09 ޖޫން 2023
އޭނާ ހުންނެވީ މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލުން ނިންމި ނިންމުން ތަންފީޒު ކުރުމުގައި ސާބިތުކަންމަތީގައި ކަމަށް ވިދާޅުވެ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ޖަވާބު ފޮނުއްވައިފި އެވެ.
އޭނާ ހުންނެވީ މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލުން ނިންމި ނިންމުން ތަންފީޒު ކުރުމުގައި ސާބިތުކަންމަތީގައި ކަމަށް ވިދާޅުވެ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ޖަވާބު ފޮނުއްވައިފި އެވެ.
ގާސިމް ސޮއިކުރައްވައި، އެ ޖަވާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާ އަށް އެދިވަޑައިގެން މި އަހަރުގެ ފެބްރުއަރީ 19 ގައި ރައީސް ފޮނުއްވި ދައުވަތުގެ ޖަވާބުގަ އެވެ.
އޭގެ ޖަވާބުގައި ގާސިމް ވިދާޅުވީ، ފެބްރުއަރީ 23-24 ގައި ބޭއްވި ޖޭޕީގެ ކޮންގްރެސްގައި ވަނީ މި ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް އިއްތިފާގުން ގަރާރެއް ފާސްކޮށްފައި ކަމަށެވެ. އެ ގަރާރު ކައުންސިލަށް ހުށަހެޅުމުން ވެސް އިއްތިފާގުން އެ ފާސްކޮށް، ގަރާރުގައި ބުނާ ކަންކަން ގަބޫލުކޮށް، ޖޭޕީގެ ކެންޑިޑޭޓަކީ އޭނާ ކަމަށް ފާސްކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ވީމާ، ދިވެހި ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމެވުން ތަންފީޒު ކުރުމުގައި އަޅުގަނޑު ސާބިތުވެ ހުރި ވާހަކަ ދެންނެވީމެވެ. އަދި މި ޕާޓީ އަށް ދެއްވި ދައުވަތަށްޓަކައި އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ،" ގާސިމްގެ ސިޓީގައި ވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަށް ތިން މަހަށް ވުރެ ގިނަ ދުވަސްވި ފަހުން ގާސިމް ޖަވާބު ދެއްވިއިރު، ޖޭޕީގެ ރިޔާސީ ޓިކެޓް ގާސިމާ ހަވާލުކުރުމުގެ ޖަލްސާ މިރޭ މާލޭގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
ގާސިމްގެ ޖަވާބު މިހާ ފަހުން ދެއްވިޔަސް ޖޭޕީގެ ކޮންގްރެސް އާއި ކައުންސިލްގެ ނިންމުންތަކާ ހެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމް އަދި އެމްޑީޕީ އާއި ޖޭޕީގެ ގުޅުން މިވީ މުއްދަތުގައި ރަނގަޅެއް ނޫނެވެ. އެ ނިންމުންތަކުގެ ސަބަބުން، ޖޭޕީގެ ސްލޮޓްގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އެ ޕާޓީ ދޫކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް ވެސް އަރުއްވައިފަ އެވެ.
އަދި އެމްޑީީޕީގެ ތެރެއިން ވަކި ފެކްޝަނެއް ހަދައިގެން އުޅުއްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމްގެ ގުޅުން ވަަރަށް ބޮޑަށް ރަނގަޅުވެ، ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރެއްވުމުގެ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންދެވި އެވެ. އެކަމަކު، ބަރުލަމާނީ ނިޒާމުގެ ހުށަހެޅުމާ އެކު، އެ މަޝްވަރާ ވަނީ ހުއްޓިފަ އެވެ. ސިޔާސީ މަސްރަހަށް އައި ބަދަލަށް ފަހު، ގާސިމް ވަނީ ނަޝީދަށް ވަރަށް ފަހުން ބަހުގެ ހަމަލަތަކެއް ވެސް ރައްދު ކުރައްވައިފަ އެވެ.
