Roadha Mihaaru
އެއް ކެންޑިޑޭޓަކު ނެރެން ޕީޕީއެމްއާއެކު މަޝްވަރާކުރަނީ

އެއް ކެންޑިޑޭޓަކު ނެރެން ދެން އޮތީ ޕީޕީއެމްއާއެކު މަޝްވަރާކުރުން: ގާސިމް

19 ޖުލައި 2023

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރެން ޕީޕީއެމްއާ އެކު ވެސް މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރެން ޕީޕީއެމްއާ އެކު ވެސް މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާކުރުމަށް މިއަދު މެންދުރުފަހު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޖޭޕީ އާއި ޑިމޮކްރެޓްސް އަދި އެމްއެންޕީން ވަނީ އެއް ކެނޑިޑޭޓަކު ނެރެން އެއްބަސްވެފަ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ދެން އޮތީ އެ މަޝްވަރާ ޕީޕީއެމް އާއި ކުރީގެ ރައީސް މައުމޫން ހިމެނިވަޑައިގަންނަވާ އެމްއާރުއެމްއާ ކުރުމެވެ.

"އަޅުގަނޑުމެންނަށް އިން ޕްރިންސިޕަލް އެއްބަސްވެވިއްޖެ މިއަދު، މި ތިން ޕާޓީން ވެސް ވާހަކަދައްކައިގެން، އަދި ޕީޕީއެމް އާއި އެމްއާރުއެމްއާ އެކު ވެސް ވާހަކަދައްކައިގެން އެއް ކެނޑޭޓަކު ނެރެން،" އޭނާ ވިދާޅުވި އެވެ.

ގާސިމް އެގޮތަށް ވިދާޅުވިޔަސް، ޕީޕީއެމުން މިހާތަނަށް ވެސް ބުނަމުން އައީ އެހެން ބައެއްގެ ފަހަތަށް އެ ޕާޓީން ނާރާނެ ކަމަށެވެ. މި ފަހުން ޕީޕީއެމުން ޖޭޕީއާ ބައްދަލުކުރި އެވެ.

އެކަމަކު އެއީ ޕީޕީއެމުން ބުނެފައިވާ ގޮތުގައި އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭ ބައްދަލުވުމެއް ނޫނެވެ. އެ ޕާޓީގެ ކެންޑިޑޭޓަކީ، ވ. އާރަށުގެ ހިޔާނާތާ ގުޅޭ މައްސަލާގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. އެ މައްސަލައިގެ އިސްތިއުނާފު ކުރިއަށް ދާއިރު، ޝަރީއަތް ދުވަހެއް ދުވަހަކަށް ދަނީ ދިގުލައިގެންނެވެ. އެހެންވެ، އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެންމެފަހުން ވިދާޅުވި ގޮތުގައި، އަންނަ ރިޔާސީ އިންތިހާބުގައި ޔާމީންއަށް ވާދަނުކުރެވޭ ނަމަ އިންތިހާބު ފަސްކުރަން ޖެހޭނެ އެވެ.