Roadha Mihaaru
"ނޮވެމްބަރުގައި ނިޒާމީ ވޯޓު ނެގިދާނެކަމަށް ދެންނެވިން"

ނަޝީދު އާ ވާހަކަ ދެކެވުނު, ނޮވެމްބަރު 17ގެ ކުރިން ނިޒާމީ ވޯޓު ނެގިދާނެ ކަމަށް ދެންނެވިން: ރައީސް

18 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާ ވާހަކަދައްކަވާފައިވާ ކަމަށާއި، ނިޒާމީ ވޯޓު އަންނަ ނޮވެމްބަރު 17 ގެ ކުރިން ނެގިދާނެ ކަމަށް ދަންނަވާފައިވާނެ ކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާ ވާހަކަދައްކަވާފައިވާ ކަމަށާއި، ނިޒާމީ ވޯޓު އަންނަ ނޮވެމްބަރު 17 ގެ ކުރިން ނެގިދާނެ ކަމަށް ދަންނަވާފައިވާނެ ކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ހެންވޭރުގެ ގޭގެއަށް ދޮރުން ދޮރަށް ފެއްޓެވުމަށްފަހު، މީޑިއާތަކާ ވާހަކަދައްކަވަމުން، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ ގުޅިގެން މަސައްކަތް ކުރުމަށް ނަޝީދުގެ ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ޝަރުތަކީ މި މަހުގެ 25 ގައި ނިޒާމީ ވޯޓެއް ނެގުން ކަމަށެވެ.

ނަމަވެސް، ރައީސް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ނިޒާމީ ވޯޓު ނެގުމަކީ އެހާ ޕްރެކްޓިކަލް ކަމެއް ނޫން ކަމަށާއި އިންތިހާބަށް ފަހު އެކަމުގެ ވޯޓެއް ނެގުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނު ހުށަހެޅުއްވީ "ރީޒަނަބްލް ޕްރޮޕޯޒަލް"އެކެވެ. އެއީ، ރަނގަޅަށް އަދި އިތުބާރުކަމާއެކު އެކަން ކުރެވޭނެ ގޮތެއް ކަން ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ ޕާޓީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ ޕާޓީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ޑޭޓަކާ ގުޅޭގޮތުން ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން. ދައްކާފައި އެ ހުށަހެޅުން ހުށަހަޅާފައިވާނީ. އެއީ، މަޖިލީހުގައި މިހާރު ގަރާރެއް އެބައޮތް ދެއްތޯ، ނިޒާމީ ވޯޓު ނެގުމާ ގުޅޭގޮތުން. އަޅުގަނޑު ދެންނެވިން އެ ފާސްކޮށްފައި އަޅުގަނޑަށް ފޮނުއްވާށޭ، ފޮނުވީމަ އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް ލިޔުމަކުން ރިކުއެސްޓް ކުރާނަމޭ މިވެނި ތާރީހެއްގައި އެ ވޯޓު ނަގައިދޭން. އޭރަށް އޮންނާނީ ދުވަސް ވެސް ކަނޑައެޅިފައި،" ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރަށް ގޮވާލައި ހުށަހަޅުއްވާފައިވާ ގަރާރަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބު ނިމުމާއެކީގައި އެކަން ކުރެވޭނެ ގޮތްތަކެއް ބާއްވާފައި އަޅުގަނޑު ބާއްވާނަމޭ. އެ ހުށަހެޅުން އަޅުގަނޑު ހުށަހަޅާފައިވާނީ. އޭގެ ފަހަކުން އަދި ޖަވާބެއް ނުލިބޭ. އެއީ ނޮވެމްބަރު 17 ގެ ކުރިން."

އެ މަނިކުފާނު ވިދާޅުވީ ނަޝީދާ ފޯނުން އިއްޔެ ވާހަކަ ދެއްކެވީ ދުވަސްތަކަށްފަހު ކަމަށް ވިޔަސް، ދެ ބޭފުޅުން މާ ދުރުގައި ތިބި ތަނެއް ފެނިވަޑައިނުގެންނެވި ކަމަށެވެ.

"ކުރިއެކޭ އެއްގޮތަށް ހަމަ ފުރަތަމަ ވެސް ފަށައިގަނެވުނު ވާހަކަ ދައްކަން. މި އުޅެނީ ސިޔާސީ ހިޔާލު ތަފާތުވުންތަކެއް. އިއްޔެ ވާހަކަދެކެވުނީ މުޅިން މިކަމާ ގުޅޭގޮތުން،" ރައީސް ވިދާޅުވި އެވެ.

ނަޝީދު އެމްޑީޕީއާ ކޯލިޝަން ހަދައިފިނަމަ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްއިން ހޯދި 15،000 އަށް ވުރެ ގިނަ ވޯޓުގެ ބޮޑުބައި ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން އަމަލު ކުރާނެ ގޮތެއް މިރޭ ބާއްވާ އެ ޕާޓީގެ ކައުންސިލުގެ ބައްދަލުވުމުގައި ނިންމާނެ ކަމަށް ވަނީ ބުނެފަ އެވެ.