Roadha Mihaaru
މެންބަރުންގެ އަދަދު ލިމިޓްކުރަން ތަފާތު ހިޔާލުތަކެއް!

މެންބަރުންގެ އަދަދު ހިފަހައްޓަން ތާއީދުކޮށް، ޕާޓީތަކުން ތަފާތު ހިޔާލުތަކެއް!

07 އޯގަސްޓް 2024

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފަހައްޓަން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ސިޔާސީ ޕާޓީތަކުން ތާއީދުކޮށް، އެ ޕާޓީތަކަށް ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ތަފާތު ހިޔާލުތަކެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފަހައްޓަން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ސިޔާސީ ޕާޓީތަކުން ތާއީދުކޮށް، އެ ޕާޓީތަކަށް ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ތަފާތު ހިޔާލުތަކެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މަޖިލީހުގައި މިހާރު 93 މެމްބަރުން ތިއްބަވާއިރު، ރާއްޖޭގެ އާބާދީ އަށް އަންނަ ބަދަލާ އެކު ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މެމްބަރުންގެ އަދަދު އިތުރުވެ އެވެ.

އެ މައްސަލަ ހައްލުކުރަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެ މައްސަލާގައި ސިޔާސީ ޕާޓީތަކުން ދެކޭ ގޮތް ހޯދައިފަ އެވެ.

އެ ކޮމިޓީއަށް ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީ އާއި އެމްއާރްއެމް އާއި އެމްޑީއޭ އަދި އެމްއެންޕީގެ މެންބަރުން މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.

ޕާޓީތަކަށް މަޖިލީހުން ސްލޮޓް ދޭން ޖެހޭ: ޑިމޮކްރެޓްސް

އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އައިޝަތު އަލައިކާ އަދުނާން ވިދާޅުވީ މަޖިލިސް މެންބަރުން އިތުރުވުމަކީ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހޭ ކަމެއް ކަމަށެވެ. އެކަން ހައްލު ކުރަން އެ ޕާޓީގެ މެނިފެސްޓޯތަކުގައި ވެސް ހިމަނާފައިވާ ކަމަށެވެ.

އެފަދަ އިސްލާހެއް ގާނޫނުއަސާސީ އަށް ގެންނަ އިރު ރައްޔިތުންގެ ތަމްސީލް ކުރުމުގައި މިހާރު ހުރި މައްސަލަތައް ހައްލު ކުރަން ޖެހޭ ކަމަށާއި އެގޮތުން މުޅި އަތޮޅުން ވަކި އަދަދަކަށް މެންބަރުން ކަނޑައެޅުމާއި ސިޔާސީ ޕާޓީތަކަށް މަޖިލީހުން ސްލޮޓެއްދޭ ގޮތަށް ޕާޓީ ލިސްޓަށް ހަދަން ފެންނަ ކަމަށް އަލައިކާ ވިދާޅުވި އެވެ.

"އެ ދާއިރާގެ ގިނަ މީހުންނަށް ގަބޫލު ކުރެވިދާނެ ޑިމޮކްރެޓުންނަކީ މަޖިލީހުގައި ތިބެން ޖެހޭ ބައެއް ކަމަށް. އެހެންވެ ވޯޓިން ކަރުދާހުގައި ޕާޓީ އަށް ވޯޓު ދެވޭ ގޮތަށް ހަދާފައި އަދި މެންބަރަކަށް ވޯޓު ލެވޭ ގޮތް ހަދަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

އަންހެނުންނަށް މަޖިލީހުން ކޯޓާއެއް ކަނޑައަޅަން ޖެހޭ: އަދާލަތު

މަޖިލީހުގެ އަދަދު ކަނޑައެޅުމުގައި އަދާލަތު ޕާޓީގެ ފަރާތުން ހިޔާލު ހުށަހެޅުއްވި އެ ޕާޓީގެ ރަޖިސްޓްރާ އާދަމް މުހައްމަދު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކުރުމުގެ އިތުރުން ކޮންމެ 10 އަހަރަކުން އެ އަދަދު ރިވިއު ކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ އަންހެނުން ކަމަށްވީ ނަމަވެސް މަޖިލީހުގައި ގިނަ ފަހަރަށް ތިއްބަވަނީ ތިން އަންހެން ބޭފުޅުން ކަމަށާއި އަންހެން ބޭފުޅުން މަޖިލީހުގައި ތަމްސީލުވާ މިންވަރު އިތުރު ކުރުމަށް ކޯޓާ އެއް ކަނޑައެޅުމުގެ މަސައްކަތް ވެސް މީގެ ތެރެއިން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ އިސްލާހެއް ގެންނަ އިރު އަންހެން ކަނބަލުންނަށް ކޯޓާއެއް ކަނޑައެޅުމުގެ ކަންކަމަށް ވެސް މެންބަރުން ވިސްނާލުން ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޓެކްނިކަލް ދާއިރާތަކުގެ މީހުންނަށް ވެސް މަޖިލީހުން ހާއްސަ ސްލޮޓްތަކެއް ކަނޑައެޅުމަކީ މުހިންމު ކަމެކެވެ.

