Roadha Mihaaru
ޖޭޕީ އިން ބުނަނީ ކޯލިޝަނެއް މިހާރު ނެތޭ!

ސަރުކާރާ އެކު ހެދި ކޯލިޝަން އެއްބަސްވުން އޮތީ ރޫޅިފައި: ޖޭޕީ

25 ޖުލައި 2023

މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ އެކު ހެދި ކޯލިޝަން މިހާރު އޮތީ ރޫޅިފައި ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ އެކު ހެދި ކޯލިޝަން މިހާރު އޮތީ ރޫޅިފައި ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ބުނެފި އެވެ.

މާމިގިލި ދާއިރާގެ މެމްބަރު އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް އެހެން ވިދާޅުވީ، ދެ ވަނަ ދައުރަކަށް ނުކުންނަވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރި ހޯދަން ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމުން މިއަދު ކުރި މަޝްވަރާތަކަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.

އޭނާ އެހެން ވިދާޅުވި ނަމަވެސް މި ސަރުކާރުގެ ކޯލިޝަނުން ރަސްމީކޮށް އެމްޑީޕީ އާއި ޖޭޕީ އަދި ވަކިވި ކަމަކަށް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ޖޭޕީގެ ސްލޮޓްގައި މިހާރު ވެސް މި ސަރުކާރުގެ އިސް މަގާމުތަކުގައި ބައެއް ބޭފުޅުން އެބަތިއްބެވި އެވެ.

އެކަމަކު ރިޔާސީ ދެވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ދިން ދައުވަތު ޖޭޕީ އާއި އެމްއާރުއެމުން ވެސް ގަބޫލެއް ނުކުރި އެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ތިބެމެ، ސަރުކާރާ ދެކޮޅަށް ޖޭޕީން މަސައްކަތް ކުރާ މައްސަލާގައި ސުވާލު ކުރުމުން، ޑރ. އަމީން ވިދާޅުވީ، ކޯލިޝަންގެ އެއްބަސްވުން ހެދީ މި އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ 2023 ގެ ނޮވެންބަރު 11 އިން ފެށިގެން އެކޮޅަށް މިދާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް. އެހެންވީމާ އަޅުގަނޑުމެން މީގެ [ސަރުކާރުގެ ކޯލިޝަން] ތެރޭގައި ތިބެގެންނޭ ކިޔާފައި މާ ފަހުން އަންނަ ތާރީހަކަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އެއްބަސްވުމުގައި އެހެން އޮތްއިރު، މި ހިސާބަށް އައިރު އެއްބަސްވުމެއް އޮތްތޯ ވެސް ސުވާލު އުފައްދަން ޖެހޭ ކަމަށް ޑރ. އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރު ވެރިކަމަށް އައިސް ހަތަރު މަހެއްހާ ދުވަސް ފަހުން 2019 ގެ ކުރީކޮޅު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައިން އެ އެއްބަސްވުން ސަރުކާރުން ވަނީ ރޫޅާލައިފަ އެވެ.

"އެހެންވީމާ އެއްވެސް ބަޔަކަށް ކްލެއިމް ކުރެވޭ ކަށް ނެތް އަޅުގަނޑުމެން [ޖޭޕީ] އެއްބަސްވުމާ ހިލާފުވި ކަމަކަށް،" އަމީން ވިދާޅުވި އެވެ.

މަޝްވަރާ ބައްދަލުވުމަށް ފަހު ޖޭޕީގެ ނައިބު ލީޑަރު ޑރ. އަމީން ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ކޯލިޝަންގެ އެއްބަސްވުމެއް ނެތް ކަމަށް.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މަޝްވަރާ ބައްދަލުވުމަށް ފަހު ޖޭޕީގެ ނައިބު ލީޑަރު ޑރ. އަމީން ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ކޯލިޝަންގެ އެއްބަސްވުމެއް ނެތް ކަމަށް.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކޯލިޝަން އެއްބަސްވުން ރޫޅިފައިވާ ކަމަށް ޖޭޕީން ބުންޏަސް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ، އެމްޑީޕީއާ އެކު ވެރިކަމަށް އައުމަށް ހެދި ކޯލިޝަން އެއްބަސްވުން އެމްއާރްއެމުން ދަމަހައްޓާނެ ކަމަށެވެ.

މި ދައުރު ނިންމާލާނީ ކޯލިޝަން ޕާޓީތައް އެކުގައި އޮވެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ފަހުން ވެސް ވަނީ ވިދާޅުވެފަ އެވެ.

"އިރާދަކުރެއްވިއްޔާ ނޮވެމްބަރު މަހާ ހަމައަށް މި ދައުރު ނިމި، އަނެއް ދައުރު ފެށެންދެން މި ކޯލިޝަން އަޅުގަނޑު ދަމަހައްޓާނަން،" ހއ. އަތޮޅަށް މިދިޔަ ހަފުތާގައި ކުރެއްވި ދަތުރުފުޅުގައި މާރަންދޫގައި ހުންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާއިރު ކޯލިޝަންގެ ބައެއް މީހުން ނެތުމަކީ މައްސަލައެއް ނޫން ކަމަށެވެ.