Roadha Mihaaru

ފައިސާއާ ގުޅޭ ބިލްތައް ދެން ހުށަހެޅޭނީ ސަރުކާރަށް އެކަނި

ޓެކުހާއި ފައިސާ އިތުރުކުރުމާ ގުޅޭ ބިލުތައް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅޭނީ ސަރުކާރަށް އެކަނި ކަމަށް ކަނޑައަޅައި މަޖިލިހުގެ ގަވައިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފި އެވެ.

ފައިސާއާ ގުޅޭ ބިލްތައް ހުށަހެޅޭނީ ސަރުކާރަށް އެކަނި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

07 އޯގަސްޓް 2019

ޓެކުހާއި ފައިސާ އިތުރުކުރުމާ ގުޅޭ ބިލުތައް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅޭނީ ސަރުކާރަށް އެކަނި ކަމަށް ކަނޑައަޅައި މަޖިލިހުގެ ގަވައިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފި އެވެ.

މަޖިލިހުގެ ގަވައިދުގެ 71 ވަނަ މާއްދާގެ (ށ) ގައި އޮންނަ ގޮތުން ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ބިލްތައް ހުށަހަޅާނީ ސަރުކާރުންނެވެ. ގަވައިދުގައި އެގޮތަށް އޮތުމުން، ޓެކްސް ފިޔަވައި ފައިސާއާ ގުޅުން ހުރި ބިލްތައް މެމްބަރުން މަޖިލިހަށް ހުށަހެޅުއްވުމަށް އެއްވެސް ހުރަހެއް ނެތެވެ.

އެކަމަކު، މަޖިލިހުގެ ތަޅުމުން ފާސް ކުރި އިސްލާހުގައި މިހާރު އޮންނަ ގޮތުން ދައުލަތުން ޓެކުހެއް ނަގަން ޖެހޭ ނުވަތަ ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނަގަން ޖެހޭނެ ނުވަތަ ދައުލަތުގެ މާލިއްޔަތުން ސީދާ ގޮތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭން ޖެހިދާނެ ކަމެއް ނުވަތަ އުނި އިތުރެއް ގެންނަން ޖެހިދާނެ ކަމެއް ހިމެނޭ އެއްވެސް ބިލެއް (މަނީ ބިލް) ހުށަހެޅޭނީ ސަރުކާރަށެވެ.

މަޖިލިހުގެ ގަވައިދަށް ގެނައި އެހެން އިސްލާހެއްގައި ވަނީ ޖަލްސާތައް އަހަރެއްގެ މައްޗަށް ބެހިގެންވާ ގޮތް ކަނޑައަޅައިފަ އެވެ. އެގޮތުން ޖަލްސާތައް އަހަރެއްގެ ތެރޭގައި ތިން ދައުރަކަށް ބެހިގެންވާ އިރު، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ.

ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ގަވައިދުގައި ކުރިން އޮތް ގޮތުން ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 16 ގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ހިނގާނީ އޮގަސްޓް 27 އިން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ފައިސާއާ ގުޅޭ ބިލްތައް ސަރުކާރަށް އެކަނި ހުށަހެޅޭ ގޮތަށް ހެދި އިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އިނާޔަތާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ބޮޑު ކުރަން 19 ވަނަ މަޖިލިހަށް ބައެއް މެމްބަރުން ހުށަހެޅުއްވި އެވެ. އެކަމަކު، އެ ބިލްތައް މަޖިލިހުގެ ތަޅުމުން ވަނީ ބޭރުކޮށްލައިފަ އެވެ.