މި އަހަރުގެ މާޗް 14 ގައި ބޭއްވި ޖޭޕީގެ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު އިންތިހާބު ކާމިޔާބު ކުރުމަށެވެ. އަދި އެ މަހުގެ ހައެއްގައި ފާސްކުރި ގަރާރަކުން ވަނީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެކަމުގެ މަޝްވަރާތައް ޖޭޕީން އިސްވެ ކުރިއަށް ގެންދިއުމުގެ ބާރު ގާސިމަށް ދިނުމަށެވެ.
"ރިޔާސީ ކެންޑިޑޭޓާއި ކޯލިޝަނެއް ހަދަން ޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ މަސްލަހަތު އެންމެ ރައްކާތެރިކުރެވޭނެ ގޮތް ކަމަށް އަޅުގަނޑަށް ފެންނަ ހިނދު އެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމަށް ދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ،" ކައުންސިލް މެމްބަރު މުހައްމަދު ނާޒިލް ހުށަހެޅުއްވި ގަރާރުގައިވެ އެވެ.
ގާސިމްގެ ޖަވާބުގައި ވަނީ 2018 ގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމެވި ސަބަބުތަކުގެ މައްޗަށް ވެސް ބައްލަވާލައްވައިފަ އެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ އިތުރުން 2008 ގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ހޮވުމަށް ޖޭޕީން ވަރަށް އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރި ކަމަށް ގާސިމްގެ ސިޓީގައި ވެ އެވެ.
އެ ދެ ފަހަރު ވެސް ޖޭޕީން މަސައްކަތް ކުރި ގޮތަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވުނު ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ދެ ފަހަރު ވެސް މި ޕާޓީން އެމްޑީޕީގެ ކެންޑިޑޭޓަށް ބައިއަތު ހިފައި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ތާއީދު ކުރީ ރާއްޖޭގެ ސަރަހައްދާއި، މިނިވަންކަމާއި، އިސްތިގުލާލާއި، ދިވެހިންގެ ދީން ރައްކާތެރިކޮށް، ރާއްޖޭގެ ސްޓްރަޓެޖިކް އެސެޓްތަކާއި ރާއްޖޭގެ އިގްތިސާދު ހިމާޔަތްކޮށް، ކުރިއަރުވައި، ރައްޔިތުންގެ މެދުގައި އިންސާފު ގާއިމްކޮށް، ދިވެހިންގެ މެދުގައި އިޖުތިމާއީ ހަމަޖެހުން އާލާކޮށް، ގައުމަށް ތަރައްގީ އާއި ކުރިއެރުން ގެނެސްދީ، ހަމަޖެހޭ، އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށެވެ،" ގާސިމްގެ ޖަވާބުގައި ވިދާޅުވި އެވެ.
ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި އެ ކަންކަމާ މެދު މިހާތަނަށް އަމަލުކުރެއްވި ގޮތުންނާއި ކަންކަން ހިނގަމުންދާ ގޮތުން، މި ފަހަރު ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެން އެ ޕާޓީގެ ކައުންސިލުން ފާސްކުރީ ކަމަށް ގާސިމް ވިދާޅުވި އެވެ.
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް
ޖޭޕީ އިން ބުނަނީ ކޯލިޝަނެއް މިހާރު ނެތޭ!
"ގާސިމްގެ ފަހަރު" ކަމަށް ދައްކަނީ މި ފޯމިއުލާއިން!
ރައީސްގެ މަންދޫބަކު އަނެއްކާވެސް ގާސިމްގެ އަރިހަށް!
"ގާސިމް ވާދަކުރުމަކީ ރައީސަށް ގޮންޖެހުމެއް ނޫން"
ގާސިމްގެ ރައްދު: ރައީސް ވެސް އިސްތިއުފާ ދޭން ޖެހޭނެ
ގާސިމް ގޮތް ނިންމާނީ މަސްލަހަތަށް ވިސްނާފައި: އިމްރާން
ރައީސްގެ ބައްދަލުވުމާ ގުޅޭގޮތުން ގާސިމް ވާހަކަނުދެއްކެވި