Roadha Mihaaru
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި

ރައީސާއި ގާސިމް އެކުގައި މަސައްކަތްކުރަން މަޝްވަރާގައި

14 ސެޕްޓެމްބަރ 2023

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެހީތެރިކަން ހޯދުމުގެ މަޝްވަރާތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވާ 12 ގަޑިއިރު ވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެހީތެރިކަން ހޯދުމުގެ މަޝްވަރާތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވާ 12 ގަޑިއިރު ވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 5،460 ވޯޓު ލިބިވަޑައިގެންނެވި ގާސިމްގެ އެހީތެރިކަން ދެ ވަނަ ބުރުގައި ހޯއްދެވުމުގެ މަޝްވަރާ އަށް ރައީސް ސަން އައިލެންޑަށް ވަޑައިގަތީ އިއްޔެގެ ހަވީރު ފަހެއް ޖަހާކަންހާއިރެވެ.

އޭގެ ފަހުން މިހާތަނަށް މަޝްވަރާތަކުގައި 12 ވަރަކަށް ގަޑިއިރު ދެ ބޭފުޅުން ހޭދަކުރައްވާފައިވާ ކަމަށް ސަން އައިލެންޑްގައި ހުންނެވި ޖޭޕީގެ މެމްބަރަކު ވިދާޅުވި އެވެ.

"ރޭ ވެސް ވަރަށް ގިނަ ވަގުތު ދެ ބޭފުޅުން ވަކިން ބައްދަލުކުރެއްވި. ބްރޭކްތައް ކަނޑާލާފައި މަޝްވަރާތަކުގައި 12 ވަރަކަށް ގަޑިއިރު ހޭދަކުރެއްވި ކަމަށް ބެލެވޭ. ނިދިކުރައްވަން ވަޑައިގަންނަވަންދެން [ރޭ ދަންވަރު އެކެއް ޖަހަންދެން] މަޝްވަރާގައި ތިއްބެވި،" އޭނާ ވިދާޅުވި އެވެ.

ރައީސް އިއްޔެ މާމިގިއްޔަށް ވަޑައިގަތުމުން ގާސިމް މަރުހަބާ ދަންނަވަނީ.

ރައީސް އިއްޔެ މާމިގިއްޔަށް ވަޑައިގަތުމުން ގާސިމް މަރުހަބާ ދަންނަވަނީ.

އެނގިފައިވާ ގޮތުގައި ރައީސާއި ގާސިމްގެ މަޝްވަރާތަކުގައި ބައިވެރި ކުރައްވަނީ ގާސިމްގެ އަރިސް ބޭފުޅުންގެ ތެރެއިން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ވިޔަފާރިވެރިޔާ އަދި ގާތް އެކުވެރިޔާ އިސްމާއިލް ޝުޖާއު (އިންމަ) އެވެ.

"އެހެން ނޫނީ ރައީސާއި ގާސިމް ވަކިން ބައްދަލު ކުރައްވަނީ،" ގާސިމްގެ ވެސް އަރިސް މެމްބަރަކު ވިދާޅުވި އެވެ.

ގާސިމް މިއަދު ހެނދުނު ވަނީ ޖޭޕީގެ ލީޑަޝިޕްގެ ބައެއް އިސްވެރިން ސަން އައިލެންޑަށް ގެންދަވައިފަ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި އެޑްވައިޒަރު އިރުތިޝާމް އާދަމެވެ.

ރައީސް އިއްޔެ ސަން އައިލެންޑަށް ވޑައިގަތުމުން އެ ރިސޯޓުގެ މުވައްޒަފަކު އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ.

ރައީސް އިއްޔެ ސަން އައިލެންޑަށް ވޑައިގަތުމުން އެ ރިސޯޓުގެ މުވައްޒަފަކު އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ.

އެހެން ބައެއް ވެރިން އިއްޔެ އާއި މިއަދު ވެސް ސަން އައިލެންޑްގައި އެބައތިއްބެވި އެވެ. އޭގެ ތެރޭގައި އެޑްވައިޒަރުން ކަމަށްވާ އަހުމަދު ނިހާނާއި ރިޔާޒް ރަޝީދާއި ކުރީގެ މެމްބަރު އަލީ ޝާހާއި ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ފަދަ ބޭފުޅުން ހިމެނެ އެވެ.

ރައީސްގެ އަރިހުގައި ވަޑައިގަތް ބޭފުޅުންގެ ތެރޭގައި އެ މަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ އިސް މެމްބަރު އަލީ ޒާހިރު ހިމެނިވަޑައިގަންނަވަ އެވެ.

އެންމެ ގިނަ ވޯޓާ އެކު ދެވަނަ ބުރަށް ދެން ދަތުރުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ޓީމެއް ވެސް މީގެ ދެ ދުވަސް ކުރިން ސަން އައިލެންޑްގައި ގާސިމާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރި އެވެ. އެކަމަކު، އެއްވެސް ބައްދަލުވުމަކުން ނިންމި ގޮތެއް އަދި ސާފެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.