Roadha Mihaaru
ރައީސް ދޫކޮށް، ގާސިމް ވަކިން ކެމްޕެއިނަށް ތައްޔާރުވަނީ

ރައީސް ދޫކުރައްވައި، ގާސިމް ވަކިން ކެމްޕެއިނަށް ތައްޔާރުވަނީ!

24 މާޗް 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީ ދޫކުރައްވައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވަކިން ކެމްޕެއިން ކުރެއްވުމުގެ ތައްޔާރީތައް ފައްޓަވައިފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީ ދޫކުރައްވައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވަކިން ކެމްޕެއިން ކުރެއްވުމުގެ ތައްޔާރީތައް ފައްޓަވައިފި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކަންކަން ކުރަން ފެއްޓެވިކަން ގާސިމް އިއުލާން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ.

އެ މެސެޖުގައި އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބާ ގުޅުން ހުރި މަސައްކަތްތައް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާ މިހާރު ހަވާލު ކޮށްފައިވާތީ އެ ޕާޓީގެ ލީޑަޝިޕާއި ކައުންސިލާއި ސެކްރެޓޭރިއޭޓްގެ މީހުންގެ އެއްބާރުލުން އަމީނަށް ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

ގާސިމް ވިދާޅުވިގޮތުގައި، އިންތިހާބު ކާމިޔާބު ކުރެވޭނީ އެ ހުރިހާ އެންމެންގެ އެއްބާރުލުމާއެކުގަ އެވެ.

"އަދި ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް މި ކެމްޕެއިންގައި މުހިންމު ދައުރެއް އޮތް ވާހަކަ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ އަމަލީ މަސައްކަތްތައް ފަށަން ގާސިމް ތައްޔާރުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދިވެސް ހުންނެވީ ގާސިމްގެ ޖަވާބެއްގެ އިންތިޒާރުގައި ކަމަށް މިދިޔަ އަންގާރަ ދުވަހު މީޑިއާގައި ވިދާޅުވި އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބަށް ރައީސާއި އެމްޑީޕީއާއެކު މިހާތަނަށް ކޯލިޝަން ހަދަން ނިންމި އަދާލަތު ޕާޓީ އާއި އެމްޑީއޭއާއެކު މުލީއާގޭގައި އޮތް ބައްދަލުވުމަކަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އަދިވެސް ހުންނެވީ ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީއަށް ދެއްވި ދައުވަތުގެ އިންތިޒާރުގައި ކަަމަށެވެ.

"ގަބޫލު ކުރަންވާނެ ހިޔާލު ތަފާތުވާ ބައެއް ޑިސިޝަންތަކެއް ނަގާއިރު ތިބޭކަމަށް ވާ ނަމަ އެ ކަމެއް އެގޮތަކަށް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ޖޭޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކެންޑިޑޭޓުން ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ. ބެލެވޭ ގޮތުގައި އެ ކަމަށް ކުރިމަތިލައްވާނީ ގާސިމް އެކަންޏެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީން ވަކިން ނުކުންނަން ނުވަތަ އެ ޕާޓީ އިސްވެ ކޯލިޝަނެއް ހެދުމަށް ކޮންގްރެސް އިން ވަނީ ފާސްކޮށްފަ އެވެ. އަދި ކޯލިޝަން ހަދާ ނަމަ އެ ކަމުގެ މަޝްވަރާތައް ކުރުމުގެ ބާރު ކައުންސިލުން ވަނީ ގާސިމަށް ދީފަ އެވެ. އެހެންވެ. އޭނާ މިހާތަނަށް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމާއި ސަލަފް ޖަމިއްޔާއާ ބައްދަލުކުރައްވައިފަ އެވެ. އެ ދެ ޕާޓީއާއެކު ބޭއްވި ބައްދަލުވުމުގައި ކުރިއެރުންތަކެއް އަދި ލިބިފައި ނެތަސް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އާ އެކު ޖޭޕީން ވަނީ އިތުރު މަރުހަލާއަކަށް ގޮސްފަ އެވެ. އެއީ މެނިފެސްޓޯ އެކުލައިލުމެވެ.

ނަޝީދުގެ އެދިވަޑައިގަތުމަކަށް ޖޭޕީގެ އިސް ވަފުދަކުން މިދިޔަ ބުދަ ދުވަހުގެ ރޭ ނަޝީދުގެ ޓީމަކާ ބައްދަލުކޮށް ވަނީ ދެ ފަރާތް ގުޅިގެން މެނިފެސްޓޯ އެކުލަވައިލުމުގެ މަޝްވަރާ ބާއްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން ވިދާޅުވީ، އެއީ ފެށުމެއް ކަމަށެވެ. ނަޝީދުގެ މަންދޫބު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އަންނަ ހަފުތާގައި ވެސް ކޯލިޝަނާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.