Roadha Mihaaru

ޕީޕީއެމުން އެދެނީ އެއް ކެންޑިޑޭޓަކީ ޔާމީން ކަމަށް ހަމަޖައްސަން

ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރޭނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެ ފުރުސަތު ދެއްވުމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިއަދު އެދިއްޖެ އެވެ.

ޕީޕީއެމުން އެދެނީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖައްސަން
އާސިމާ ނިޒާރު
އާސިމާ ނިޒާރު

19 ޖުލައި 2023

ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރޭނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެ ފުރުސަތު ދެއްވުމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިއަދު އެދިއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް ޖޭޕީ އާއި ޑިމޮކްރެޓްސް އަދި އެމްއެންޕީން ވަނީ އެއްބަސްވެފަ އެވެ.

އެ މަޝްވަރާތަކަށް ފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެ ތިން ޕާޓީން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެފައިވާ ކަމަށެވެ. ދެން އޮތީ އެ މަޝްވަރާ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ އިތުރުން އެމްއާރުއެމްއާ ކުރުން ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވި އެވެ.

އޭގެ ފަހުން، ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރުމަށް ޕާޓީތަކުން ގުޅިގެން ކުރާ މަސައްކަތަށް އެ ޕާޓީން މަރުހަބާ ކިޔައި ޝުކުރު އަދާކުރުމަށެވެ. ނަމަވެސް، އެކަން ހާސިލްކުރުމަށް އިދިކޮޅުގެ ކޮމަން ކެންޑިޑޭޓަކީ ޔާމީން ކަމަށް ހަމަޖައްސައިދިނުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓަކު ނެރެން ޖޭޕީ އާއި ޑިމޮކްރެޓްސް އަދި އެމްއެންޕީން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު (ވ)، ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމް (މ) އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކ).-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމުގައި ނިންމާފައިވަނީ ޖުލައި 31، 2022 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީ ސެނެޓްގެ އިއްތިފާގުންނެވެ. އަދި އެ މަނިކުފާނަަށް މި ކޯލިޝަންގެ ރިޔާސީ ޓިކެޓު އަރުވާފައިވަނީ އޮގަސްޓް 19، 2022 ވީ ހުކުރު ދުވަހުގެ ރޭ ކާނިވަލްގައި ބޭއްވި ޖަލްސާއެއްގަ އެވެ." އެ ކޯލިޝަންގެ ބަޔާނުގައި ބުންޏެވެ.

ޕީޕީއެމްގެ ކެންޑިޑޭޓަކީ ޔާމީން ކަމަށް ހަމަޖެއްސިއަސް، އެ މަނިކުފާނަށް އިއްވާފައިވާނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ހުކުމާއި ގުޅިގެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ހަމަވާއިރު، އޭގެ ކުރިން ޔާމީންގެ އިސްތިއުނާފު މައްސަލަ ނިންމޭނެ ކަމާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. އެހެންވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުރުން ލާޒިމުވާ ޝަރުތެއް އުނިވެ ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލޭނެ އެވެ.

އެ ބަޔާނުގައި ބުނީ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އެ ކޯލިޝަނުން މާލެ އާއި ރަށްރަށުގައި ބާރަށް ކުރަމުން އަންނަ ކަމަށެވެ.