށް ސިޓީ ފޮނުވާ ކަމަށެވެ. އެހެންވެ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން ކެރޭ ބައެއް ކަމުގައިވާ ނަމަ މަޖިލީހުގެ ތަޅުމަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން ދޮގާއި މަކަރު ހެދުންތައް ހުއްޓާލުމަށް އޭނާ ގޮވާލެއްވި އެވެ.
"މަޖިލީހުގެ ރައީސް ކަމު ދޭ. ހުރިހާ ކަމެއް ވެސް ރަނގަޅުވޭ ފައިސާއާ ޖެހުނީމަ،" ނިހާން ވިދާޅުވި އެވެ.
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ދެ މަހާ ގާތަށް
މަސީހު ވަކި ކުރަން ސޮއި ހޯދަން ފަށައިފި
އެމްޑީޕީގެ ވައުދުތައް ބަޖެޓަށް ލާން ތައްޔާރު: ޕީޕީއެމް
މަޖިލިހުގެ ޖަލްސާއެއް ނުބާއްވާތާ ދެ ހަފުތާ!
ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ނުފެށިފައި
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
ގާނޫނުއަސާސީ ބުނާ އަދަދު ނެތަސް ވޯޓު ނަގަން ނިންމައިފި
މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް
މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާ ހޮނިހިރު ދުވަހު