Roadha Mihaaru
ޑިމޮކްރެޓްސް އާއި ޖޭޕީގެ ގިނަ ބައެއްގެ ތާއީދު ލިބޭނެ

ޑިމޮކްރެޓްސް އާއި ޖޭޕީގެ ގިނަ ބައެއްގެ ތާއީދު ލިބޭނެ: ރައީސް

21 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ޑިމޮކްރެޓްސް އާއި ޖޭޕީން ވަކި ޕާޓީއަކަށް ތާއީދުކުރަން ނުނިންމި ނަމަވެސް އެ ދެ ޕާޓީގެ ގިނަ ބައެއްގެ ތާއީދު އެ މަނިކުފާނަށް ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ޑިމޮކްރެޓްސް އާއި ޖޭޕީން ވަކި ޕާޓީއަކަށް ތާއީދުކުރަން ނުނިންމި ނަމަވެސް އެ ދެ ޕާޓީގެ ގިނަ ބައެއްގެ ތާއީދު އެ މަނިކުފާނަށް ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، މާފަންނުގައި ފެއްޓެވި ޑޯޓުޑޯގެ ތެރެއިން، ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކެމްޕެއިނާ ގުޅިވަޑައިގަތުމަށް ޖޭޕީ ކައުންސިލްގެ ވަރަށް ގިނަ ބަޔަކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި އެކަން އިއުލާނުކޮށްފައިވާއިރު، ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ވެސް އިތުރު ބޭފުޅުންގެ ތާއިދު އޮތްކަން ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޖޭޕީގެ މެޖޯރިޓީ ކަހަލަ ގޮތަކަށް އެމްޑީޕީއާއެކީ މަސައްކަތްކުރާ ގޮތަށް އޮތީ. އިރާދަކުރެއްވިއްޔާ އެ ވެގެންދާނެ އަޅުގަނޑުމެން ކުރިއަށް މި އޮތް ދެ ވަނަ ބުރުގައި ކާމިޔާބުކުރުމަށްޓަކައި ލިބޭ ވަރަށް ރަނގަޅު ފާލަކަށް.." އެ މަނިކުފާނު ވިދާޅުވި އެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، މާފަންނުގައި ފެއްޓެވި ޑޯޓުޑޯގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެއަކަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީ ދެފަޅިވެ، އެ ޕާޓީގެ ތެރެއިން އުފަންވި ޑިމޮކްރެޓްސްއާއެކު ވެސް ކޯލިޝަން ހެދުމަށް ރައީސް މަޝްވަރާކުރެއްވި އެވެ. އެ ޕާޓީގެ ޝަރުތަކަށްވީ އަންނަ ހޯމަ ދުވަހު ނިޒާމީ ވޯޓެއް ނެގުމެވެ. އެކަމަކު، ރައީސް ވަނީ ދެ ވަނަ ބުރަށްފަހު ނިޒާމެއް ވޯޓެއް ނެގިދާނެ ކަމަށް އަންގައިފަ އެވެ. ނަމަވެސް، އެ ނިންމުންތަކާއެކު ވެސް ޑިމޮކްރެޓްސް އިން ނިންމީ އެއްވެސް ބޭފުޅަކަށް ތާއިދުނުކުރާށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާރު ކުރެވުނު މަސައްކަތުން ޑިމޮކްރެޓްސްގެ ބޮޑު ބައެއް އެމްޑީޕީއާއެކު ނުކުމެ އެބަތިބެވެ. ގާތްގަނޑަކަށް އެންމެންގެ ތާއިދު ލިބެމުންދާ ކަމަށާއި އެއާ އެކީގައި އިންތިހާބު ކާމިޔާބުކުރަން ފަސޭހަވާނެކަން ފާހަގަކުރެއްވި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިންތިހާބުން ރައީސަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެ މަނިކުފާނާއެކު ދެ ވަނަ ބުރުގައި ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، މާފަންނުގައި ފެއްޓެވި ޑޯޓުޑޯގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީޑިއާތަކާ އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، މާފަންނުގައި ފެއްޓެވި ޑޯޓުޑޯގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީޑިއާތަކާ އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީސީން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ރިޔާސީ އިންތިހާބަކީ އެންމެ މަދު މީހުން ވޯޓުލީ ފަހަރެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވީ ޑޯޓުޑޯގެ ތެރެއިން ބައްދަލުވާ ބައެއް މީހުން ވެސް، ފުރަތަމަ ބުރުގައި ވޯޓުނުލާ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު، ނަތީޖާ އައި ގޮތުން ދެ ވަނަ ބުރުގައި ވޯޓުލާން މަޖުބޫރުވެފައިވާ ކަމަށް އެ މީހުން ބުނެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެނބުރި ނާމާންކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާކަށް ތިމަންނަމެން ބޭނުމެއް ނޫނޭ. އެހެންވީމަ، ވަރަށް ބުރަކޮށް ތިމަންނަމެން މަސައްކަތް ކުރާނަމޭ. އަދި ނުކުމެ މި ތިބީ އަމިއްލައަށް އިސްނަގައިގެން ޓީމުތައް ހަދައިގެން އެބަ މަސައްކަތްކުރަމޭ." އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީންކަން އެބައޮތް. އިރާދަކުރެއްވިއްޔާ ފަސޭހަ ކާމިޔާބީއެއް މީގައި އަޅުގަނޑުމެންނަށް ލިބިގެންދާނެ."