Roadha Mihaaru
ވަގު ހަދައިގެން ރައީސަށް މޮޅެއް ނުވެވޭނެ: ނަޝީދު

ވަގު ހަދައިގެން ވެސް ރައީސަށް އިންތިހާބުން މޮޅެއް ނުވެވޭނެ: ނަޝީދު

03 ޖެނުއަރީ 2023

ވަގު ހަދައިގެން ވިޔަސް އިންތިހާބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮޅެއް ނުވާނެ ކަމަށް، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަގު ހަދައިގެން ވިޔަސް އިންތިހާބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮޅެއް ނުވާނެ ކަމަށް، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ބޮނޑިބަތް ޕާކު ސަރަހައްދުގައި ބޭއްވި އެއްވުމުގައި، މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން 39،000 މެމްބަރުން ވަކިކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެ ޕާޓީގެ މެމްބަރުން ދަފްތަރުން ވަކިކޮށް، އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމަށާއި އެއީ ހަދާފައިވާ ވަރަށް ބޮޑު "ވަގެއް" ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވި އެވެ.

އިންތިހާބާ ދިމާކޮށް ޕާޓީން އެތައް ހާސް މެމްބަރުންނެއް ވަކިކުރުމަކީ، ނަޝީދުގެ ކެމްޕެއިން ޓީމުން ބުނާ ގޮތުން، އިންތިހާބު އޮޅުވާލުމަށް ހިންގި ޖަރީމާއެކެވެ. އެ މައްސަލަ ބެލުމަށް އެ ޓީމުން ވަނީ އެމްޑީޕީ އަށް ވެސް ހުށަހަޅައިފަ އެވެ.

ނަމަވެސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އިންތިހާބުން މަކަރު ހަދައިގެން މޮޅެއް ނުވެވޭނެ ކަމަށެވެ. އެހެން ނޫން ނަމަ 2018 ވަނަ އަހަރު ބޭއްވި އިންތިހާބުގެ ދެ ވަނަ ދައުރަކަށް އޭރުގެ ރައީސް އަބްދުﷲ ޔާމީން ހޮވިވަޑައިގެންނެވީސް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ މި ހުންނަނީ ވަރަށް ވަރަށް ވަރަށް ހުތުރު އަމަލުތައް. އިންތިހާބަކުން ވަގު ހަދައިގެންނެއް މޮޅެއް ނުވެވޭނެ. އެހެން ނަމަ އަޅުގަނޑު ރައީސް އަރިހު ދަންނަވަން ބޭނުމީ 2018 ގައި ރައީސް ޔާމީނަށް ވެސް މޮޅުވެވުނީސް" ނަޝީދު ވިދާޅުވި އެވެ.

"ހުރިހާ ވަސީލަތެއް ހުރި. ހުރިހާ ބާރެއް އޮތް، ސިޔާސީ ހުރިހާ ލީޑަރުން ތިބީ ބަންދުގައި. އެހެން ނަމަވެސް ނަތީޖާ ނުކުތީ ދިމާ އިދިކޮޅަށް"

ނަޝީދު ވިދާޅުވީ ރަނގަޅަށް ކެމްޕެއިން ކުރާ ނަމަ ކާމިޔާބުވާނެ ކަމަށެވެ. އެހެން ނޫނީ 70،000 އަށް ވުރެ ގިނަ މެމްބަރުންގެ ވޯޓު ސަރުކާރަށް ގެއްލޭ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ ދެ ވަނަ ދައުރެއް ހޯއްދެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރާ މެދު ނަޝީދުގެ އެންމެ ބޮޑު ހިތްހަމަނުޖެހުންތަކެއް އުފެދުނީ އެއް ސަބަކަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގެންގުޅޭ ސިޔާސަތުންނެވެ.

މާލޭގައި އަދި ރާއްޖޭގައި ވެސް އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި ޕްރައިމަރީ އަށް ނުކުންނަވަން ބޭނުންފުޅުވި އެއް ސަބަބަކީ ވެސް އެ މައްސަލަ ހައްލުކުރުން ކަމަށް ވިދާޅުވާ ވިދާޅުވުން ނަޝީދު ތަކުރާރުކުރެއްވި އެވެ.

އެ މަނިކުފާނަކީ މާލޭގެ ގޭގެއަށް އާއްމުކޮށް ޒިޔާރަތްކުރައްވާ ބޭފުޅެއް ކަމަށާއި އަދި ރަށްރަށުގައި ވެސް ގޭގެއަށް ޒިޔާރަތްކޮށް އެ މީހުންގެ ހާލަތު ބަލާއިރު، ނިކަމެތި މީހުން މާ ބޮޑަށް ނިކަމެތިވަމުންދާތަން ފެނިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މާލޭގެ ގޭގެއަށް އާއްމުކޮށް ވަންނަން. ރަށްރަށުގައި، ވެސް މާލޭގައި ވެސް ނިކަމެތި މީހުން މާ ބޮޑަށް، މާ ބޮޑަށް ނިކަމެތިވަމުންދާތަން ފެނޭ. ފަގީރުންނާއި މުއްސަނދިންގެ ތަފާތު މާ ބޮޑަށް ފަރަގު ފެންނަން ފަށައިފި،" ނަޝީދު ވިދާޅުވި އެވެ.

"އެމްޑީޕީގެ މެނިފެސްޓޯ އަބަދު ވެސް އެކުލަވާލަނީ މި ދެންނެވި ސިޔާސީ އަދި އިގުތިސޯދީ އަދި އިޖުތިމާއީ ކަންކަމަށް ވިސްނުމަށްފަހުގައި."

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީން ކޮންމެ އަހަރަކު ވެސް އިންތިހާބަށް ކުރިމަތިލަނީ ކާމިޔާބުކުރުމަށް ފަހު، ތަންފީޒުކުރާނެ ސިޔާސަތުތަކާއެކު އެވެ. އެހެންވެ، ރަށުން ގޯތި ދިނުމަކީ އޭގެ ސިޔާސަތުގައި ލިޔެފައިވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް، އެކަން ނުވެ އޮތުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށް ވިދާޅުވި އެވެ.

"ބޯހިޔާވަހިކަމަކީ އަލުން އާ ވައުދުތަކެއްގެ ގޮތުގައި ވާން ޖެހޭ ކަމެއް. އެ މަސައްކަތް ކުރެވޭނެ. އެއީ ޝައްކު އުފެދޭ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ ތަރައްގީ އާއި ތަނަވަސްކަން ހޯދައިދިނުމަށް ސަރުކާރުން ކޮށްދޭންޖެހޭ އެންމެ ބޮޑު ކަމަކީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން އެ މަނިކުފާނު ވިދާޅުވި އެވެ. ދެން ލިބޭ އެމްޑީޕީގެ ވެރިކަމުގައި އެކަމަށް ހައްލު ހޯދައިދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.