Roadha Mihaaru
ރިޔާސަތުގެ ނިންމުން ގާނޫނާ މުޅިން ހިލާފު: އެމްއެންޕީ

އެމްއެންޕީން ގަބޫލުކުރަނީ ރިޔާސަތުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް!

21 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ތަމްސީލު ކުރުމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ތަމްސީލު ކުރުމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މީގެ ކުރިން ތިއްބަވަނީ އެމްއެންޕީގެ ތިން މެންބަރުންނެވެ. އޭގެ ތެރެއިން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އިންތިހާބުވުމަށް ފަހު އެމްއެންޕީ އުފައްދައި އެ ޕާޓީ އަށް ބަދަލުވި ދެ ބޭފުޅުންނެވެ. އާ ސަރުކާރުގެ ބަންޑާރަ ނައިބުކަަމާ ހަވާލުވެވަޑައިގަންނަވަން ވިލިމާލެ ދާއިރާގެ ގޮނޑިން އަހުމަދު އުޝާމް މި ހަފުތާގައި އިސްތިއުފާ ދެއްވީ އެވެ.

އެހެންވެ، މަޖިލީހުގައި އެމްއެންޕީ ތަމްސީލު ކުރުމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ރިޔާސަތުން ނިންމީ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެހެން ޕާޓީއަކާ ގުޅި އެ ޕާޓީގެ ނަމުގައި ތަމްސީލުކުރުމަށް މެންބަރަކު އެދޭ ޕާޓީއަކީ މަޖިލީހުގައި ހިމެނޭ ޕާޓީއެއް ނަމަ، އެ ޕާޓީގެ މެންބަރުންގެ އަދަދު ތިނަކަށް ވުރެ މަދުވެގެން ނުވާނެ ކަމަށް މަޖިލިހުގެ ގަވައިދުގައި ބުނާ މާއްދާގެ ދަށުންނެވެ.

ރިޔާސަތުގެ އެ ނިންމުމާ ގުޅިގެން ބަޖެޓު ބަހުސްގެ ތެރެއިން ނިޒާމީ ނުކުތާ ނަންގަވައި ރިޔާޒް ވިދާޅުވީ، ރިޔާސަތުގެ އެ އިއުލާނަކީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާ އާއި 30 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށެވެ.

ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ބުނާއިރު، 17 ވަނަ މާއްދާގައި ވަނީ އެއްވެސް މީހަކާ މެދު ސިޔާސީ ގޮތުން ވެސް އަދި އެ ނޫން ގޮތަކުން ވެސް ތަފާތު ކޮށްގެން ނުވާނެ ކަމަށެވެ. ގާނޫނުއަސާސީގެ 30 ވަނަ މާއްދާގައި ވަނީ ސިޔާސީ ޕާޓީ ހިންގާ ހަރަކާތްތެރިވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށެވެ.

ރިޔާޒް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ނ) ގާނޫނުއަސާސީގެ އެ ތިން މާއްދާއާ ސީދާ ހިލާފު ކަމަށެވެ. އޭނާއަކީ އެމްއެންޕީގެ މެންބަރެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާއިރު، މަޖިލީހުން ނުކުރަންވީ ސަބަބަކާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

"މަޖިލީހުގެ ރިޔާސަތުން އަޅުގަނޑަކީ އެމްއެންޕީ މެންބަރެއް ނޫން ކަމަށް ގަބޫލުކުރައްވާ އިންޑެޕެންޑެންޓް މެންބަރެއްގެ ގޮތުގައި ނިންމެވުމަކީ މި ދެންނެވި ދިވެހިރާއްޖޭގެ 16، 17 އަދި 30 ވަނަ މާއްދާއާ ހިލާފަށް ނިންމެވި ނިންމުމެއް،" ރިޔާޒް ވިދާޅުވި އެވެ.

އެކަމަކު، އެ ނިޒާމީ ނުކުތާ މަޖިލިހުގެ ރިޔާސަތުން ބަލައެއް ނުގަނެ އެވެ.