މަޖިލީހުގައި މަތިގެ އަކާއި ދަށުގެއެއް އޮންނަން ޖެހޭ: އެމްއާރްއެމް

އެމްއާރްއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވެސް ވަނީ މެންބަރުންގެ އަދަދު މަދު ކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތަށް ތާއީދު ކުރައްވާ ކަމަށާއި އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ފާރިސް ވިދާޅުވީ މަޖިލީހަކީ ބައިކެމަރަލް ތަނަކަށް ހަދައި މަތި ގެއަކާއި ދަށު ގެއެއް އޮންނަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެބަދަލު ގެންނަން ޖެހޭނީ ޖުމްލަ މެންބަރުންގެ އަދަދު މިހާރަށް ވުރެ އިތުރު ނުވާ ގޮތަށް ކަމަށެވެ.

އޭގެ އިތުރުން މިހާރު މެންބަރުން އިންތިހާބު ކުރާ ގޮތުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރަން ފާރިސް އެދިވަޑައިގަތެވެ. އޭގެ ތެރޭގައި ބައެއް ދާއިރާތަކުގައި 200 އެއްހާ މީހުންގެ ވޯޓާއެކު ގޮނޑި ކާމިޔާބު ކުރެވޭތީ އެ ދާއިރާތަކުގެ ބޮޑެތި އާއިލާތަކަށް ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރެވޭ ގޮތަށް އޮތުމާއި ދާއިމީ އެޑްރެސްގެ މައްސަލަ ވެސް ހައްލު ކުރަން ޖެހޭ ކަމަށް ފާރިސް ވިދާޅުވި އެވެ.

ނޭޝަނަލް ލިސްޓެއް އުފައްދައި އޭގެ ތެރެއިން އަންހެން ބޭފުޅުންނާއި ފަންނީ ބޭފުޅުންނަށް ކޯޓާއެއް ކަނޑައަޅަން މުހިންމު ކަމަށް ފާރިސް ވިދާޅުވި އެވެ.

މެންބަރުންގެ އަދަދު މަދު ކުރާއިރު މިހާރު މަޖިލީހުގައި ތިއްބެވި އަދަދުގައި ބާއްވަން ބައެއް ފަރާތްތަކަށް ގޮވާލާ ކަމަށާއި ނަމަވެސް އެއީ މިހާރު ތިބި މެންބަރުންގެ އަމިއްލަ މަސްލަހަތަށް ބަލާފައި ކުރެއްވި ކަމެއް ގޮތުގައި ސިފަ ކުރެވޭނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަ ދެއްކެވި އެމްޑީއޭ އާއި އެމްއެންޕީން ވެސް ވަނީ މެންބަރުންގެ އަދަދު ލިމިޓު ކުރަން ތާއީދު ކޮށްފަ އެވެ. އެހެން ނަމަވެސް މިހާރު އަތޮޅުތަކަށް މެންބަރުން ބެހިފައި އޮތް ގޮތަށް އެއްވެސް ބަދަލެއް ގެންނަން ތާއީދު ނުކުރައްވާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ. އަދި އެމްއެންޕީން ހުށަހެޅުއްވީ ގާނޫނުއަސާސީ އެކުލަވާލި އިރު މަޖިލީހުގައި ތިއްބެވި އަދަދަށް، 77 މެންބަރުންނަށް ހެދުމަށެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، އެ ބައްދަލުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ޕީއެންއެފް އަށް ވެސް ދައުވަތު ދިނެވެ. އެކަމަކު އެ ޕާޓީން އެ ބައްދަލުވުމުގައި ބައިވެރިއެއް ނުވި އެވެ.